ހަބަރު

30 އަހަރު ފަހުން އަނެއްކާ 30 ކިލޯގެ މާވަހަރެއް!

މިއަދު އިރު އެރި އިރު ގޭގައި ލައިގެން ކާނެ އެއްޗެއް ނެތުމުން ށ. ކޮމަންޑޫ ވާދީ، އަބްދުއް ރަހީމް ހަސަން ބޭނުންވީ ލައިގެން ކާނެ އެއްޗެއް ހޯދަން ވަދާ ނުކުންނާށެވެ. އެ ދަތުރަށް އޭނާ އެރި އިރު މީގެ ތިރީހަކަށް އަހަރު ކުރިން ގޭގައި ލައިގެން ކާނެ އެއްޗެއް ނެތިގެން ވަދާ ނުކުމެ އުޅެނިކޮށް ދެ ފަހަރެއްގެ މަތިން ކުޑަ ދެ މާވަހަރު ފެނުނު ހަދާން ކުޑަކޮށް ވެސް ނެތެވެ. ކުޑަކުޑަ ދެ މާވަހަރުން އޭނާގެ ހަޔާތަށް ބަދަލު ގެނެސްދިން ހަދާނެއް ވެސް ނެތެވެ. އެހެން ނަމަވެސް މިއަދުވީ އަބްދުއް ރަހީމް 55، އަށް ނަސީބުގެ ދުވަހަކަށެވެ. ކުޑަ ދެ މާވަހަރު ހޮވިތާ 30 އަހަރު ފަހުން ވަދާ ނުކުތުމަށްފަހު އޭނާ އެނބުރި މިއަދު ގެއަށް އައީ 30 ކިލޯގެ މާވަހަރެއް ހޮވައި ކުރީގެ ހަނދާންތައް އާ ކުރަމުންނެވެ.

ވަދާ ނުކުތުމާއި ކެޔޮކޮޅުކަމުގެ ދިއުމަކީ އަބްދުއްރަހީމުގެ ދުވަހުގެ މަސައްކަތެއް ނޫނެވެ؛ އޭނާގެ ދިރިއުޅުން ބިނާވެފައި ވަނީ އޭނާގެ ކަންމަތީ ފިހާރައަށެވެ. ނަމަވެސް ގޭގައި ލައިގެން ކާނެ އެއްޗެއް ނުހުންނަ ދުވަސް ދުވަހު އެތެރެވަރީގައި ވަދު ދަމާލަން ނުކުތުމަތީ އޭނާގެ އުފުލެކެވެ. އެގޮތުން ހަފުތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް އޭނާ ވަދާ ނުކުމެ އުޅެ އެވެ. އެފަދަ ދަތުރުތަކުގައި ތިން ފަހަރު މަތިން އަބްދުއް ރަހީމަށް މާވަހަަރު ފެނިފައިވާއިރު މާވަހަރެއް ފެނިދާނެ ކަމަށް ބަލައގެން ދުވަހަކުވެސް ދަތުރަކަށް ނާރަ އެވެ. އެތެރެވަރީގައި ދޯންޏެއް ވެސް ނުދުއްވަ އެވެ.

"މަސްވެރިކަމަށް ނުކުންނަނީ ގޭގައި ލައިގެން ކާނެ އެއްޗެއް ނުހުންނަ ދުވަސް ދުވަހު، ހަފްތާއަކު އެއް ފަހަރު ކަހަލަ ގޮތަކަށް ވަދާ ދެވޭ އެހެން ނުކުންނަ އިރު މާވަހަރެއް ފެނިދާނެ ކަމުގެ އުއްމީދެއް ނުކުރަން،" 30 ކިލޯގެ މާވަހަރެއް ފެނި، އެ އުފަލުގެ ތެރޭގައި ހުރި އަބްދުއް ރަހީމް ބުންޏެވެ.

ލައިގެން ކާނެ އެއްޗެއް ހޯދަން ކުރި ދަތުރުގައި ބޮޑު މާވަހަރެއް ފެނި، އަބްދު ރައްހީމް އާއިލާއަށް އުފާވެރިކަން އައިނަމަވެސް މާވަހަރުގެ އުފަލަކީ އޭނާއަށް އާ ކަމެއް ނޫނެވެ.

"މީގެ ކުރިން ފެނުނު ދެ މާވަހަރު ވެސް ފެނުނީ ވަރަށް ކައިރި ކައިރީގައި އެއީ މީގެ ތިރީހަކަށް އަހަރު ކުރިން. އެކަމަކު އެއީ ކުޑަ ކުޑަ ދެ މާވަހަރު. މިފަހަރު އެތައް ދުވަސްތަކެއް ފަހުން ބޮޑު މާވަހަރެއް ފެނުނު ނަމަވެސް ކުރެވުނީ އެދުވަހު ވެސް ކުރެވުނު އިހުސާސްތައް،" އަބްދުއް ރަހީމް ބުންޏެވެ.

ތިރީސް އަހަރު ކުރިން އަބްދުއް ރަހީމްގެ ދިރިއުޅުމަށް އުޖާލާ ކަމެއް ގެނެސް ދިން ކުޑަކުޑަ ދެ މާވަހަރަ އެފަހަރު ވިއްކީ 7000ރ. އަށެވެ. އޭނާ ބުނާ ގޮތުން އޭރު ފެނުނު ދެ މާވަހަރުގެ ސައިޒާއި އޭރުގެ އަގާ އަޅާ ބަލާއިރު އިރު އެއީ ބޮޑު އެއްޗެކެވެ.

އޭރު ފަސް ރުފިޔާ އަށް މާވަހަރު ގުރާމެއް ވިއްކި ނަމަވެސް އޭނާއަށް އިއްޔެ ހޮވި މާވަހަރު ރަނގަޅު އަގުގައި ވިއްކާލެވި 11 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އޭނާ އުންމީދު ކުރެ އެވެ. މާވަހަރު ވިއްކާލުމުގެ މަސައްކަތް އަބްދުއްރަހީމް ފަށާފައިވާއިރު އޭނާގެ އުންމީދާ އެއްގޮތަށް ބޮޑު މާވަހަރު ވިކިއްޖެ ނަމަ 30 އަހަރަށްފަހު މާވަހަރުގެ ފައިދާއިން އޭނާ އާއި އާއިލާގެ ދިރިއުޅުން މުޅިން ބަދަލުކޮށްލާނެ އެވެ. ލައިގެން ކާނެ އެއްޗެހީގެ ދަތިކަން މުޅިން ފިލައި ގޮސް ވަދާ ނުތުމުގެ އާދަ މާޒީގެ ތެރެއަށް ދާނެ އެވެ.

އަބުދުއް ރަހީމް މިއަދު މާވަހަރު ހޮވާފއި ވަނީ ހެނދުނު 7.30 އެހާކަންހާއިރު ކޮމަންޑުއާ ވަރަށް ކައިރިންނެެވެ. މާވަހަރު ހޮވުނު އިރު ވަދު އަޅަން ނުކުމެ އުޅުނީ އެކަންޏެވެ. މިއަދު އަބްދުއް ރަހީމަށް 30 ކިލޯގެ މާވަހަރުގެ ނަސީބުވެރިޔަކަށްވި އިރު މިދިއަ އަހަރު އެރަށުގެ އެހެން މީހަކު 50 ކިލޯގެ ބިޔަ މާވަހަރެއް ހޮވާފައި ވެއެވެ.