ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) އަށް ކުރިމަތިވެފައިވާ ދަރަނީގެ ގޮންޖެހުންތަކުން އަރައިގަތުމަށް، ކްލައިމެޓް ފައިނޭންސާއި ދަރަނިން ލިބޭ ގެއްލުން ލުއިކޮށްދިނުމާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
ރައީސް މިކަމަށް ގޮވާލެއްވީ "ބިލްޑިން ރެޒިލިއެންޓް ފިއުޗާސް: ދަ ގްލޯބަލް ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސާވިސް" ސައިޑް އިވެންޓްގައި، ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސާވިސްގެ ސްޓްރެޓެޖިކް އެޑްވައިޒަރީ ގްރޫޕްގެ ކޯޗެއާގެ ހައިސިއްޔަތުންނެވެ.
މިވަގުތު އެމެރިކާގައި ހުންނެވި ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ސިޑްސްގެ ނާޒުކުކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓުމަށް ސިޑްސްއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ބައްލަވާލެއްވި އެވެ. އަދި ދަރަނި ލުއިކުރުމާއި ކްލައިމެޓް ފައިނޭސާ ދެމެދު ހަރުދަނާ ގުޅުމެއް އޮންނަންޖެހޭ ކަމަށް ވަކާލާތުކުރައްވައި، ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސާވިސް (ޑީއެސްއެސްއެސް)ގެ ތެރެއިން ދަރަނި ދެއްކުމަށް އެކަށޭނަ، ފަހިގޮތްތަކެއް ހޯދުމަށް ރައީސް ގޮވާލެއްވި އެވެ.
"މީގެތެރޭގައި އިންޓްރެސްޓް ރޭޓް ދަށްކުރުމާއި ދަރަނި އަނބުރާ ދެއްކުމުގެ މުއްދަތު ފަސްކުރުން ފަދަ ކަންކަމަށް ސަމާލުކަންދޭންޖެހޭ،" ރައީސް ވިދާޅުވި އެވެ.
ސިޑްސްގެ ގައުމުތަކަށް ކުރިމަތިވެދާނެ ބޭރުގެ ލޮޅުންތައް ކުޑަކޮށް މާލީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ސްޕެޝަލް ޑްރޮވިންގް ރައިޓްސް އަލުން އެކަށައެޅުމަށްވެސް ރައީސް ވަނީ ހުށަހަޅުއްވާފަ އެވެ. މިގޮތުން މަލްޓިލެޓްރަލް ޑިވެލޮޕްމަންޓް ބޭންކުތަކާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކާއެކު ގާތް ގުޅުމެއް ބޭއްވުމުގެ ތެރެއިން އިތުރު އިންވެސްޓްމަންޓްތަކާއި އިގްތިސާދީ އެކިއެކި ފުރުސަތުތައް ހޯދުމުގެ މުހިއްމުކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް މުއިއްޒު ވަނީ ވަނީ ސިޑްސްގެ ގައުމުތަކުގެ ތަރައްގީގެ ކަންކަން އަމިއްލަ އިސްނެގުމާއެކު ކުރިއަށް ގެންގޮސް އުފެއްދުންތެރިކަން އިތުރުކޮށް، ހަރުދަނާ މުއައްސަސާތައް ބިނާކޮށް، މުޖުތަމައުތައް ބާރުވެރިކޮށް، ސަރުކާރާއި ޕްރައިވެޓް ސެކްޓަރު ގުޅިގެން އެކުގައި މަސައްކަތްކުރުމަށްވެސް އެދިވަޑައިގެންފަ އެވެ.
ރައީސް ވިދާޅުވީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް (ސިޑްސް) އިން ބައިނަލްއަގްވާމީ އިގްތިސާދީ ހަލަބޮލިކަމުގެ ތެރޭގައި އެ ގައުމުތަކުގެ އިގްތިސާދުތައް ސިންދަފާތުކޮށް ކުރިއަށް ގެންދިއުމާއި އެކަމަށް އެހީތެރިވުމަކީވެސް މުހިއްމު ކަމެއް ކަމަށެވެ.
"އެ ގައުމުތަކުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުމަށް މާލީގޮތުން ބޭނުންވާ ކަންކަން ހަމަޖެހިގެންދިއުމާއި އަދި ސިޑްސްއަށް ހަމައެކަނި ސަލާމަތުން ކުރިއަށް ދެވޭނެ މިންވަރުގެ ބަދަލުގައި އެ ގައުތަކަށް ފާގަތިކަން ގެނެސްދިނުމުގައި ޑީއެސްއެސްއެސްއަށް މުހިއްމު ދައުރެއް އަދާކުރެވޭނެކަމުގެ އުއްމީދު އެބައޮތް،" ރައީސް ވިދާޅުވި އެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ނިއުޔޯކަށް ވަޑައިގެން މިއަދު ހެނދުނު އެންމެ ފުރަތަމަ ބައިވެރިވެވަޑައިގެންނެވި ރަސްމީ އިވެންޓެވެ. މި ސައިޑް އިވެންޓް ކޯ-ޗެއާ ކުރަނީ ދިވެހިރާއްޖެ، އެންޓީގާ އެންޑް ބާބިޔުޑާ އަދި ނިއުޒިލޭންޑްގެ އިތުރުން އިންޓަނޭޝަނަލް އިންސްޓިޓިއުޓް ފޯ އެންވަޔަރަންމަންޓް އެންޑް ޑިވެލޮޕްމަންޓް (އައިއައިއީޑީ) އަދި ޔުނައިޓެޑް ނޭޝަންސް ޑިޕާޓްމަންޓް އޮފް އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒް (ޔޫއެން ޑީއީއެސްއޭ)ގެ ސިޑްސްގެ ޔުނިޓުންނެވެ.