ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ހަދާފައިވާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހުށަހަޅަން ޖެހޭ ފޯމު 1000 އަށް ވުރެ ގިނަ މީހުން ހުށަހަޅާފައި ނުވާ ކަމަށް ހައުސިން ޑިވޮލަފްމަންޓް ކޯފަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވިދާޅުވީ ހިޔާ އެއްބަސްވުންތަކުގައި 3200 މީހުންނާއި އެކު ސޮއިކުރެވިފައިވާ ކަމަށެވެ. ނަމަވެސް ފްލެޓް ލިބުނު މީހުންގެ ތެރެއިން އެއްބަސްވުމުގައި ސޮއި ކުރަން 1000 އަށް ވުރެ ގިނަ މީހުން އަދިވެސް ފޯމް ހުށަހަޅާފައި ނުވާ ކަމަށް ވިދާޅުވި އެވެ. އެ ފަރާތްތަކުން އަވަހަށް ފޯމް ހުށަހެޅުމަށް ވެސް ސުހައިލް އެދިވަޑައިގެންނެވި އެވެ.
ހިޔާ ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރަން ފަށާފައިވަނީ ޖުލައި މަހުގެ 14 ގައެވެ. އަދި މިމަހުގެ 18 އަށް ސޮއިކުރުމުގެ ކަންކަން ނިންމާލުމަށް އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.
ސުހެއިލް ވިދާޅުވީ އެއްބަސްވުން ތަކުގެ ފުރަތަމަ ބުރު ނިންމާލުމަށް ފަހުގައި ދެވަނަ ބުރެއްވެސް އޮންނާނެ ކަމަށެވެ. އަދި އެ ބުރުގައި ބާކީ ތިބި މީހުން ސޮއިކޮށް ނިންމާލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެއްބަސްވުންތައް ފުރިހަމަކަށް ސޮއި ކުރަން އަންނަން އަންގާ މީހުންގެ ތެރެއިން ވެސް ބައެއް މީހުން ސޮއި ކުރަން ނާންނަ ކަމަށް ސުހެއިލް ވިދާޅުވި އެވެ. އެފަދަ މީހުންނަށް ސޮއި ކުރުމުގެ ފުރުސަތު ދެން ލިބޭނީ ދެވަނަ ބުރުގައި ކަމަށް ވިދާޅުވި އެވެ. ނަމަވެސް ވަކި ތާރީހެއް ވިދާޅެއް ނުވެ އެވެ.
ސަބަބެއް ނެތި އެއްބަސްވުމުގައި ސޮއިކުރަން ނާންނަ މީހުންނަށް ފިނިޝިންގެ މަސައްކަތަށް އިތުރު މުއްދަތު ނުދޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް އިތުރު މަހެއް ދީފައިވާ ކަމަށެވެ. އަދި ރަށްޔިތުން އަތުން ކުލި ނަގަން ފަށާނީ އަންނަ އަހަރު ޖެނުއަރީގައި ކަމަށެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއި ކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. ސޮއިކުރާ ދުވަހު ފްލެޓްގެ ތަޅުދަނޑި ވެސް ހަވާލުކުރެ އެވެ.
އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ވަގުތު ކަނޑައަޅާފައިވަނީ ކޮންމެ ބައިގަޑިއިރަކުން 15 މީހުންނަށް ސޮއިކުރެވޭ ގޮތަށެވެ. ކޮންމެ ދުވަހަކު ވެސް ސޮއިކުރަން ކަނޑައަޅާފައިވާ މީހުންނާއި އެމީހުން ދާންޖެހޭ ވަގުތު ކުރިން އިއުލާނު ކުރެ އެވެ. އެއްބަސްވުންތަކުގައި ސޮއި ކުރަން ހާޒިރުވާ މީހާ ސޮއި ކުރަންދާއިރު ހެކިވެރިޔަކަށް އިތުރު މީހަކު ގެންދަން ޖެހެ އެވެ. ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފުކޮޕީ ވެސް ގެންދަން ޖެހެ އެވެ.