އެޗްޑީސީ

ޗެނަލް ޕާކް ސަރަހައްދުގައި ކެފޭ ހިންގަން ބިން ދޫކުރަނީ

Jan 18, 2022
4

ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ ސަރަހައްދުގައި ޗެނަލް ޕާކް ސަރަހައްދުގައި ކެފޭ / ރެސްޓޯރަންޓް ހަދަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު އެ ފުރުސަތު ހުޅުވާލައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ އެ ސަރަހައްދުގައި ކެފޭ / ރެސްޓޯރަންޓް ވިޔަފާރިކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހަތް ބިމެއް ދިގުމުއްދަތަށް ކުއްޔަށް ދޭން ނިންމާފަ އެވެ.

ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ފުރުސަތު ދީފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބިންތައް 20 އަހަރަށް ކުއްޔަށް ދޫކުރަން ނިންމާފައިވަނީ އެ ތަންތަން ކުއްޔަށް ނަގާ ފަރާތްތަކުން އެ ތަންތަނުގައި އިމާރާތް އަމިއްލަ އަށް އަޅައިގެން އެ ވިޔަފާރި ކުރާ ގޮތަށެވެ.

މުނިފޫހިފިލުވުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެވޭ ގޮތަށް ތަރައްގީ ކުރާ ޗެނަލް ޕާކް ސަރަހައްދުން މިފަހަރުން ބިންތައް ދޫކުރަން ނިންމާފައިވަނީ ދެވަނަ ފިޔަވަހިންނެވެ.

ޗެނަލް ޕާކް ސަރަހައްދުން ދޫކުރާ ބިންތަކާއި ބޮޑުމިން

ލޮޓް ނަމްބަރު 11674 - 3،237.03 އަކަފޫޓް
ލޮޓް ނަމްބަރު 11675 - 2،957.49 އަކަފޫޓް
ލޮޓް ނަމްބަރު 11676 - 2586.57 އަކަފޫޓް
ލޮޓް ނަމްބަރު 11677 - 1،700.37 އަކަފޫޓް
ލޮޓް ނަމްބަރު 11678 - 1،706.08 އަކަފޫޓް
ލޮޓް ނަމްބަރު 11679 - 2،091.64 އަކަފޫޓް
ލޮޓް ނަމްބަރު 11680 - 3،0165.08 އަކަފޫޓް

އެޗްޑީސީން ކުއްޔަށް ދޫކުރާ ބިންތަކުގައި އިމާރާތް ކުރެވެނީ ވަކި ސަރަހައްދެއްގައި ކަމަށްވާތީ އިމާރާތް ކުރެވޭ ސަރަހައްދު ކުއްޔަށް ދެނީ އަކަފޫޓެއް މަހަކު 25 ރުފިޔާ އަށެވެ. އަދި ހުސްކޮށް ބާއްވަންޖެހޭ ސަރަހައްދުގެ އަކަފޫޓެއް ކުއްޔަށް ދެނީ 356.23 ރުފިޔާ އަށެވެ.

ޗެނަލް ޕާކް ސަރަހައްދު ތަރައްގީކޮށް ނިމޭއިރު އެ ސަރަހައްދުގެ 14 ބިމެއްގައި ކެފޭ / ރެސްޓޯރަންޓް ހިންގާނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.