ގާސިމް އިބްރާހިމް

ރައީސް ސާބިތުކޮށް ދެއްވީ ރާއްޖެއަކީ ބަސް ބުނަން ކެރޭ ގައުމެއްކަން: ގާސިމް

ރާއްޖެއަކީ މުޅި ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ގައުމެއްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސާބިތުކޮށް ދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް އިބްރާހީމް މިހެން ވިދާޅުވީ އދ. ގެ އާއްމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރާއްޖެއަކީ ޖިއޮގްރަފީ ގޮތުން ކިތަންމެ ކުޑަ ގައުމެއް ނަމަވެސް އދ. ގެ އާއްމު މަޖިލީހުގެ ސެޝަންތަކުގައި މީގެ ކުރިން ރާއްޖޭގެ ބައެއް ވެރިން ބައިވެރިވެ ރާއްޖެ ތަމްސީލުކުރައްވާ ރާއްޖެއަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކާއި، އަދި މުޅި ދުނިޔެއަށް ދިމާވެފައިވާ އެކިއެކި ކަންތައްތަކާއި ގުޅޭ ގޮތުން އަޑު އުފުއްލެވިކަން ގާސިމް ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު އދ. ގައި ރާއްޖެ ތަމްސީލު ކޮށްދެއްވީ ނުހަނު ވިސްނުންތެރިކަމާއި އެކު ވަރަށް ފުރިހަމަ އަދި އެހާމެ މުނާސަބުކޮށް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

"މި ލޮބުވެތި ގައުމަކީ ފަހުރުވެރި، ކެރޭ، ހަރުދަނާ، ދުރުވިސްނޭ، އިލްމާއި ހުނަރު ލިބިފައިވާ، ތަރައްގީއަށް އުންމީދު ކުރާ ތަސައްވަރެއް އޮތް، އަދި މުޅި ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ގައުމެއްކަން، ރައީސް ޑރ މުއިއްޒު އެވަނީ ވަރަށް ސާބިތުކަމާއި އެކު ދައްކުވައިދެއްވާފަ،" ގާސިމް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވާ ގާސިމް ވިދާޅުވީ އދ ގެ އާއްމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި، ރައީސް ދެއްވި ތަގުރީރަށް ދުނިޔޭގެ ސަމާލުކަން ލިބިގެންދިޔަ ކަމަށެވެ.

"ރާއްޖޭގެ ސިޔާސީ އިދިކޮޅު ބައެއް ފަރާތްތަކަށް، ހާއްސަ ކޮށް ވެރިކަމުގެ ފަސް އަހަރުގެ ދައުރެއް ލިބިވަޑައިގެން ނަމަވެސް އދ ގައި ރާއްޖެ ތަމްސީލް ކޮށްލަން ކެރިވަޑައިނުގަތް ބޭފުޅަކަށް، ރައީސް މުއިއްޒުގެ ތަގުރީރު އޮޅުން ފިލާވަޑައި ނުގަތްނަމަވެސް، ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުހީގައި އެމަނިކުފާނުގެ ތަގުރީރް އެވަނީ ހިމެނިފަ،" ގާސިމް ވިދާޅުވި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓްގައި ގާސިމް އިބްރާހީމް ވަނީ އދ. ގެ އާއްމު މަޖިލީހުގައި ރައީސް ދެއްކެވި ވާހަކަފުޅުތަކަށް އަލިއަޅުއްވާލައްވާފަ އެވެ.