ހަބަރު

އެމްއެމްޕީއާރުސީ އިން ގެއްލުނު ފައިސާ ހޯދޭނެ މަގު ހަނި: އޭސީސީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތްތުގެ ތެރެއިން ގެއްލުނު ފައިސާތައް ހޯދޭނެ މަގު ވަރަށް ހަނި ކަމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އޭސީސީއިންނާއި އޮޑިޓާ ޖެނެރަލް އަދި ފުލުހުން ގުޅިގެން ބޮޑު ތަހުގީގެއް ގެންދަނީ ކުރިއަށެވެ.

އެންޓި ކޮރަޕްޝަން ދުވަހާ ގުޅިގެން މިދިޔަ ބުދަ ދުވަހުގެ ރޭ ޗެނަލް 13 ގެ "ނިއުސް ޓޯކް" ޕްރޮގްރާމުގައި ވާހަކަދައްކަމުން ލުތުފީ ވިދާޅުވީ އޭސީސީ އަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަހުގީގުތަށް ލަސްވެ އެކަށީގެންވާ ބާރު މިނުގައި ކުރިޔަށް ގެންދިޔުމަށް އެޅޭ އެންމެ ބޮޑު އެއް ހުރަހަކީ ކޮރޮޕްޝަންގެ އަމަލުތައް ހުއްޓުވުމުގެ ގާނޫނަށް ގެންނަން ޖެހޭ ޒަމާނީ އިސްލާހުތައް އަދިވެސް ނުނެގެނެވި ހުރުން ކަމަށެވެ. އަދި އެ އިސްލާހުތައް އެކި ފޯރަމް ތަކުގައި މަޝްވަރާ ކުރުމަށްފަހު ރައްޔިތުން މަޖުލީހަށް ލާފަވީ ނަމަވެސް އެ އިސްލާހުތައް ގެންނަން މަސައްކަތް ކުރެވިފައި ނެތް ކަމަށް ލުތުފީ ވިދާޅުވި އެވެ.

ލުތުފީ ވިދާޅުވި ގޮތުގައި އޭސީސީ އަށް ރާއްޖޭގައި ހިނގާ އެތަށް ކޮރޮޕްޝަންގެ މައްސަލަ އެއް ހުށެހެޅޭއިރު ގާނޫނުގެ ތެރެއިން ކުރިމަތިވާ ގޮންޖެހުންތަކާ ހުރެ، އެންމެ އެކަށީގެންވާ ގޮތުގައި އެ ކަންކަން ހުއްޓުވަން ފިޔަވަޅެއް ނޭޅެ އެވެ. އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލައިގައި ވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮރަޕްޝަންގެ ތެރެއިން ގެއްލުނު ފައިސާ ގާނޫނީ ނިޒާމެއްގެ ތެރެއިން އަނބުރާ ހޯދޭނެ މަގު ހަނި ވެފައި ވުން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"އެގޮތުން ދައުލަތުން އެތަށް މިލިއަން ރުފިޔާއެއް ގެލުނު އިރު އެ ފައިސާ ހޯދުމަށް ޓަކައި ގާނޫނީ ނިޒާމެއްގެ ތެރެއިން ކުރެވެން ހުރި މަސައްކަތް ވަރަށް ކުޑަ،" ލުތުފީ ވިދާޅުވި އެވެ.

މީގެ އިތުރުން އެފަދަ ބޮޑެތި ޖަރީމާ ހިންގުމަށްފަހު އެމީހަކަށް ހުކުމެއް އައިސްގެން ބަންދުގައި ހުރިކަމުގައި ވީނަމަވެސް އެމީހަކު ނުހައްގުން ހޯދާފައި ހުރި ދިވެހި ރައްޔިތުންގެ ފައިސާ އިން ކޮންމެވެސް އެހެން ބަޔަކު ބޭނުން ކުރާނެ ކަމަށް ލުތުފީ ވިދާޅުވި އެވެ. ލުތުފީ ވިދާޅުވި ގޮތުގައި އެފައިސާތައް އަނބުރާ ރައްޔިތުންނަށް ހޯދޭނެ މަގެއް ނެތް ނަަމަ ރައްޔިތުންނަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށެވެ.

"އެހެންވެ އަޅުގަނޑު މިހާރުން މިހާރަށް ވެސް މިއެދެނޭ ރައްޔިތުން ގެ ފައިސާ އެއިން އެންމެ ރުފިޔާ އެއްވެސް މީހެއް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނުވަތަ އެހެން ގޮތަކަށް ވެސް ކޮރަޕްޝަންގެ ތެރެއިން ހޯދާ ފައިސާ އަޅުގަނޑުމެންނަށް އެދިޔަ ތަނަކުން ހޯދާ ދެވޭނެ މަގެއް ގާނޫނުގެ ތެރެއިން އޮންނަން ޖެހޭނެކަން،" އޭނާ ވިދާޅުވި އެވެ.

ކޮރޮޕްޝަންގެ މައްސަލަތަށް ބަލައި ތަހުގީގު ކުރުމަށް ހުރި ބައެއް ގޮންޖެހުންތަކަށް އިތުރަށް އަލިއަޅުވާލައި ލުތުފީ ވިދާޅުވީ ކޮރަޕްޝަނާ ބެހޭ ގާނޫނުގައި ކޮރޮޕްޝަން އަކީ ކޮބައިކަން ބަޔާން ކުރެވިފައި އޮންނަން ވާނެ ކަމަށެވެ. އެހެން ނަމަވެސް އެގާނޫނުގައި ކޮރޮޕްޝަން ޑިފައިން ކޮއްދީފައި ނުވާ ކަމަށެވެ. އަދި އޭގެ ސަބަބުން ބައެއް މައްސަލަ ބެލުމަށް ފުރުސަތު ހަނިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ރާއްޖޭގައި މިހާރު އަމަލު ކުރާ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނަކީ، 2001 ވަނަ އަހަރުގެ ގާނޫނެކެވެ. ލުތުފީ ވިދާޅުވީ ރާއްޖޭގައި މިހާރު ހިނގާ ކޮރަޕްޝަންގެ މައްސަލަތައް ކުރިއަށް ވުރެ ބޮޑުކަން ފާހަގަ ކުރައްވަމުން ލުތުފީ ވިދާޅުވީ އެފަދަ މައްސަލަތައް ތަހުގީގުކޮށް ބެލޭނެ ވަރުގެ ގާނޫނެއް އޮންނަން ޖެހޭ ކަމަށެވެ.