ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ކުރިއަށް ދިޔަ މިބައްދަލުކުރެއްވުމާ ގުޅޭ އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.
ރައީސް މުއިއްޒު، ގާސިމާ ބައްދަލުކުރައްވާފައި މިވަނީ ވަޒީރުންގެ މަޖިލީހުގެ ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ވޯޓަށް އެހުމަށް ތައްޔާރުވެފައި ވަނިކޮށެވެ.
އެމްޑީޕީގެ ބައެއް މެންބަރުންގެ ރޫހު ހުރީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށެވެ. ނަމަވެސް މަޖިލީހުގެ ޖަލްސާއެއްގައި ގާސިމް ވަނީ ހުރިހާ ވަޒީރުންނަށް ވެސް ރުހުން ދިނުމަށާއި އަދި ރުހުން ދިނުން އަވަސް ކުރުމަށްވެސް ގޮވާލައްވާފަ އެވެ.
ރައީސް މުއިއްޒު އާއި ގާސިމް ބައްދަލުކުރައްވާފައި މިވާ މިވަގުތަކީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންނާއި މަޖިލިސް މެންބަރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މުސާރަތަކާއި މޭޔަރުންނާއި ކައުންސިލަރުންގެ މުސާރަތައް ބޮޑުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާފައިވާތީ މަޖިލީހާއި ސަރުކާރާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވެމުންދާ ވަގުތެކެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސްގެ ޕީއެންސީއާއި ގާސިމްގެ ޖޭޕީ ގުޅިގެން މަސައްކަތް ކުރުމަށްވެސް މީގެކުރިން މަޝްވަރާތަކެއް ކުރައްވާފައިވެ އެވެ.