މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް

ގޯތީގެ ރަޖިސްޓަރީ އާއި ބިން ހަވާލުކުރަން ފަށައިފި

ކުރީގެ ސަރުކާރުގައި ފެށި "ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓަރީ އާއި ބިން ހަވާލުކުރަން ފަށައިފި އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހުންގެ ތެރެއިން މިހާތަނަށް ގޯތީގެ އެއްބަސްވުމާއި ގޯތީގެ ރަޖިސްޓަރީ ހަވާލުކުރެވިފައި ނުވާ މީހުންނަށް ގޯތީގެ އެއްބަސްވުމުގައި ސޮއި ކުރުމާއި ރަޖިސްޓަރީ ހަވާލުކުރުމުގެ އިތުރުން ބިން ހަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށާފައިވަނީ އިއްޔެ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާނެ ތާރީހާއި ގަޑި އަދި ތަން ފޯން އަދި އެސްއެމްއެސްގެ ޒަރިއްޔާއިން އަންގާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މިހާތަނަށް ހަވާލުކުރެވިފައިވާ ގޯތީގެ ރަޖިސްޓްރީ ނުވަތަ އެއްބަސްވުމުގައި މައްސަލައެއް ފާހަގަ ކުރެވޭނަމަ އެކަން ހުށަހެޅުމުން އިސްލާހުކުރެވޭނެ ކަމަސްވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

މާލެ ސަރަހައްދުން ގޯތި ނުވަތަ ފްލެޓް ލިބޭނެ ކަމަށް ލިސްޓުކޮށް ގެޒެޓްކޮށްފައިވާ މީހުންނަށް ރަޖިސްޓްރީ މި ހަފުތާއާއި އަންނަ ހަފުތާގެ ތެރޭގައި ހަވާލުކުރާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުށަހެޅި ފޯމުތަކުގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އަދި ޖޮއިންޓް އެޕްލިކަންޓުގެ ގޮތުގައި ޖުމްލަ 23،088 މީހުން ހިމެނިފައިވެ އެވެ. މީގެ ތެރެއިން 18،955 މީހުން ޝަރުތު ހަމަވިއިރު 9،003 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.

މި ޕްރޮގްރާމުގެ ދަށުން ދޫކުރަމުން ދަނީ ތިން ސައިޒެއްގެ ގޯއްޗެވެ. އެގޮތުން ވަކި ފަރުދަކަށްނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހެޅި އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރެ އެވެ.