ޑރ. މުހައްމަދު މުއިއްޒު

އދގެ ދައުރު އަދާނުކުރެވޭތީ ރައީސްގެ ބޮޑެތި ކަންބޮޑުވުންތަކެއް

މޫސުމަށް އަންނަ ބަދަލުތަކާއި ހަމަނުޖެހުންތައް ހުއްޓުވުމާއި ބޭއިންސާފު ނައްތާލުން ފަދަ މުހިއްމު މައްސަލަތައް ހައްލުކުރުމުގައި އެކަށީގެންވާ ގޮތެއްގައި އދ. އިން މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އާންމު ބަހުސްގައި ތަގުރީރު ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކީ އަޅުގަނޑުމެންގެ އަމަލުތަކުން އުފެދިފައިވާ މައްސަލަތަކެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ބޭނުން ވަނީ އެއްބައިވަންތަ އެކުވެރި ދައުލަތްތަކެއް. ބައިބައިވެ މާޔޫސްވެފައިވާ އދ އެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.

މުހިންމު މައްސަލަތައް ޙައްލުކުރުމުގައި ބައިނަލްއަޤުވާމީ އެއްބައިވަންތަކަމަށް ގޮވާލެއްވިއެވެ.

ރައީސް ވިދާޅުވީ އދ އިން ފަރުދީ ދިރިއުޅުމަށް ހަގީގީ ނުފޫޒު ފޯރުވަންޖެހޭނެ ކަމަށާއި، އެ ޖަމިއްޔާއިން ނިންމާ ނިންމުންތައް ދުނިޔޭގެ ފެންވަރުގައްޔާއި ގައުމުތަކުގެ ދާހިލީ ފެންވަރުގައި ތަންފީޒުކުރެވެން ޖެހޭނެ ކަމަށެވެ. ރާއްޖެ ފަދަ ކުދި ގައުމުތަކަށް އެހީތެރިވެދޭ މަލްޓިލެޓަރަލް ނިޒާމެއް ބޭނުންވާ ކަމަށާއި އަދި މުހިއްމު މައްސަލަތައް ހައްލުކުރުމުގައި ބައިނަލްއަގްވާމީ އެއްބައިވަންތަ ކަމަށްވެސް އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެންނަށް ބޭނުންވަނީ އަޅުގަނޑުމެންގެ ނަމުގައި ވަކާލާތުކޮށްދީ، އަޅުގަނޑުމެންނަށް ނަތީޖާ ފޯރުކޮށްދޭ ނިޒާމެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ހަމަނުޖެހުންތައް ހައްލުކުރުމާއި ބޭއިންސާފު ނައްތާލުން ފަދަ މުހިއްމު މައްސަލަތައް ހައްލުކުރުމުގައި އެކަށީގެންވާ ގޮތެއްގައި އދ. އިން މަސައްކަތް ނުކުރާތީ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކުރައްވާ ފައެވެ.

"މަލްޓިލެޓަރަލް ނިޒާމު ނާކާމިޔާބުވަމުންދާއިރު ދިވެހިރާއްޖެއަށް މަޑުން ތިބެވޭކަށް ނެތް. އަދި ނުވެސް ތިބޭނަން. އަޅުގަނޑުމެންގެ ދިރިތިބުން ބިނާވެގެންވަނީ ދުނިޔޭގެ ދުޅަހެޔޮކަމުގެ މައްޗަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ގަރާރުގައި ވަނީ އދ. ހަރުދަނާކުރުމަށް ފުޅާދާއިރާއެއްގައި އިސްލާހުތަކެއް ގެނައުމަށްވެސް ގޮވާލައްވާފަ އެވެ. އެ ޖަމިއްޔާގެ މުހިއްމުކަން ދެމެހެއްޓޭނީ ހަގީގީ، އެދެވޭ ބަދަލުތަކެއް ގެނައުމުގެ ހާބިލްކަން އދގެ ކިބައިގައި ހުރެގެން ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވަނީ އދ އަކީ ސުލްހައާއި، ރައްކާތެރިކަމާއި، ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރާ ވަރުގަދަ ބާރަކަށް ހެދުމަށްޓަކައި، ލީޑަރުންގެ ކިބައިން ސީދާ ހަރަކާތަކަށްވެސް ގޮވާލައްވާފަ އެވެ.