ފަހި ދިރިއުޅުން ކޯޕަރޭޝަން

ގެދޮރުވެރިޔާ ސިޔާސަތުގެ ފްލެޓެއް ނިންމާ ދައްކާލައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ހުޅުމާލޭގައި ތަރައްގީ ކުރި ފްލެޓެއް ނިންމާލުމަށްފަހު ފްލެޓުގެ އެތެރެ ހުރި ގޮތް ދައްކާލައިފި އެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްގީކޮށް ނިންމާފައިވާ ފްލެޓެއް ބައްލަވައިލެއްވުމަށް ވަޑައިގެންފަ އެވެ. މި ފްލެޓްތައް ހުރީ ހަދައި ނިމި މީހުން ދިރިއުޅެވޭ ގޮތަށް ހުރިހާ މަސައްކަތެއް ނިންމާފަ އެވެ.

ރައީސް ސޯލިހުގެ އަރިހުގައި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ވެރިންނާއި ހައުސިން މިނިސްޓްރީގެ ވެރިންގެ އިތުރުން އެޗްޑީސީގެ ވެރިންވެސް ވަނީ ފްލެޓް ބައްލަވާލައްވާފަ އެވެ.

މި ފްލެޓްތަކުގައި މިއަހަރުގެ އޮގަސްޓް މަހުގައި މީހުންނަށް ދިރިއުޅެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ތަރައްގީ ކުރަމުން ދަނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނޭ ފްލެޓްތަކެކެވެ. އޭގެތެރެއިން ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނާނީ 900 އަކަފޫޓެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި މީގެ ކުރިން ރައީސް ސޯލިހު ވަނީ އަދި މިހާތަނަށް އެއްވެސް ސަރުކާރެއްގައި އެ ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ނިންމާ މީހުން ދިރިއުޅެވޭ ގޮތް ހަދާފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. ރައީސް ސޯލިހު ވިދާޅުވީ މިސަރުކާރުގައި އަޅަމުންދާ ފްލެޓުތަކުގެ ތެރެއިން ބައެއް ފްލެޓުތައް ނިންމާ އެ ފްލެޓުތަކަށް މި ސަރުކާރުގައި މީހުން ވައްދާނެ ކަމަށެވެ.

މިއީ ސަރުކާރުގެ ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން އަޅަމުންގެންދާ ފްލެޓްތަކެކެވެ. ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން އަޅަން ނިންމާފައިވަނީ 4،000 ފްލެޓެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި ދެ ކުންފުންޏަކުންނެވެ. މި މަޝްރޫއުގެ ދަށުން އެންބީސީސީ އިން 2،000 ފްލެޓު އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑުން 2،000 ފްލެޓު އަޅާނެ އެވެ.

ކޮންމެ މަޝްރޫއެއްގައި 16 ޓަވަރު އިމާރާތްކުރާނެ އެވެ. އަދި ދެ ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތަކާއި، ތިން ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތައް އިމާރާތް ކުރާނެ އެވެ. މިއިން ކޮންމެ މަޝްރޫއުއެއްގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓް އަދި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓް ހިމެނެ އެވެ.

މިކްސްޑް ރެސިޑެންޝަލް ޑިވެލޮޕްމަންޓް މޮޑެލްއަށް ރޭވިފައިވާ މިމަޝްރޫއުތަކުގެ ގްރައުންޑް ފްލޯ އަދި ފަސްޓްފޮލޯގައި ހިމެނޭނީ މިޔުނިޓު ތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހާއްސަ ކުރެވޭ ރީޓެއިލް އައުޓްލެޓްތަކާއި، ޕާކިން ޒޯނެކެވެ.

ކޮންމެ ޓަވަރެއް ވެސް ޑިޒައިންކޮށްފައި ވަނީ 17 އަދި 18 ފަންގިފިލާ ހިމެނޭ ގޮތަށެވެ. އަދި ކޮންމެ ޓަވަރެއްގައި ތިން ލިފްޓް ހިމަނައިގެންނެވެ. މީހުން ދިރިއުޅޭ ކޮންމެ ފަންގިފިލާއެއްގައި އަށް ރެޒިޑެންޝިއަލް ޔުނިޓް ވެސް ހުންނާނެ އެވެ.

މި މަޝްރޫއު ހިންގަން އިންޑިއާގެ އެގްޒިމް ބޭންކްއިން ބަޔާޒް ކްރެޑިޓްގެ ދަށުން 228 މިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައިވެ އެވެ.