ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ޔޫއޭއީގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބް އަދި ހާރިޖީ ވަޒީރު ޝައިހް އަބްދުﷲ ބިން ޒާއިދު އާލް ނަހްޔާނާއި ބައްދަލުކުރައްވައިފި އެވެ.

އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭގޮތުން މައުލޫމާތު ދެއްވަައި ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ވިދާޅުވެފަ އެވެ.

މީގެއިތުރުން އެމަނިކުފާނުގެ ވަނީ ހާއްސަ ގޮތެއްގައި އިގްތިސާދީ ތަރައްގީއާއި، އިންވެސްޓްމަންޓް އަދި ސިއްހީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ އެހީތެރިކަން ފާހަގަކުރައްވާފަ އެވެ.

ރައީސް އޮފީހުން ބުނީ މިބައްދަލުކުރެއްވުމުގައި ޔޫއޭއީގެ ހާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ކޮންމެ ދާއިރާއަކުންވެސް އެހީތެރިވުމަށް ޔޫއޭއީ އިން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މުހިއްމުކަން އޭނާ ފާހަގަކުރެއްވި ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވާ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައެވެ.