ޕީޕީއެމް

ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުން ގާސިމުގެ އަރިހަށް

ޕީޕީއެމް ޕީއެންސީގެ އިސް ވަފްދެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަރިހަށް ވަޑައިގެންފި އެވެ.

މިވަފްދުގައި އިސްކޮށް ހުންނެވީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް އެވެ. މީގެއިތުރުން ޕީޕީއެމް ޕީޖީ ގުރޫޕްގެ ލީޑަރު އަހްމަދު ސަލީމާއި ޕީއެންސީގެ ނައިބް ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމުގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގު ހިމެނެ އެވެ.

މި ބޭފުޅުން މިރޭ މާމިގިއްޔަށް ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީވެސް ގާސިމް އިބްރާހީމް އެވެ.

މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހިމް ވާދަކުރައްވައިގެން ލިބިވަޑައިގަތީ 5،460 ވޯޓެވެ.

އެންމެ ގިނަ ވޯޓު ހޯއްދަވައިގެން އިންތިހާބުގެ ދެވަނަ ބުރަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދަތުރުކުރެއްވުމާ ގުޅިގެން ޖޭޕީއާ އެކު ކޯލިޝަން ނުހެދުމަށް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން މީގެކުރިން ވަނީ ލަފާ ދެއްވާފަ އެވެ.

ނަމަވެސް މިއަދު ޕީޕީއެމް އިން ބުނީ އެ ޕާޓީން ޖޭޕީއާ އެކު މަޝްވަރާތައް ވެސް ފެށީވެސް ޔާމީންގެ ރުހުމާއެކު ކަމަށެވެ. އިތުރު ތަފްސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖޭޕީން އަމަލުކުރާނެ ގޮތެއް ނިންމުމަށް މާދަމާ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ.