ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކު ގޯތި ލިބުނު ކަމަށް ހަދައިގެން ލިޔުންތަކެއް އުފެއްދި މައްސަލައިގައި ކުރިއަށް ގެންދާ ބޮޑު ތަހުގީގު އިންސާފުވެރި ނުވާނެ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިހެން ބުނީ މިމައްސަލައިގެ މައުލޫމާތު ދިނުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރު ފެންމަތިވެގެން އުޅޭ ގޯތިތަކުގެ މައްސަލައާއި ނިމިދިޔަ އެމްޑީޕީ ސަރުކާރާ ގުޅުވާފައިވާ ކަމަށް ބުނެ އެވެ.
އެމްޑީޕީގެ ފާޑުކިޔުން ފުލުހުންގެ ތަހުގީގަށް އަމާޒުވީ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކު ގޯތި ލިބުނު ކަމަށް ހަދައިގެން ލިޔުންތަކެއް އުފެއްދި މައްސަލައިގައި ތުހުމަތު ކުރެވޭ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލް ރަޝީދު ތަހުގީގު ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ފުލުހުން ހާމަކުރުމާ ގުޅިގެންނެވެ.
ފަޒީލް އަކީ އޭނާއަށް ގޯތި ލިބުނު ކަމަށް ބުނާ ހުޅުމާލެ ހިންގާ ކުންފުނި -- އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ އެވެ.
ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ފަޒީލް ތަހުގީގަށް ހާޒިރުކުރުމުން އޭނާ އަތުގައި އޮތް ސައްހަ ނޫން ލިޔުމަކީ ނިމިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމު ހިންގުމަށް އިސްކޮށް ހުންނެވި ހައުސިން މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންއާ ބައްދަލުކުރުމުން އޭރު ދީފައިވާ ލިޔުމެއް ކަމަށެވެ.
ފުލުހުންގެ މި ތުހުމަތާ ގުޅިގެން އެމްޑީޕީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަކްރަމް ވިދާޅުވީ ދުވަހަކުވެސް އޭނާއާ ފަޒީލްއާ ބައްދަލުވެފައި ނެތް ކަމަށެވެ. އަދި ފަޒީލް އަތުގައި އޮތް ލިޔުމުގެ ފޮރެންސިކް ތަހުލީލެއް ނުހަދައި ފަޒީލް އަތުގައި އޮތް ލިޔުމަކީ ކުރީ ސަރުކާރުން ދިން ލިޔުމެއް ކަމަށް ހަދައި ފުލުހުން ދެއްކީ ސިޔާސީ ވާހަކަތަކެއް ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ފަޒީލްއާ ބައްދަލުކުރި ނަމަ ހައުސިން މިނިސްޓްރީގައި އެ މައުލޫމާތު ހުންނާނެ. އެތަނަކީ މީހަކާ ބައްދަލުކޮށްފިނަމަ އެ ބައްދަލުވުމެއްގެ މައުލޫމާތު ޔައުމިއްޔާ ކުރާ ތަނެއް،" އަކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ ވައްކަމާއި ޖަރީމާތައް ހުއްޓުވޭނީ ރައްޔިތުން އެކަމާ ދެކޮޅަށް ނިކުމެ އަޑުއުފުލައިގެން ކަމަށެވެ. އެހެންވެ ރައްޔިތުން އިހްތިޖާޖު ކުރުމަށްވެސް އަކްރަމު އެދިވަޑައިގެންނެވި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ގާނޫނީ މަސައްކަތްތަކުގައި އުޅުއްވާ ރައީސް އޮފީހުގެ ކުރީގެ ލީގަލް ހެޑް އަހްމަދު މައުރޫފް ވިދާޅުވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލްއާއި އޭނާގެ ބޭބެ ފަޒީލްއަށް އަމާޒުވެފައި އޮތް ގޯތިތަކުގެ މައްސަލައިގައި ސައްހަ ނޫން ލިޔެކިޔުން ހަދާފައިވާތީ ފުލުހުން ފުރަތަމަ ކުރަންޖެހޭ ކަމަކީ އެ ލިޔުމުގެ ސައްހަކަން ފޮރެންސިކް ތަހުލީލުން ދެނެގަތުން ކަަމަށެވެ. އެކަމަކު އެކަން ފުލުހުން ނުކޮށް ކުރީގެ ސަރުކާރުގެ ވެރިންގެ ބޮލުގައި އިލްޒާމުތައް އެޅުވީ މިހާރު ފެންމަތިވެގެން އުޅޭ ސައްހަ ނޫން ލިޔުންތަކަކީ މިސަރުކާރުގައި އުފައްދާފައިވާ ތަކެތިކަން ފުލުހުންނަށްވެސް އެނގޭތީ ކަމަށެވެ.
"ފުލުހުންނަކަށް ނުކުރޭނެ އެ ލިޔުންތަކުގެ ފޮރެންސިކް ތަހުލީލު ހަދައި އެ މައުލޫމާތު ހާމަކުރާކަށް. އެކަން ކޮށްފިނަމަ އެނގޭނެ އެ ލިޔުންތައް ދޫކުރީ މިސަރުކާރުގައިކަން. ފުރަތަމަ ކުރަންޖެހޭ ކަމަކީވެސް އެ ލިޔުންތަކުގެ ފޮރެންސިކް ތަހުލީލު ހަދައި އޭގެ ސައްހަކަން ދެނެގަތުން. މިޒަމާނުގައި އެއީ ކޮށްލަން ނުލާހިކު ފަސޭހަ ކަމެއް. އަނެއްކާ ފުލުހުން ބުނާ ގޮތުގައި އޭޝިއާ ސަރަހައްދުގައިވެސް ހުރި އެންމެ ރަނގަޅު ލެބޯޓަރީ ހުރި ތަނެއް އެ އިދާރާ އަކީ،" މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ދޮގު ހައްދަވާތީ ސަރުކާރުގެ ވެރިން ދައްކާ ވާހަކަ ރައްޔިތުން މިހާރު ގަބޫލުނުކުރާ ކަމަށެވެ. އެހެންވެ ގޯތި ތަކުގެ މައްސަލައިގައި ފުލުހުން އަރައި ދެއްކީ ސިޔާސީ ވާހަކަތަކެއް ކަމަށާއި ފުލުހުން ސިޔާސީ ވާހަކަ ދައްކާނަމަ ސިޔާސީ ބަހުރުވައިން ފުލުހުންނަށް ރައްދު ދޭނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ގޯތި ތަކުގެ މައްސަލައިގައި ފުލުހުން މިހާރު ކުރަމުންދާ ތަހުގީގުގައި މިހާތަނަށް އަމަލުކުރެއްވި ގޮތުން އެ ތަހުގީގު އިންސާފުވެރިވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި އަކްރަމް އަކީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުތައް ހިންގުމަށް އެންމެ އިސްކޮށް ހުންނެވި ބޭފުޅާއަށް ވެފައި އަކްރަމްގެ ބެލުމުގެ ދަށުގައި ކަމާ ގުޅޭ ހުރިހާ ލިޔެކިޔުން ހުރި އިރު ފަޒީލް ރަޝީދަށް ސައްހަ ނޫން ލިޔުމެއް ދޭން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ. ކުރީ ސަރުކާރުން ދިން ސައްހަ ނޫން ލިޔުމެއް ނަމަ އެފަދަ ލިޔުންތައް ހަމައެކަނި މިސަރުކާރަށް ވާގިވެރިވާ މީހުންނަށް ލިބެނީ ކީއްވެގެންތޯވެސް މައުރޫފް ސުވާލު އުފެއްދެވި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެޗްޑީސީ ތެރޭގައި ފަޒުލް އިސްވެ ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ ބޮޑެތި މައްސަލަތަކަކީ ރައީސް މުއިއްޒަށް އެނގިވަޑައިނުގެން ހިންގާފައިވާ ކަންތައްތަކެއް ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ.
އަނަސް އެހެން ވިދާޅުވީ އެޗްޑީސީގެ ޗެއާމަނަކަށް މިސަރުކާރުގައި ފުރަތަމަ އައްޔަންކުރެއްވި އަހްމަދު ޒުހޫރު، ރައީސް މުއިއްޒަށް އެޑްރެސް ކުރައްވާ މިއަހަރުގެ ޖުލައި އެއްވަނަ ދުވަހު ފޮނުއްވާފައިވާ ސިޓީއަކާ ހަވާލާދެއްވަ އެވެ.
ޒުހޫރުގެ ސިޓީ ސޯޝަލްމީޑިއާގައިވެސް މިހާރު އާންމުވެފައިވާއިރު އެ ސިޓީގައި ޒުހޫރު ވަނީ ވަރަށް ތަފްސީލްކޮށް އެޗްޑީސީގެ ތެރޭގައި ހިންގަމުން ގެންދިޔަ ވައްކަމާއި ހިޔާނާތުގެ މައްސަލަތަކުގެ މައުލޫމާތު ރައީސްއާ ހިއްސާ ކުރައްވާފަ އެވެ. އަދި އެ މައްސަލަތަކުގެ އިތުރު މައުލޫމާތު ހިއްސާ ކުރެއްވުމަށް ރައީސް މުއިއްޒުއާ ބައްދަލުކުރެއްވުމަށް އެޕޮއިންޓްމަންޓަކަށްވެސް އެދިވަޑައިގެންފައިވެ އެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ ޒުހޫރުއާ ބައްދަލުކުރެއްވުމުގެ ބަދަލުގައި އޭނާ މަގާމުން ވަކިކުރައްވާފަ އެވެ.
ޒުހޫރުގެ ސިޓީގައި ހިމެނޭ ވާހަކަތަކަށްފަހު އޭނާ މަގާމުން ވަކިކުރެއްވުމާ ގުޅިގެން އަނަސް ވިދާޅުވީ ރައީސް މުއިއްޒު ވައުދުވެވަޑައިގަތީ ކޮރަޕްޝަން ހިންގާ ކަމުގެ މައުލޫމާތު ލިބިވަޑައިގަތުމާ އެކު އެފަދަ އަމަލުތައް ހިންގާ ބޭފުޅުންނަށް ފިޔަވަޅު އަޅައި މަގާމުތަކުން ވަކިކުރައްވާނެ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު އަމަލުކުރެއްވީ ދިމާ އިދާކޮޅަށްކަން ފާހަގަކުރައްވާ އަނަސް ވިދާޅުވީ ކޮރަޕްޝަންގެ މައުލޫމާތު ހިއްސާ ކުރަން ބޭނުންވާ ބޭފުޅުންނަށް ރައީސް މުއިއްޒު އެ ފުރުސަތު ދޭން ބޭނުން ނުވާކަން ޒުހޫރުއާ މެދު އަމަލުކުރެއްވި ގޮތުން އެނގޭ ކަމަށެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކު ގޯތި ލިބުނު ކަމަށް ހަދައިގެން ލިޔުންތަކެއް އުފެއްދި މައްސަލައިގައި ކުރިއަށް ގެންދާ ބޮޑު ތަހުގީގުގައި މިހާތަނަށް ވަނީ ފަޒުލް އާއި ފަޒީލް ހިމެނޭހެން އަދި ކުރީ ސަރުކާރުގައި ހައުސިން މިނިސްޓްރީގައި މަސައްކަތް ކުރެއްވި އިސް ބައެއް ބޭފުޅުންވެސް ހިމެނޭހެން ޖުމްލަ 20 ބޭފުޅެއްގެ ޕާސްޕޯޓް ހިފަހައްޓާފަ އެވެ.