ގިރާވަރު ފަޅު

ގުޅިފަޅަށް ގޯތި ބަދަލުކުރަން އިތުރު ފުރުސަތެއް

ކުރީގެ ސަރުކާރުން ހިންގި "ބިންވެރިޔާ ސްކީމް"ގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލުކުރަން އަނެއްކާވެސް ހުޅުވާލައިފި އެވެ.

މިފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ. އޭރު ފުރުސަތު ދިނީ ގިރާވަރުފަޅުން ލިބުނު ގޯތި ތަކުގެ ތެރެއިން 1250 އަކަފޫޓުގެ 193 ގޯއްޗާއި، 1650 އަކަފޫޓުގެ 663 ގޯއްޗާއި، 2050 އަކަފޫޓުގެ 487 ގޯއްޗާއި އަދި 2450 އަކަފޫޓުގެ 4 ގޯތި ބަދަލުކުރުމަށެވެ.

ހައުސިން މިނިސްޓްރީން މިއަދު އިތުރު ފުރުސަތެއް ދިނީ ކުރިން ދިން ފުރުސަތުގައި 2450 އަދި 2050 އަކަފޫޓުގެ ގޯތި ގުޅިފަޅަށް ބަދަލުކުރުމަށް ހުށަހެޅީ އޭރު ކަނޑައެޅި އަދަދަށްވުރެ މަދުން ކަމަށްވާތީ އެ ދެ ކެޓަގަރީގެ ގޯތި އެކަނި ބަދަލުކުރުމަށެވެ.

މި ފުރުސަތު މިފަހަރު ހުޅުވާލީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމާފައިވެ އެވެ.