ޑރ. މުހައްމަދު މުއިއްޒު

އަދުލުވެރި ޑިޖިޓަލް ދުނިޔެއެއް ބިނާކުރަންޖެހޭ: ރައީސް

އަދުލުވެރި ޑިޖިޓަލް ދުނިޔެއެއް ބިނާކުރަން ރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ އެމެރިކާގައި ކުރިއަށް ދިޔަ ސަމިޓް އޮފް ދަ ފިއުޗަ "އިންޓަރެކްޓިވް ޑައެލޮގް 3؛ ޓުވާޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗާ"ގެ ކޯ-ޗެއާގެ ޙައިސިއްޔަތުން، ރިޔާސަތު ބަލަހައްޓަވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ އިންޓަނެޓްގެ ހިދުމަތާ ނުލައި މިއަދުވެސް ދިރިއުޅެމުންދާ މީހުން ކަމަށެވެ. އެކަމުގެ ސަބަބުން ވަކިން ހާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކުގައި ތަރައްގީ އާއި އަދުލު އިންސާފަށް ހުރަސް އެޅޭ ކަމުގައި ވިދާޅުވި އެވެ.

"އެހެންވެ ޝާމިލު މުސްތަގުބަލެއް ކަށަވަރުކުރުމަށް ޑިޖިޓަލް އިންގިލާބުގެ ބޭނުން ހިފުން މުހިއްމު. ޝާމިލު، ވިލުންތެރި އަދި އަދުލުވެރި ޑިޖިޓަލް ދުނިޔެއެއް ބިނާކުރަން ރާއްޖޭގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އެއްވެސް މީހަކު ބާކީ ނުވާނެކަން ކަށަވަރު ކުރެވޭނޭ ފަދަ ސިޔާސަތުތަކެއް އެކުލަވާލުމަށް ގޮވާލައްވާފަ އެވެ. މިކަމަށް މަގުފަހިވާނެ މައިގަނޑު ތިން ކަމެއްވެސް ހުށަހެޅުއްވި އެވެ.

އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ޒުވާނުން ބާރުވެރި ކުރުވުމުގެ މުހިއްމު ކަމެވެ. އެހެންވެ ޑިޖިޓަލް އިގްތިސާދީ ވެއްޓެއްގައި ޒުވާނުން ބާރުވެރިކުރުވާނެ ހަރަކާތްތަކެއް ފެށުމަށް ގޮވާލެއްވި އެވެ. އަދި ދޭސީ އީޖާދުތަކަށް ބާރުދީ، އިގްތިސާދު ސިންދަފާތު ކުރުމަށްޓަކައި ބޭނުންވާ ޑިޖިޓަލް ހުނަރު އާލާކޮށް ތާޒާކުރުމުގެ ދާއިރާ އިތުރަށް ފުޅާކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ރައީސް ވިދާޅުވީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ގާއިމުކުރުމެވެ. އެގޮތުން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ އެޖެންޑާ ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގެ އަމާޒުތައް ހާސިލްކުރުމަށް ޑިޖިޓަލް އިންފްރާސްޓްރަކްޗާ ބިނާކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީން މިހާރުވެސް މި މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ހައްގުއް ރައްކާތެރިކުރުމެވެ. އެގޮތުން އެމަނިކުފާނު ވަނީ ހުއްދަ ނެތި އެކްސެސްވެވުމާއި ޑޭޓާ ޕްރައިވެސީ ނުވަތަ މައުލޫމާތުގެ ސިއްރު ހިފެހެއްޓުން ފަދަ ކަންކަމުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދީ، ޑިޖިޓަލް ވެއްޓެއްގައި، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ހައްގުތައް ހިމާޔަތްކުރަންޖެހޭ ކަމަށްވެސް ވިދާޅުވެފަ އެވެ.

"ދިވެހިރާއްޖޭގައި ނޭޝަނަލް ސައިބަސެކިއުރިޓީ އޭޖެންސީއެއް ގާއިމުކޮށްފައި ވަނީ މިފަދަ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމަށްޓަކައި،" ރައީސް ވިދާޅުވި އެވެ.