ހަބަރު

ހައިކޯޓުގެ ދެކުނު ގޮފީގެ އިސް ފަނޑިޔާރަކަށް އަބްދުލް ޣަނީ ހަމަޖައްސައިފި

ހައިކޯޓުގެ ދެކުނު ގޮފީގެ އިސް ފަނޑިޔާރުގެ ގޮތުގައި އަބްދުލް ޣަނީ ސުޕްރީމްކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.

ސުޕްރީމް ކޯޓުން އިއްޔެ ވަނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ހައިކޯޓުގެ ދެކުނު ގޮފީގައި މައްސަލަތައް ކުރިއަށް ގެންދިއުމަށްވެސް ކަނޑައަޅާފަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއިްތިފާގުން ޣަނީ އިސް ފަނޑިޔާރުގެ ގޮތުގައި ހަމަޖެއްސި އިރު އެކޯޓުގެ ދެ ފަނޑިޔާރުގެ ގޮތުގައި ދެން މަސައްކަތް ކުރައްވާނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.

ސްޕްރީމް ކޯޓުން އިއްޔެ ނެރުނު ޤަރާރުގައި ބުނެފައިވަނީ ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން ހައި ކޯޓުގެ ދެކުނު ގޮފި ގާއިމުކޮށްފައިވާ ކަމަށާއި، އެ ގޮފީގައި ޝަރީއަތްތައް ހިންގުމަށްޓަކައި އިދާރީ ގޮތުން ކުރަންޖެހޭ އިންތިޒާމުތައް ވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން ޑިސެމްބަރު 16 ވަނަ ދުވަހުން ފެށިގެން ހައި ކޯޓުގެ ދެކުނު ގޮފީގައި ގަވާއިދުން ޝަރީއަތްތައް ބާއްވަމުން ގެންދިއުމަށް، އިއްޔެ ބޭއްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅާފައިވާކަމަށެވެ.

ހައި ކޯޓުގެ ދެކުނު ގޮފިން ބަލާނީ ގދ، ގައ، ފުވައްލުމަކު އަދި އައްޑޫގައި ހުންނަ ފުރަތަމަ މަރުހަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތަކެވެ.