ހައުސިން މިނިސްޓްރީ

54 ޓަވަރު 2024ގައި ނިމޭނެ: ޕްލޭނިން މިނިސްޓްރީ

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުގައި 54 ޓަވަރެއްގެ މަސައްކަތް ކުރަމުންދާ ޓަވަރުތަކުގެ މަސައްކަތް 2024 ވަނަ އަހަރަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީއާއި ފަހި ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެފްޑީސީ) އަދި އެޗްޑީސީ ގުޅިގެން މި ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މިދިޔަ އަންގާރަ ދުވަހު ވަނީ ނޫސްވެރިންނަށް ދައްކާލާފަ އެވެ. އެކި ކުންފުނިތަކާއި ހަވާލުކޮށްގެން މާލެ އަދި ހުޅުމާލޭގައި އިމާރާތްކުރަމުންދާ 54 ޓަވަރުގެ ތެރެއިން ހުޅުމާލޭގެ 32 ޓަވަރެއްގެ މަސައްކަތް ދައްކާލި އެވެ. އިމާރާތް ކުރަން ނިންމާފައިވާ 54 ޓަވަރުގައި ޖުމްލަ 6،175 ފްލެޓެވެ. މީގެ ތެރެއިން 4،000 ފްލެޓަކީ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކެކެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ދޭ އިސްކަން މިހާރު ފެންނާނެ ކަމަށާއި ވައުދު ފުއްދުމަށް މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާ ކަމަށެވެ.

"ކުރީ ސަރުކާރުތަކުން މިފަދަ މަޝްރޫއުތަކުގެ ބިންގާ އެޅީވެސް ވެރިކަމުގެ ފަހު އަހަރު. ނަމަވެސް އަޅުގަނޑުމެން 2020 އިން ފެށިގެން މާލެ އާއި އަތޮޅު ތެރޭގައި ހައުސިން މަޝްރޫއުތައް މި އަންނަނީ ހިންގަމުން،" އާރިފް ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތައް

މި ސްކީމުގެ މަޝްރޫއުތައް ކުރިއަށް ގެންދަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެ މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ ދެ ކުންފުނި ކަމުގައިވާ ޖޭއެމްސީ އާއި އެންބީސީސީ އިންނެވެ.

"ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވަނީ 4،000 ފްލެޓް. މި މަޝްރޫއުގެ ދަށުން ކޮންމެ ކުންފުންޏަކުން އަޅައިދެނީ 2،000 ފްލެޓް،" އެފްޑީސީގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ކޯޕަރޭޓް އެފެއާޒް މެނޭޖަރު އަހްމަދު ޝަމޫލް އަބްދުﷲ ވިދާޅުވި އެވެ.

ދެބަޔަކަށް ބަހާލައިގެން އެފްޑީސީ އިން ކުރިއަށް ގެންދާ މި މަޝްރޫއަކީ ބޮޑު މަޝްރޫއަކަށް ވުމާއިއެކު މަސައްކަތައް ބޭނުންވާ ސާމާނުތައް ބަހައްޓަން ބައެއް ސައިޓުތައް ބޭނުންކުރަން ޖެހޭކަންވެސް ޝަމޫލް ފާހަގަކުރެއްވި އެވެ.

"ޖޭއެމްސީ އިން އިމާރާތް ކުރަމުންދާ ފްލެޓްތަކުގެ 16 ޕަސެންޓް މަސައްކަތް މިވަނީ ނިމިފައި. އެންބީސީސީން ހަދަމުންދާ ފްލެޓްތަކުގެ 13.5 ޕަސެންޓް ވެސް ވަނީ ނިމިފައި" ޝަމޫލް ފާހަގަކުރެއްވި އެވެ.

ކޮންމެ ކުންފުންޏަކަށް 18 ފަންގިފިލާގެ 16 ޓަވަރު އިމާރަތްކުރުމަށް ހަވާލުކޮށްފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 650 އަކަފޫޓުގެ ދެ ކޮޓަރީގެ 1،200 ފްލެޓް އަދި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 2800 ފްލެޓެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ މާޗް 8، 2021 ގަ އެވެ. އިންޑިއާގެ އެކްޒިމް ބޭންކުގެ އެހީގައި އަޅާ ފްލެޓުތަކަކީ ޖުމުލަ 267 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއު އެކެވެ.

އެފްޑީސީގެ މި މަޝްރޫއުގެ އިތުރުން ސަރުކާރުން އަންނަނީ ބައެއް އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށްގެން ހުޅުމާލޭގެ ދެ ފިޔަވަހީގައި ސޯޝަލް އަދި މިކްސްޑް ހައުސިން ޔުނިޓްތަކެއް އިމާރާތްކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

މީގެ ތެރޭގައި ހިމެނެނީ އެޕޯލޯ ހޯލްޑިންގްސްގެ 1000 ހައުސިން ޔުނިޓާއި، އެސްޖޭ ކޮންސްޓްރަކްޝަން، ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން (އާރްސީސީ)، އެސްޖޭ ކޮންސްޓްރަކްޝަންސް، ސެލިޓެއާ، ފެޑޯ ޕްރައިވެޓް ލިމިޑެޓް، ރެއިންބޯ މެގަ އަދި ނިއުމާކް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާ މަޝްރޫއުތަކެވެ.

މީގެ އިތުރުން މާލޭގައި ކުރީގެ އޯޑިއޯން ސިނަމާ އަދި ކުރީގެ ނާދީ ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުންޏާއި ހަވާލުކޮށްގެން ލަގްޒަރީ ފްލެޓްތަކެއް އެޅުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

އާރިފް އިތުރަށް ވިދާޅުވީ އަންނަ އަހަރުގެ މޭ މަހާއި ހިސާބަށް ދާއިރު މީގެތެރެއިން ބައެއް ޓަވަރުތަކުގައި މީހުންނަށް ދިރިއުޅެން ފެށޭނެ ކަމަށެވެ. ނަމަވެސް، ހުރިހާ ޓަވަރެއްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ 2024 ވަނަ އަހަރު ކަމަށް ވިދާޅުވި އެވެ. ކޮންޓްރެކްޓަރުން އެ ޔަގީންކަން ދެއްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަމާޒަކީ ހުރިހާ ފަންތިއެއްގެ މީހުންނަށް ވެސް ރަނގަޅު އަގެއްގައި ފުރިހަމަ ވަސީލަތްތަކާއި އެކު ދިރިއުޅެވޭނެ ހައުސިން ޔުނިޓްތަކެއް އެޅުމެވެ.