ހިޔާ މަޝްރޫއު

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރަން ފަށައިފި

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ލިފްޓް ހަރުކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ހިޔާ ޓަވަރު ދޭއްގައި މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި މަސައްކަތް ފައްޓަވައި ދެއްވީ މިނިސްޓާ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު އަހްމަދާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

އެޗްޑީސީ އިން ބުނީ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަޝްރޫ އަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދަކަށްވާތީ މިމަޝްރޫއަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދޭ މަޝްރޫއެއް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓް ހަރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެހެންކަމުން މި މަޝްރޫއު ނިމޭއިރު ޖުމުލަ 32 ލިފްޓް ހިޔާ ޓަވަރުތަކުގައި ހަރުކުރެވޭނެ އެވެ. އެއީ ކޮންމެ ޓަވަރެއްގައި އިތުރު ޕެސެންޖަ ލިފްޓަކާއި، ސްޓްރެޗަ ލިފްޓެކެވެ.

ލިފްޓް ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޝެންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕް އާއެވެ. އަދި އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ވަނީ ކަނޑައަޅާފަ އެވެ.

މި މަޝްރުއަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ މީހުންނަށް ލިފްޓްގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށް ދެވޭ މަޝްރޫއެކެވެ. މި ލިފްޓުތައް ގާއިމްކުރުމުން ލިފްޓަށް އެރުމަށް އޮންނަ ކިއޫ ކުޑަވެ، ލިފްޓް ގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވާނެ ކަމަށް އެޗްސީ އިން ބުނެ އެވެ.

އެޗްޑީސީ އިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ވީހަވެސް ފަސޭހަ ވާނެހެން ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.