ހަބަރު

ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރަން މާލީ އެހީ އިތުރުކުރަން ޖެހޭ: ތޯރިގް

ޖަައްވަށް ދޫކުރާ ވިހަގަދަ ގޭސްތަކުން ލިބޭ ގެއްލުން ކުޑަކުރެވެން އަންނަނީ ބައިނަލްއަގުވާމީ ފަރާތްތަކުގެ މާލީ އެހީތެރިކަން ދާއިމީގޮތެއްގައި ލިބިގެން ކަމަށް، އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޕެރިހުގައި ކުރިއަށްދާ "ކޮޕް 21" ގެ ހަވާސާގައި ކްލައިމެޓް އެންޑް ކްލީން އެއާ ކޯލިޝަން (ސީސީއޭސީ) އިން ބޭއްވި ޕެނަލްޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން ތޯރިޤް ވިދާޅުވީ ކުރު މުއްދަތަކަށް ޖައްވު ތަޢައްޔަރު ކުރާ ވިހަ މާއްދާތައް މަދުކުރުމަށްޓަކައި އޮތް އެއްމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ގޮތެއްގައި ދެމެހެއްޓެނެވި މާލީ އެހީތެރިކަން ލިބޭނެ ގޮތެއް ނެތުން ކަމަށެވެ. އެކަމުގެ ސަބަބުން އެކަށީގެންވާ ގޮތެއްގައި އެފަދަ މަސައްކަތްތައް ކުރުމަށް ހުރަސްތައް ހުރިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ކުރު މުއްދަތަކަށް ޖައްވު ތަޢައްޔަރުކުރާ ކުރާ ވިހަ މާއްދާތައް ބޭނުންކުރާ ވަރު ދަށް ކުރުމަށް ސަރުކާރުން ކުރާ، މަސައްކަތްތަކާ ބެހޭގޮތުން ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މޮންޓްރިއަލް ޕްރޮޓޮކޯލް އާއި އެއްގޮތަށް އެޗްއެފްސީ އަދި ކާބަންޑައިއޮކްސައިޑް އުފައްދާ އަދި ބޭނުންކުރާވަރު މަދުކުރުމަށް ރާއްޖެއިން މަސައްކަތްތަކެއް ކުރަމުން ދާ ކަމަށެވެ. ރާއްޖެއިން އެކަމަށް އެއްބާރުލުން ދޭނެ ކަމަށް ތޯރިގް ވިދާޅުވި އެވެ.

"މިހާރު މިދަނީ މާލޭގައި ހުރި އެޗްސީއެފްސީ އަދި އެޗްއެފްސީ ބޭނުންކުރާ އެއާކޯނުތަކުގައި ބަދަލުގައި ޑައިރެކްޓް ކޫލިން ޓެކްނޮލަޖީ ބޭނުންކުރާ އެއާކޯނަށް ބަދަލުކުރުމަށް ހަދަންޖެހޭ ފީސިބިލިޓީ ސްޓްޑީ ހަދަމުން. އޭގެ ސަބަބު ޖައްވަން ބޭރުކުރާ ވިހަ ގޭސް ވަރަށް ބޮޑަށް މަދުކުރެވޭނެ" ތޯރިޤް ވިދާޅުވި އެވެ.

ކުރު މުއްދަތަކަށް ޖައްވު ތަޢައްޔަރުކުރާ ވިހަ މާއްދާތަކާ ބެހޭ ދިރާސާތައް ކުރުމަށް ހަނިމާދޫގައި އޮބްޒަވޭޓްރީ އެއް ގާއިމުކޮށްފައިވާ ކަން ފާހަގަ ކުރައްވަމުން ތޯރިޤް ވިދާޅުވީ އެތަނުގައި ކުރި ދިރާސާތަކުން އެފަދަ ގޭސްތަކުން ރާއްޖެ އާއި އޭޝިއާ ކޮންޓިނެންޓަށް ކުރާނެ ނޭދެވޭ އަސަރު ދެނެގަނެވިފައިވާ ކަމަށެވެ. މިކަމާ ބެހޭގޮތުން އާއްމުން ހޭލުންތެރިކުރުމާއި މީހުން ތަމްރީނު ކުރުމާއި ޓެކްނޮލަޖީގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށް ޠޯރިޤް ވިދާޅުވި އެވެ.