ރާއްޖެ އެއްކޮށް ބަނގުރޫޓުވުމުގެ ކުރިން ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި އެހެން ނޫންނަމަ ރާއްޖެ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ޕްރޮގްރާމަށް ވަންނަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު މަޖިލީހަށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ދަރަންޏާބެހޭ ބިލްގެ ބަހުސްގައި ގާސިމް އިބްރާހީމް ވަނީ އައިއެމްއެފްގެ ޕްރޮގްރާމަށް ނުދިއުމަށް މިހާރުން މިހާރަށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ގާސިމް ވަނީ ރާއްޖެއިން ކުރިއަށް އޮތް ދެ އަހަރު ދައްކަންޖެހޭ ދަރަނި ބޮޑުކަން ފާހަގަކުރައްވާފަ އެވެ.
"މި އަހަރާއި ކުރިއަށް އޮތް 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު ދައްކަންޖެހޭ ފައިސާތަކެއްގެ ބޮޑުކަމުގެ ވާހަކަ އަޅުގަނޑުމެން ދެއްކިން ރިޔާސީ އިންތިހާބުގެ ތެރޭގައިވެސް އަދި މިހާރުވެސް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ އައިއެމްއެފް ޕްރޮގްރާމް ބަޖެޓަށް ނުދިއުމަށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި މަޖިލީހުގެ މެންބަރުން ތިބީ އެ ފިޔަވަޅުތައް އެޅުމަށް ތައްޔާރަށް ކަމަށެވެ. ގާސިމް ވަނީ ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް މަރުހަބާ ދަންނަވާފަ އެވެ.
"ކެރި ވަޑައިގެން ސާބިތުކަމާއެކު ގެއްލުންވާ ކުންފުނިތަކާއި ދައުލަތުން އިސްލާހުކުރަންޖެހޭ މައްސަލަތަކާއި އެއްވެސް ޒިންމާއެއް ނެތް ގޮތަށް ދީފައި ހުރި ވަޒީފާތަކާއި ކުންފުނިތަކުން ލިބޭ ނިކަމެތިކަން ހައްލުކުރުމަށްޓަކައި ދިވެހި ދައުލަތުން އެބަޖެހޭ ވަރަށް ރަނގަޅަށް ބެއްލެވުމަށްފަހުގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަން،" ގާސިމް ވިދާޅުވި އެވެ.
އެ ފިޔަވަޅުތައް އެޅުމަށް ވާންޖެހުނު ކޮންމެ ގުރުބާނީވާން ތައްޔާރަށް ހުންނެވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ފިޔަވަޅުތައް އެޅުން ލަސްކޮށްފިނަމަ އައިއެމްއެފްގެ ޕްރޮގްރާމަށް ރާއްޖެއިން ވަންނަން ޖެހޭނެ ކަމަށް ވިދާޅުވެ ގާސިމް ވަނީ އެ ހާލަތުގައި ޒަރޫރީ ހާލަތަށް އޮންނަ ސަބްސިޑީ ކަނޑާލަން ޖެހިދާނެ ކަމަށް ވިދާޅުވެފަ އެވެ.
"(ފިޔަވަޅުތައް އެޅުން) ލަސްކުރައްވައިފިއްޔާ އަޅުގަނޑުމެން އައިއެމްއެފް އާއި ވޯލްޑް ބޭންކްގެ ޕްރޮގްރާމް ބަޖެޓިންގް އަށް ދާންޖެހޭނެ. އެހެން ކަމަށް ވެއްޖިއްޔާ ރައީސުލްޖުމްހޫރިއްޔާއެއް ނުވަތަ އެހެންވެސް މީހަކު ހުންނާކަށް ނުޖެހޭނެ އަދި އޭގެ އިތުރަށް ދަންނަވަންތޯ އެންމެ ޒަރޫރީ ހާލަތަށްޓަކައި އޮންނަ ސަބްސިޑީވެސް ޖެހޭނީ ކަނޑާލަން. ހުރިހާ ސަބްސިޑީތަކެއް ޖެހޭނީ ކަނޑާލަން. އަޅުގަނޑު މި ވާހަކަ މި ދަންނަވަނީ އެ ހުރިހާ މައުލޫމާތެއް ލިބި ހުރި މީހެއްގެ ހައިސިއްޔަތުން،" މީގެ ކުރިން ފިނޭންސް މިނިސްޓަރު ކަމާއި މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަން ކުރެއްވި ގާސިމް ވިދާޅުވި އެވެ.
ބިލްގެ ބަހުސްގައި ގާސިމް ވަނީ އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ތަކުރާރުކޮށް ގޮވާލައްވާފަ އެވެ.
"ލަސް ނުކުރައްވާށޭ އަޅުގަނޑު ދަންނަވަން މި އުޅެނީ. ލަސްކުރައްވައިގެން އަޅުގަނޑުމެންނަށް ސަލާމަތެއް ނެތޭ. މާދަމާ ޑޮަލަރެއް ނުލިބޭނެ. އަސާސީ ހައްގުތައް އަޅުގަނޑުމެން ދޭންޖެހޭ މީހާއަށް ބޭސްފަރުވާ ކުރާނެ އެންމެ ބޮޑުލާރި ފޮއްޗެއްވެސް ނުލިބޭ ހަމައަށް ދުއްވާލަން އަޅުގަނޑުމެން މި ވާހަކަ ދައްކަދައްކާ ތިބެންވީތޯ،" ގާސިމް ވިދާޅުވި އެވެ.
އައިއެމްއެފް ޕްރޮގްރާމަކީ ގައުމުތައް ދަރަނިތައް ދައްކަން އުޒުރުވެރިވާ ހާލަތުގައި ޝަރުތުތަކަކާއެކު އައިއެމްއެފް އިން ދޭ މާލީ އެހީއެކެވެ. މި ޝަރުތުތަކުގެ ތެރޭގައި ސަބްސިޑީތައް ކަނޑާލުން ހިމެނެ އެވެ.