ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅަމުންދާ 4،000 ފްލެޓް އަންނަ އަހަރުގެ ޖުލައިގެ ނިޔަލަށް ހަވާލުކޮށް ނިންމާލެވޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދޫން ޝަކީލު ވިދާޅުވެއްޖެ އެވެ.
ފްލެޓުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު "އަވަސް"އާ ހިއްސާކުރައްވަމުން ހަމްދޫން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅަން ހަމަޖެހިފައިވާ 32 ޓަވަރުގެ ތެރެއިން 24 ޓަވަރުގެ ސްޓްރަކްޗާގެ މަސައްކަތް ނިމިފައިވާ ކަމަށާއި ބާކީ ހުރި ޓަވަރުތަކުގެ ސްޓްރަކްޗާ ހެދުމުގެ މަސައްކަތް ކުރިއަށް ވުރެ ބާރަށް ހިނގަމުންދާ ކަމަށެވެ.
މި ފްލެޓުތައް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ދެ ކުންފުނި ކަމަށްވާ ކޭޕީއައިއެލް އަދި އެންބީސީސީއާ އެވެ.
މީގެތެރެއިން ކޭޕީއައިއެލްއާ ހަވާލުކޮށްފައިވާ ޓަވަރުތަކުގެ ތެރެއިން އަށް ޓަވަރެއް މި މަހުގެ ތެރޭގައި ހަވާލުކުރުމަށް ތައްޔާރުވެފައިވާ ކަމަށާއި އަަދި އިތުުރު ފަސް ޓަވަރު އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ހަވާލުކުރެވޭނެ ކަމަށްވެސް ހަމްދޫން ވިދާޅުވި އެވެ.
ހަމްދޫން އިތުރަށް ވިދާޅުވީ އެންބީސީސީއަށް އަޅަން ހަވާލުކޮށްފައިވާ ޓަވަރުތަކުގެ ތެރެއިން ދެ ޓަވަރެއް މި އަހަރުގެ ތެރޭގައި ހަވާލުކުރެވޭނެ ކަމަށާއި ބާކީ ހުރި ޓަވަރުތައް އަންނަ އަހަރު ހަވާލުކުރެވޭނެ ކަމަށެވެ. އަދި އެންމެ ފަހު ޓަވަރު އަންނަ ޖުލައި މަހުގެ ކުރިއަށް ހަވާލުކުރެވޭނެ ކަމަށް ހަމްދޫން ވިދާޅުވި އެވެ.
"އެގްރީމަންޓާއި ޝެޑިއުލް ކުރެވިފައިވާ ގޮތުގެ މަތިން އަންނަ ޖުލައި މަހު އެންމެ ފަހު ޓަވަރު ހަވާލުކުރެވޭނެ،" ހަމްދޫން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ކުރިއަށް ދަނީ ފްލެޓްތަކުގެ ފިނިޝިންއާއި އެމްއީޕީގެ މަސައްކަތްތައް ކަމަށެވެ. އަދި ސްޓެލްކޯގެ ގްރިޑާއި ޓަވަރުތައް ގުޅާ، ކަރަންޓު ވަޔަރު ކުރުމުގެ މަސައްކަތާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ރޭވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުން ހިންގާ ސަބްސިޑަރީ ކުންފުންޏަކަށް އެފްޑީސީ ބަދަލުކުރުމަށް ނިންމާ އެ މަސައްކަތް ހިނގަމުން ދިޔަ ނަމަވެސް ހަމްދޫން ވިދާޅުވީ އެކަމާ ގުޅިގެން ފްލެޓުގެ މަސައްކަތްތަކަށް ބުރޫ އަރައިގެން ނުދާނެ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޭ ފްލެޓްތަކަށް ކުރިމަތިލާފައިވާ މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް ކުރިއަށް އޮތް އޮކްޓޯބަރު މަހުގެ ތެރޭގައި ނެރޭނެކަމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވެ އެވެ.
އެފްޑީސީގެ އެމްޑީ ވިދާޅުވީ އެ ތާރީހުގައި ފައިނަލް ލިސްޓް ނެރެވޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށާއި އެކަމާ ގުޅިގެން އިދާރީ ގޮތުން ބޭނުންވާ އެހީ ހައުސިން މިނިސްޓްރީއަށް ފޯރުކޮށްދެމުންދާ ކަމަށެވެ.
އެފްޑީސީ އިން ދާދިފަހުން އާންމުކުރި ނޫސް ބަޔާނެއްގައި ބުނެފައިވަނީ ފްލެޓް ހަވާލުކުރުމާ ގުޅޭ އެންމެހާ ކަންތައްތައް މަޑުޖައްސާލުމަށް އެ ކޯޕަރޭޝަނަށް ހައުސިން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އެހެންވެ އެކަމާ ގުޅޭގޮތުން ކުރާ އެންމެހާ މުއާމަލާތްތައް ކުރިއަށް ގެންދެވޭނީ މިނިސްޓްރީން ވަކި ގޮތެއް އެންގުމުން ކަމަށްވެސް ބުނެފައިވެ އެވެ.