ކްރިމިނަލް ކޯޓް

އިއްސެގެ މަރު: މިމަހު ހުކުމްކުރަނީ

Mar 3, 2022

ހއ. އިހަވަންދޫ އައިސް ޕްލާންޓްގައި މީގެ ހަތަރު ކުރިން މަރާލި ޅ. ހިންނަވަރު މީހެއް ކަމުގައިވާ އިސްމާއިލް އުމަރު (އިއްސެ)ގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ބަންގްލަދޭޝްގެ ސުމޮން މިއާގެ މައްޗަށް މިމަހު ހުކުމްކުރަން ނިންމައިފި އެެވެ.

އައިސް ޕްލާންޓް ތެރޭގައި އިއްސެ މަރާލާފައި އޮއްވާ ފެނުނީ ޖޫން 16، 2017 ގައެވެ.

އިއްސެއާ އެކު އައިސް ޕްލާންޓްގައި މަސައްކަތް ކުރަމުން ދިޔަ ސުމޮން ވަނީ ފުލުހުންގެ ތަހުގީގުއާއި ކޯޓުގައި ވެސް އިއްސެ މަރާލި ކަމަށް އެއްބަސްވެފަ އެވެ. އެކަމަކު އިއްސެ މަރާލި ކަމަށް އޭނާ މިހާރު ދަނީ އިންކާރު ކުރަމުންނެެވެ.

އިއްސެގެ މަރުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ދައުލަތުންނާއި ސުމޮން މިއާގެ ފަރާތުން ވަނީ ހުލާސާ ބަޔާން އިއްވާފަ އެވެ.

ދައުލަތުން މިއަދު ބުނީ ތަހުގީގާއި ކޯޓުގައިވެސް ސުމޮން، އޭނާގެ ކުށަށް އިއުތިރާފް ވެފައިވާތީއާއި އިއްސެ އަށް ގަސްދުގައި ހަމަލާ ދިނުމުގައި އޭނާ ގެންގުޅުނު ހަތިޔާރަށް ބަލާއިރު އެއްވެސް ޝައްކެއް ނެތް މިންވަރަށް ސުމޮންގެ މައްޗަށް ކުށް ސާބިތުވާނެ ކަމަށެވެ.

ކޯޓުގައި ސުމޮންގެ ފަރާތުން ވާހަކަދެއްކެވީ ދައުލަތުން އޭނާ އަށް ހޯދައިދީފައިވާ ވަކީލެކެވެ. އޭނާ ވިދާޅުވީ އިއްސެ މަރާލި ކަމަށް ސުމޮން ތަހުގީގުގައި އެއްބަސްވީ ފުލުހުން ބިރު ދެއްކުން ކަމަށެވެ. މައްސަލަ އާއި ގުޅޭގޮތުން ފުލުހުންގެ ވާހަކަތަކުގައި ދިމާނުވާ ކަންތައްތަކެއް ހުރިކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މަރުގެ މައްސަލަތައް ސާބިތުކުރަން އޮންނަ އުސޫލަކީ ޝައްކެތް ނެތް މިންވަރަށް ކުށް ސާބިތުވުން ކަމަށްވެސް ސުމޮންގެ ވަކީލް ވިދާޅުވި އެވެ. ސުމޮން އަށް ހަމަލާދިން މަންޒަރު ފެނުނު މީހަކު ނެތްއިރު ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ނުކުރެވޭނެތީ ސުމޮންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައެޅުމަށްވެސް ވަކީލް ހުށަހެޅުއްވި އެވެ.

ގާޒީ އަލީ އާދަމް މިއަދު ވިދާޅުވީ މި މައްސަލައިގައި ދެން އޮންނާނީ ކުށް ސާބިތުވޭތޯ ކަނޑަޅުން ކަމަށެވެ. މިމަހުގެ ތެރޭގައި އެ މަޖިލިސް ބާއްވާނެ ކަމަށްވެސް އިއުލާންކުރެއްވި އެވެ. ކުށް ސާބިތުވެއްޖެނަމަ އިއްސެގެ ވާރިސުންގެ ބަސް އެ ދުވަހު ނެގުމަށްވެސް ގާޒީ ނިންމެވި އެވެ.

އިއްސެ މަރާލި ކަމަށް ސުމޮން މީގެ ކުރީގެ ޝަރީއަތުގެ މަޖިލީހެއްގައި އެއްބަސްވުމަށްފަހު ބުނީ އިއްސެ މަރާލީ އިތުރު ގަޑީގެ ފައިސާ ނުދޭތީ ކަމަށެވެ. އަދި އޭނާގެ އަންހެނުންނަށް ގުޅައިގެން އިންނަ ވަގުތުގައި އޭނާއާ ދިމާލަށް އިއްސެ އެއްޗެހި ކިޔާތީ ކަމަށެވެ. އިއްސެ ނިދާފައި އޮއްވާ ކަރަށް ވާގަނޑެއް މަހާލައި ބާރުކޮށްލައިގެން އިއްސެ މަރާލަން އުޅެނިކޮށް އޭނާ އަށް ހޭލެވުމުން އިއްސެ މަރާލީ އެތައް ފަހަރަކު ވަޅި ހަރައިގެން ކަމަށްވެސް ސުމޮން ކުރިން ބުނެފައިވެ އެވެ.

ސުމޮންގެ މައްޗަށް ކުށް ސާބިތުވެ އޭނާ މަރަން ހުރިހާ ވާރިސުން ބޭނުންވެއްޖެ ނަމަ އޭނާ އަށް މަރުގެ ހުކުމް އިއްވާނެ އެވެ.