ޑރ. މުހައްމަދު މުއިއްޒު

އެމެރިކާ ދަތުރުފުޅަށްފަހު ރައީސް މުއިއްޒު ރާއްޖެ ވަޑައިގެންފި

އދ. ގެ އާއްމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ.

އެމެރިކާއަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ، އދ.ގެ އާއްމު މަޖިލީހުގެ 79 ވަނަ ސެޝަންގައި، ނުވަތަ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވާފަ އެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އދ ގެ ސަލާމަތީ މަޖިލީހުގައިވެސް ތަޤުރީރު ކުރައްވާފައެވެ.

އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުހިންމު މައުޟޫއުތަކަށް ތަގުރީރު ދެއްވާފަ އެވެ. އަދި އދ.ގެ އާއްމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށް ދިޔަ މުހިންމު ބައެއް ބައްދަލުވުންތަކުގެ ރިޔާސަތުގައި ކޯ-ޗެއަރއެއްގެ ހައިސިއްޔަތުން އެމަނިކުފާނު ވަނީ އިސް ދައުރެއް އަދާކުރައްވާފަ އެވެ. އަދި އދ.ގެ އާއްމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެ ވަޑައިގެންނެވުމަށް ނިއުޔޯކަށް ވަޑައިގެންނެވި އެކި ވަފުދުތަކުގެ އެންމެ އިސްވެރިންނާ ބައްދަލު ކުރައްވާ، ދޭދޭ މަޝްވަރާތައް ކުރިއަށް ގެންދަވާފައިވެ އެވެ. ނިއުޔޯކްގައި ދިރިއުޅެމުންދާ ދިވެހިންނާވެސް އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފައެވެ.

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމެރިކާއިން ފުރާވަޑައިގަތުމުގެ ކުރިން ރައީސް ވަނީ ޕްރިންސްޓަން ޔުނިވާސިޓީގެ ޕްރިންސްޓަން ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެފެއާޒްގައި ތަގުރީރު ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ، ނިއު ޔޯކްގައި ހުންނަ ގޫގްލްގެ އޮފީހަށްވެސް ޒިޔާރަތް ކުރައްވާފައެވެ.

އދ.ގެ އާއްމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެނެންނެވީ މި މަހުގެ 20 ވަނަ ދުވަހުއެވެ.