ގުޅިފަޅު

ގުޅިފަޅަށް ގޯތި ބަދަލުކުރަން ހުށަހެޅި މީހުންގެ ގުރުނަގަން ފަށައިފި

ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި ހުށަހެޅި މީހުންގެ އަދަދު ބައެއް ކެޓަގަރީތަކުން އިތުރުވެފައިވާތީ އެ ކެޓަގަރީތަކުން ގުޅީފަޅުން ގޯތި ލިބޭ މީހުން ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން މިއަދު ފަށައިފި އެވެ.

ގުރުއަތުލުން މިއަދު މެންދުރުން ފެށިގެން ކުރިއަށް ދަނީ ދަރުބާރުގޭގައެވެ.

ހައުސިން މިނިސްޓްރީން ވަނީ ގުރުނެގުމުގައި ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން އެ މީހެއްގެ ނަން އަމިއްލައަށް ގުރުނަގާ ފޮއްޓަށްލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދީފަ އެވެ.

އެގޮތުން ގުރުނެގުމަށް ހަމަޖެހިފައިވާ ފޮއްޓަށް އަމިއްލައަށް ނަންކޮޅުލާން ބޭނުންވާ މީހުން ދަރުބާރުގެއަށް ހާޒިރުވީ މިއަދު ހެނދުނު 9:00 އިން 10:00 އަށެވެ. އަދި ބާކީ ތިބި މީހުންގެ ނަން ގުރުގައި ބައިވެރިވާ މީހުންގެ ހާޒިރުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ގުރުނަގާ ފޮއްޓަށްލައެވެ.

ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅީފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދެ ފަހަރެއްގެ މަތިން ހުޅުވާލީ މިސަރުކާރުގައެވެ.

ސަރުކާރުން ބުނި ގޮތުގައި އެ ފުރުސަތު ހުޅުވާލީ ގިރާވަރުފަޅުގެ ލޭންޑްޔޫސް ޕްލޭނަށް މިސަރުކާރުން ބަދަލު ގެނައުމުގެ ސަބަބުން ގިރާވަރުފަޅުން ގޯތި ދޫކުރަން ނިމިދިޔަ ސަރުކާރުން ކަނޑައެޅި އަދަދަށް ގޯތި ނުނެގޭތީ އެވެ. އެހެންވެ ގިރާވަރުފަޅުން ދޫކުރި ގޯތިތަކުގެ ތެރެއިން 1،347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމާ މިސަރުކާރުގައި އެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.

ގޯތި ބަދަލުކުރަން ހުށަހެޅި އަދަދުތައް:

  • 1250 އަކަފޫޓުގެ ގޯތިތަކުގެ ތެރެއިން ބަދަލުކުރަން ހުށަހެޅީ 1093 މީހުން
  • 1650 އަކަފޫޓުގެ ގޯތިތަކުގެ ތެރެއިން ބަދަލުކުރަން ހުށަހެޅީ 880 މީހުން
  • 2050 އަކަފޫޓުގެ ގޯތިތަކުގެ ތެރެއިން ބަދަލުކުރަން ހުށަހެޅީ 234 މީހުން
  • 2450 އަކަފޫޓުގެ ގޯތިތަކުގެ ތެރެއިން ބަދަލުކުރަން ހުށަހެޅީ ތިން މީހުން

ޕްލޭނިން މިނިސްޓްރީން ނިންމާފައިވަނީ 1250 އަކަފޫޓުގެ 193 ގޯއްޗާއި، 1650 އަކަފޫޓުގެ 663 ގޯއްޗާއި، 2050 އަކަފޫޓުގެ 487 ގޯއްޗާއި، 2450 އަކަފޫޓުގެ 4 ގޯތި ގިރާވަރުފަޅުން ގުޅިފަޅަށް ބަދަލުކުރުމަށެވެ. ގިރާވަރުފަޅުން 2050 އަކަފޫޓާއި 2450 އަކަފޫޓުގެ ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުށަހެޅީ ގުޅީފަޅަށް ބަދަލުކުރަން ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ކަމުގައިވާތީ އެފަރާތްތަކުގެ މެދުގައި ގުރުނެގުމެއް ނޯންނާނެ އެވެ.

ގުޅިފަޅުން ފުރަތަމަ ދޫކުރަން ނިންމާފައިވަނީ 2218 ގޯއްޗެވެ. ނަމަވެސް ފަހުން ދިން ފުރުސަތާ އެކު ގުޅިފަޅުން 3300 އަށް ވުރެ ގިނަ ގޯތި ދޫކުރަން ވަނީ ނިންމާފަ އެވެ.