ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އަލުން ތަރައްގީ ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދިވެހި ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމްގެ ދަށުންނެވެ. އެހެންވެ މި މަޝްރޫއަށް ބީލަން ހުށަހެޅުމަށް ފުރުސަތު ދީފައިވަނީ އެ ބޭންކުން ޝޯޓްލިސްޓް ކޮށްފައިވާ ވަކި ފަރާތްތަކަކަށެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ޕަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެ އެވެ. އަދި ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.
ހަނިމާދޫ އެއާޕޯޓަށް އަންނަ ބަދަލުތައް
- އެއާސައިޑް، ލޭންޑްސައިޑް އަދި އިމާރާތްތަކުގެ އިންފްރާސްޓްރަކްޗާ އަޕްގްރޭޑް ކުރުން
- އެއާޕޯޓުގެ ރަންވޭ 1350 މީޓަރުން 2460 މީޓަރަށް ފުޅާކުރުން
- ދިގުމިނުގައި 164 މީޓަރާއި، ފުޅާމިނުގައި 34 މީޓަރު ހުންނަ، އަދި ދެފަރާތުގައި 5.5 މީޓަރުގެ ދެ ޓެކްސީވޭ
- ލޭންޑް އަދި ސީސައިޑް ކަނެކްޓިވިޓީ އާއި ޕެސެންޖާ ފެސިލިޓޭޝަން ހިމެނޭހެން 10،230 އަކަމީޓަރުގެ އިމާރާތެއް
- އޮޕަރޭޝަނަށް އެކަށީގެންވާހެން ގާތްގަނޑަކަށް 58،000 އަކަމީޓަރުގެ އޭޕްރޮންއެއް ވަނީ ފަރުމާކުރުން
- ކޯޑް އެއާކްރާފްޓްތަކުގެ އޮޕަރޭޝަން ތަކަށް އެކަށީގެންވާ ޕެސެންޖާ ޓާމިނަލެއް ގާއިމުކުރުން
މިމަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެ އެވެ. އަދި މެދު އިރުމައްޗާއި، ދެކުނު އޭޝިއާ އާއި، ދެކުނު އިރުމަތީ އޭޝިއާއި، އިރުމަތީ އެފްރިކާގެ ގައުމުތަކަށް ސީދާ ދަތުރުތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މިމަޝްރޫއަކީ ރާއްޖޭގެ އުތުރުގައި އިގްތިސާދީ މައި ހަބެއް ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ މުހިއްމު މަޝްރޫއެއް ކަމަށެވެ. އެގޮތުން މިމަޝްރޫއަކީ އުތުރުގައި ރިސޯޓުތަކާއި ސިޓީ ހޮޓާތަކާއި ގެސްޓްހައުސްތައް އިތުރުކޮށް ފަތުރުވެރިކަން ފުޅާކުރުމަށްވެސް މުހިއްމު މަޝްރޫއެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.
މީގެއިތުރުން ބޮޑުކަންނެލީގެ މަސްވެރިކަމާއި މިނޫން ވެސް ތަފާތު އެކި ސިނާއަތްތައް ތަރައްގީކޮށް އުތުރުގެ އިގްތިސާދު ފުޅާކުރުމަށް މިމަޝްރޫއު މުހިއްމު ދައުރެއް އަދާކުރާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް އަމަލީ މަސައްކަތް މިއަހަރުގެ މެދު ތެރޭގައި ފެށިގެން ކުރިއަށް ދާނެ ކަމަށްވެސް ސަރުކާރުން ބުނެ އެވެ.