ރައީސް އަބްދުﷲ ޔާމީން

އުތުރު ތިލަފަޅަކީ އިންޑިއާގެ އަސްކަރީ މަރުކަޒެއް: ޔާމީން

އުތުރުތިލަފަޅަކީ އިންޑިއާގެ އަސްކަރީ މަރުކަޒެއް ކަމަށް ވިދާޅުވެ ރާއްޖެ އާއި އިންޑިއާ ސަރުކާރުން އުތުރުތިލަފަޅާ ގުޅޭގޮތުން ކޮށްފައިވާ އެއްބަސްވުމުގައި ހިމެނޭ ކަންތައްތަކެއްގެ ތަފްސީލު ހާމަކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެމަނިކުފާނު މި ކަންބޮޑުވުން ފާޅުކުރެއްވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ރ މީދޫގައި މިއަދު ބޭއްވި ހިނގާލުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޔާމީންގެ ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި "ބަނޑަހަ ޖަހައިގެން" އިންޑިއާ ސިފައިން އެބަ ތިބި ކަމަށެވެ.

އަދި އުުތުރުތިލަފަޅަކީ ދިވެހި ސިފައިންގެ ބާރު ހިނގާ ތަނެއް ނޫން ކަމަށް ވަރަށް ސާފުކޮށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އިތުރުތިލަފަޅަކީ ދިވެހި ދައުލަތުގެ ފައިސާއިން ބިނާ ކުރަމުން އައި ތަނެއް ކަމަށާ ނަމަވެސް އެތަން ތަރައްގީ ކުރުމުގެ ނަމުގައި އިންޑިއާ އަސްކަރިއްޔާއާ ހަވާލުކުރީ ފޮރުވިފައިވާ އެގްރީމަންޓެއްގެ ދަށުން ކަމަށެވެ.

"އަޅުގަނޑު ބުނީމަ ގަބޫލުކުރައްވާ. މިއީ [އުތުރު ތިލަފަޅަކީ] ދިވެހި ސިފައިންގެ ދިވެހި ދައުލަތުގެ ބާރު ހިނގާ ތަނެއް ނޫން. މިއީ ސީދާ އިންޑިއާ ސިފައިންގެ ބާރު ހިނގާ ތަނެއް،" ޔާމީން ވިދާޅުވިއެވެ.

މާލޭގެ ހުޅަނގު އުތުރުން އެ އޮތީ އުތުރުތިލަފަޅު. މިކީއެއް ސިފައިންގެ މަރުކަޒެއް ނޫން. މިކީއެއް މިއަދު ދިވެހިރާއްޖޭގެ ދިވެހި ސިފައިންގެ ބާރު ހިނގާ ތަނެއް ނޫން. މީ ދިވެހި ދައުލަތުގެ ބާރު ހިނގާތަނެއްވެސް ނޫން. މިއީ ފުރިހަމައަށް އިންޑިއާގެ އަސްކަރިއްޔާގެ ބާރުގެ ދަށުގައި އޮތް ތަނެއް. އަޅުގަނޑު ބުނީމަ ގަބޫލު ކުރައްވާ. މިއީ ދިވެހި ދައުލަތުގެ ބާރު ހިނގާ ތަނެއް ނޫން. މިއީ ފުރިހަމައަށް އިންޑިއާ ސަރުކާރުގެ އަދި އިންޑިއާ އަސްކަރިއްޔާގެ ބާރު ހިނގާ ތަނެއް. އެ އޮތީ އަޅުގަނޑުމެންގެ ވެރިކަން ކުރާ ރަށާއި ދާދި ގާތުގައި. އެއީ އެންމެ ކައިރިން މި ނުރައްކާ އިހުސާސް ކުރާ ހިސާބު. ދެން މުހިންމު ހުރިހާ ހިސާބެއްގައި އެބަ ތިބި އިންޑިއާ ސިފައިން 'ބަނޑަހަ' ޖަހައިގެން
އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ކުރީގެ ރައީސް - ރ. މީދޫ

ރައީސް ޔާމީން ވިދާޅުވީ އުތުރުތިލަފަޅު އެއްބަސްވުމުގައިވާ ގޮތުން އެތަނުގައި އިމާރާތް ކުރުމާއި މެނޭޖް ކުރުމާއި އަދި ހިންގުމުގެ ހުރިހާ ބާރެއްވެސް އޮތީ އިންޑިއާގެ އަސްކަރިއްޔާއަށް ކަމަށެވެ. އުތުރުތިލަފަޅަށް އަންނަ އިންޑިއާ ސިފައިންގެ އަދަދާއި ސިފައިން ތިބޭ މުއްދަތާއި އަދި ސިފައިން ކުރާ ކަންކަމާއި ގުޅޭގޮތުން ސުވާލު ކުރުމުގެ ބާރުވެސް ދިވެހި ސަރުކާރަށް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި އުތުރުތިލަފަޅު ތަރައްގީ ކުރުމުގެ ނަމުގައި އިންޑިއާގެ އަސްކަރިއްޔާއާއެކު ހަދާފައިވާ އެއްބަސްވުމުގައި ތިންވަނަ ފަރާތަކަަށް އެ އެއްބަސްވުން ނުދެއްކޭނެ ކަމަށްވެސް ލިޔެފައިވާ ކަމަށެވެ. އެ އެއްބަސްވުން މަޖިލީހަށް ނުދައްކަނީ އެ ސަބަބާއި ގުޅިގެން ކަމަށްވެސް ވިދާޅުވިއެވެ. ޔާމީން ތަކުރާރުކޮށް ވިދާޅުވީ އުތުރުތިލަފަޅު އޮތީ ނުރައްކަލުން ފުރިފައި ކަމަށެވެ. އަދި އެއ އިންޑިއާގެ އަސްކަރީ މަރުކަޒެއް ކަމަށްވެސް ވިދާޅުވިއެވެ.

"މި އެގްރީމަންޓްގައި ވަރަށް ސަރީހަކޮށް ބަޔާންކޮށްފައި އެބައޮތް މި އެގްރީމަންޓް ތިންވަނަ ފަރާތަކަށް ދައްކައިގެން ނުވާނެ ކަމަށް،" ޔާމީން ވިދާޅުވިއެވެ.

މި [އުތުރުތިލަފަޅުގެ] އެގްރީމަންޓްގައި މި އޮންނަނީ އިމާރާތް ކޮށްދީފައި މެނޭޖްކޮށްދީފައި އެޑްމިނިސްޗާ ކުރާނީ އިންޑިއާ ސިފައިން އިން ނޭ. އަދި މިކަމަށް އަންނަ އިންޑިއާގެ އެއްވެސް ސިފައިންގެ އޮފިސަރަކާ ވަކި ރޭކްކަކާ ވަކި އަދަދަކާ ދިވެހި ސަރުކާރަށް އެއްވެސް ގޮތަކަށް ހުރަސް އެޅުމުގެ އިހުތިޔާރެއް ނެތް. ދިވެހި ސަރުކާރުން ލަދުވެތިވާން ވާނެ މިވަރުގެ އެގްރީމަންޓެއް ސަރުކާރުގެ ނަމުގައި ކުރަން
އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ކުރީގެ ރައީސް - ރ. މީދޫ

ރައީސް ޔާމީން ވިދާޅުވީ އުތުރުތިލަފަޅުގެ އެއްބަސްވުމަކީ ގާނޫނު އަސާސީއާ ހިލާފު އެއްބަސްވުމެއް ކަމަށާ އެ އެއްބަސްވުމުން ރައްޔިތުންގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ.

އަދި އެއީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ރައްޔިތުންނާއި ގައުމަށް ގެއްލުން ހުރި އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ތަކުރާރުކުރައްވާ ވިދާޅުވިއެވެ.

"އެ ތަނުގައި ދިވެހި ސިފައިންގެ ނަމުގައި އެއާ ވިންގެއްވެސް ހަދަން އޮތީ ހުށައަޅާފައި. އެ އެއާވިންގަކީ އެއާފޯސް ބޯޓްތަކާއި އަދި އެ ނޫންވެސް ހަނގުރާމަ މަތީ އުޅަނދުތައް ޖައްސާ ނަގާ ފުރަން އޮންނަ ބަނދަރެއް. އަދި އެއާއެކީ ކަނޑުގެ ބަނދަރު ތަރައްގީ މި ކުރަނީ. މި ސަރަހައްދަށް ބޭނުންވާ ރާޑަރުތަކާއި މި ސަރަހައްދަށް ބޭނުންވާ ނެވިގޭޝަން ހުރިހާ ސާމާނަކާއި އިލެކްޓްރޯނިކް ހުރިހާ ސާމާނެއް ގާއިމު ކުރަނީ އެ ތަނުގައި. ދިވެހިރާއްޖޭގެ ދިވެހި ސިފައިންގެ ބޭނުމަކަށް ދިވެހި ރައްޔިތުންގެ ބޭނުމަކަށް މި ފެންވަރަކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ މާލެއިން ބޭރުގައި މިވަރުގެ ތަނެއް ހުންނާކަށް. އެވަރުގެ ނުރައްކަލެއް ދިވެހި ރައްޔިތުންގެ ފަރާތަކުން ނެތް،" ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ފަސް ހަ ސަރަހައްދެއްގައި އިންޑިއާ ސިފައިން ތިބިއިރު އެ އިން އެއްވެސް ތަނަކަށް ދިވެހިި ދައުލަތުގެ ބާރު ނުހިނގާ ކަމަށެވެ. އެކަމަށް މިސާލެއްގެ ގޮތުން އެމަނިކުފާނު ދެއްކެވީ އިންޑިއާ ސިފައިން ގިނަ އަދަދަކަށް ތިބި ކަމަށް ބުނާ ހދ. ހަނިމާދޫ އެވެ.

އެމަނިކުފާނު ވިދާޅުވީ ހަނިމާދޫ އެއާޕޯޓަކީ ދިވެހީންގެ މިލްކެއް ނަމަވެސް މިއަދު އެ އެއާޕޯޓަށް އަދި ހަނިމާދޫއަށްވެސް ދިވެހި ދައުލަތުގެ ބާރު ނުހިނގާ ކަމަށެވެ.