ފައިސަލް ނަސީމް

ނައިބް ރައީސް އދ. ސެކްރެޓަރީ ޖެނަރަލްއާ ބައްދަލުކުރައްވައިފި

May 7, 2022

ނައިބް ރައީސް ފައިސަލް ނަސީމް އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު އދ.ގެ މައި މަރުކަޒުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ގުޓާރޭޒް ވަނީ އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ރިޔާސަތަށް ތައުރީފުކުރައްވާފަ އެވެ. އެމަނިކުފާނު ވަނީ މޫސުމީ ބަދަލުތަކުގެ މައްސަލައިގައި ރާއްޖެއަށް އެއްބާރުލެއްވުން ދެއްވާނެ ކަމަށާއި، ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރީ ސަފުގައި އަބަދުވެސް މަސައްކަތްކުރަމުންދާ ގއުމެއްކަން ފާހަގަކުރައްވާފަ އެވެ.

ގުޓަރޭޒް ވަނީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާ ކަމަށާއި، މިގޮތުން އަބަދުވެސް އދ އިން އަދި އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އެމަނިކުފާނު ރާއްޖެއަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގައި ވެސް ވިދާޅުވެފަ އެވެ.

ނައިބް ރައީސް ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ލީޑަޝިޕަށް ތައުރީފުކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީީ އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ރިޔާސަތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވެފަ އެވެ.

ހުރިހާ ގައުމުތަކުން އެކަތިގަނޑަކަށް ވާންވީ ވަގުތަކީ މިވަގުތުކަން ހާމަކުރައްވަމުން ނައިބް ރައީސް ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއި މޫސުމީ ބަދަލުތަކުގެ ސަަބަބުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއަށް އެހީތެރިކަން ބޭނުންވާކަމުގައި ވިދާޅުވެފަ އެވެ. އެމަނިކުފާނު ވަނީ ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުން ނާޒުކު ކުދި ގައުމުތަކަށް މޫސުމީ ބަދަލުތަކުން އަރައިގަތުމަށް އެހީތެރިވެދިނުން މުހިއްމު ކަންވެސް ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ނައިބް ރައީސް ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކަށް ބައްލަވާލައްވާ ވެސް ވާހަކަފުޅުދައްކަވާފަ އެވެ. އެގޮތުން، ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދުގެ މައިބަދަ ކަމުގައިވާ ފަތުރުވެރިކަމަށް ކުރިއަސަރުތަކާ ގުޅުންހުރި ބައެއް ކަންކަން ފާހަގަކުރެއްވެވި އެވެ.

މި ބައްދަލުކުރެއްވުމުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުގެ ފަރާތުން ބައެއް ކަންކަމުގައި ބޭނުންވާ ވަރަށް އެއްބާރުލުން ނުލިބޭކަން ހިތާމައާއެކު ފާހަގަކުރައްވާފަ އެވެ. އަދި، އެމަނިކުފާނު ވަނީ ކުރަން ހުރި ކަންކަން ގިނަކަމުގައި ވިދާޅުވެ، ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުގެ ސަބަބުން ކުރިމަތިވާ ބައެއް މައްސަލަތަކަށް އެންމެ ބޮޑު އަގެއް ދައްކަންޖެހިފައިވަނީ ރާއްޖެ ފަދަ ކުދި ނާޒުކު ގައުމުތަކުން ކަމުގައިވެސް ވިދާޅުވެފައެވެ. ގުޓަރޭޒް ވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ކުދި އަދި ނާޒުކު ގައުމުތަކުގެ ހައްގުގައި މަސައްކަތްކުރުންމަތީ ދެމިހުންނަވާނެ ކަމުގައި ވިދާޅުވެފަ އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ފައިސަލް ނަސީމު ވަނީ ރާއްޖެއިން ގަބޫލުކުރާ ގޮތުގައި މިއީ މޫސުމީ ބަދަލުތަކާ ގުޅިގެން ލަސްނުކޮށް ފިޔަވަޅު ނަގަންވީ ވަގުތުކަން ހާމަކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވިދާޅުވީ މިއީ މިއަދު ރާއްޖެއަށް ކުރިމަތިވާ ކަމެއްކަމުގައި ވަނީނަމަ މާދަމާ ކުރިއަރާފައިވާ އެހެން ބޮޑެތި ގައުމުތަކަށްވެސް މިކަންކަން ކުރިމަތިވާނެ ކަން ހަނދާންކޮށްދެއްވާފަ އެވެ. މީގެ އިތުރުން ވެސް ނައިބް ރައީސް ވަނީ އަންހެނުން ބާރުވެރިކުރުވުމާއި، ޒުވާނުން ބާރުވެރިކުރުވުމާ ގުޅޭގޮތުން އދ.ގެ ސެކްރެޓަރީ ޖެނެރަލާ މަޝްވަރާކުރައްވާފަ އެވެ.