ބިންވެރިޔާ ސްކީމުގެ ތެރެއިން ގޯތި ލިބިފައި ނެތް ބަޔަކަށް ގޯތިތަކެއް ލިބިފައިވާ ކަމަށް ބުނެ ލިޔުންތަކެއް ފޯޖުކޮށްފައިވާ މައްސަލައިގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިހްމާލުވެސް އެބައޮތް ކަމަށާއި އޭނާގެ މަގާމުން ދުރުކުރަންޖެހޭ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީ އިން މިހެން ބުނެފައި މިވަނީ ފޯޖުކޮށްފައިވާ ލިޔުންތަކެއް ބޭނުންކޮށްގެން ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ކަމަށް ދައްކައިގެން އެ ގޯތި ތަކުގައި އިމާރާތްކުރުމަށް ބޭނުންވެ އެކަމުގެ ހުއްދައަށް އެދުނު މައްސަލަ ފަޅާއެރުމުންނެވެ. ފޯޖުކޮށްފައިވާ ލިޔުންތަކެއް ބޭނުންކޮށްގެން ގޯތި ހޯދަން އުޅުނު މީހުންގެ ތެރޭގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލް ރަޝީދުވެސް ހިމެނެ އެވެ.
މިމައްސަލަ ފެންމަތިވުމާ ގުޅިގެން ފަޒުލް ހިމެނޭހެން އެޗްޑީސީގެ ބޯޑު މެންބަރުންނާއި ފަޒީލްވެސް މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމުގެ ޖިނާއީ ތަހުގީގެއް ފެށުމަށް ޕީޖީ އައްބާސް ޝަރީފް މިއަދު ވަނީ އަމުރުކުރައްވާފަ އެވެ. މީގެއިތުރުން ފުލުހުންނާއި އޭސީސީ އިން ވެސް ދަނީ ފޯޖު ޑޮކިއުމަންޓްތަކެއް ހެދި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ނިމިޔަ އެމްޑީޕީ ސަރުކާރުގައި ބިންވެރިޔާ ސްކީމު ހިންގުމަށް އިސްކޮށް ހުންނެވި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ތެރެއިން ދޫކުރާ ގޯތިތަކުގެ މައުލޫމާތު ހުންނާނީ ހައުސިން މިނިސްޓްރީގައި ކަމަށެވެ. އެހެންކަމުން ގޯތިތަކުގެ މައުލޫމާތާއި ސްލޮޓްތަކުގެ މައުލޫމާތު އެހެން ބަޔަކަށް ލިބުމަކީ މިނިސްޓަރު ހައިދަރު ވަކިކުރަންޖެހޭ ނުވަތަ ސަސްޕެންޑް ކުރަންޖެހޭ ސަބަބެއް ކަމަށް ވިދާޅުވި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ބިންވެރިޔާ ސްކީމު ކުރިއަށް ގެންދިޔައީ އެއް އިދާރާ އަނެއް އިދާރާއާ ވަރަށް ބޮޑަށް ގުޅިގެން ކަމަށެވެ. އެގޮތަށް އެކަން ކުރިއަށް ގެންދިޔައީ މިހާރު ފެންމަތިވެގެން އުޅޭ ފަދަ ކަމެއް ހިންގަން ފުރުސަތު ނުދޭންވެގެން ކަމަށްވެސް ވިދާޅުވި އެވެ.
"މީގެކުރީގައި އޮންނަ ގޮތަކީ ހައުސިން މިނިސްޓްރީ އިން ގޯތި ލިބޭ މީހުން ކަނޑައަޅާފައި ގޯތި ހަވާލުކޮށްފައި އަޅުގަނޑުމެން އެޗްޑީސީއަށް ފޮނުވާނީ ލިސްޓެއް. އޭގެ ފަހުން އެޗްޑީސީ އިން ފާރު ވަކިކުރަން ހުއްދަތައް ދޫކުރާނީވެސް. އަޅުގަނޑުމެން ލިސްޓް ނުފޮނުވާނަމަ މީގެ ކުރިން ނޯވޭ އެޗްޑީސީން ހުއްދަ ދީފައެއްވެސް،" ގޯތި ދޫކުރުމާއި ގޯތީގެ އިންވަކިކުރުމަށް ހައުސިން މިނިސްޓްރީއާއި އެޗްޑީސީ އިން ކުރިން އަމަލުކުރި ގޮތް ހިއްސާކުރައްވަމުން އާރިފް ވިދާޅުވި އެވެ.
ފޯޖު ޑޮކިއުމަންޓްތަކެއް ހަދައިގެން ހުޅުމާލެ އިން ގޯއްޗެއް ހޯދި ކަމަށް ބުނާ މައްސަލަ ފެންމަތިވެ ވަރަށް ބޮޑަށް ހޫނުވުމާ ގުޅިގެން ނޫސްވެރިންނާ ރޭ ބައްދަލުކުރައްވާ ފަޒުލް ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ލިބުނު ކަމަށް ބުނާ ގޯތިތަކެއްގައި އިމާރާތް ކުރުމުގެ ހުއްދައަށް އެދުމުން އެ އޮންނަ އުސޫލުން ހައުސިން މިނިސްޓްރީ ތެރެއިން ބޭނުންވާ މައުލޫމާތުތައް ސާފުކުރުމަށް އެޗްޑީސީ އިން އެ މިނިސްޓްރީއަށް މިދިޔަ ޖުލައި 22 ވަނަ ދުވަހު ސިޓީ ފޮނުވާފައިވާނެ ކަމަށެވެ. އެޗްޑީސީގެ ސިޓީއަށް މިނިސްޓްރީން ޖަވާބު ދީފައިވަނީ މިދިޔަ އޯގަސްޓް 15 ވަނަ ދުވަހު އެވެ.
ފަޒުލް ވިދާޅުވި ގޮތުގައި އެޗްޑީސީ އިން މިނިސްޓްރީއަށް ސިޓީ ފޮނުވަންޖެހުނީވެސް އެއް ބިމަކަށް ދެ މީހުން އެދުމުން އެކަން ކަށަވަރުކުރުމުގެ ގޮތުންނެވެ. ސޯޝަލް މީޑިއާގައި ދައުރުވަނީ މައްސަލަ ދިމާވި ދެ ބިމަކާ ގުޅޭ ލިޔުންތައް ކަމަށްވެސް ޔަގީންކޮށްދެއްވި އެވެ. އަދި މިނިސްޓްރީގެ ޖަވާބު ލިބުމާ އެކު ބިމުގެ ހުއްދަ އެޗްޑީސީ އިން ބާތިލްކުރި ކަމުގައިވެސް ވިދާޅުވި އެވެ
"އަޅުގަނޑުމެން އެއްވެސް ހާލެއްގައި މިނިސްޓްރީ އޮފް ހައުސިން އިން ނާންގާ ފަރާތަކަށް ބިމެއް ހަވާލުކޮށްފައެއް ނުވާނެ،" ފަޒުލް ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވި ގޮތުގައި ފުރަތަމަ ބިން (20768) އިމާރާތްކުރަން ބޭނުންވެ ހުއްދަ ހޯދުމަށް ހުށަހަޅާފައި އޮތީ މިދިޔަ ޖޫން 30 ވަނަ ދުވަހު އެވެ. ދެވަނަ ބިން (20821) އިމާރާތްކުރަން ބޭނުންވެ ހުއްދަ ހޯދުމަށް ހުށަހަޅާފައި އޮތީ މިދިޔަ ޖޫން 29 ވަނަ ދުވަހު އެވެ.
މިމައްސަލައިގައި އޭނާގެ ބޭބެ ފަޒީލްގެ ނަން ހިމެނިފައި އޮތް ނަމަވެސް މިމައްސަލައިގައި ގޯސްކޮށް ހިނގައިގެން އުޅޭ އެއްވެސް ކަމެއްގައި ފަޒުލްގެ ބައިވެރިވުމެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަނީ އަގުވައްޓާލަން ކަމުގައި ވިދާޅުވި އެވެ. ބޭބެގެ މައްސަލަ ފުލުހަށް ހުށަހަޅާފައި ނުވާނެ ކަމަށާއި ބެލީ މިނިސްޓްރީއާއި ވާހަކަދައްކައިގެން މައްސަލަ ހައްލުކުރަން ކަމަށްވެސް ވިދާޅުވި އެވެ. އަދި މިމައްސަލައިގައި އަމިއްލަ މަސްލަހަތު އިސްކޮށްގެން އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މިމައްސަލަ ތަހުގީގު ކުރުމަށް ފުލުހުން އިއްޔެ ވަނީ އެޗްޑީސީގެ ހެޑް އޮފީހަށް ވަދެފަ އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުން 9،000 އަށް ވުރެ ގިނަ ގޯތި ހިލޭ ދޭން ނިންމާފައިވެ އެވެ. މީގެތެރެއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކުރަންޖެހޭ ހުރިހާ ގޯއްޗެއް މިދިޔަ މަހު ވަނީ އޭގެ ހައްގުވެރިންނާ ހަވާލުކޮށްފަ އެވެ.