އިންޑޮނީޝިއާގެ ބާލީގައި އޮތް ޖީ20 ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަށް އިންޑޮނީޝިއާއަށް ވަޑައިގެން، ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ބައްދަލު ކުރެއްވި އެވެ.
ދެ ވަޒީރުގެ ބައްދަލު ކުރެއްވުމުގައި ގިނަ މައުލޫތަކަށް މަޝްވަރާ ކުރެއްވި ނަމަވެސް، އެމެރިކާއަށް މުހިންމުވެފައި އޮތީ ރަޝިއާއިން ޔުކްރޭނަށް ދޭ ހަމަލާތައް ކުށްވެރި ކުރުމުގައި ޗައިނާ ނެގިމަޑުވެފައި އޮތުމެވެ.
ބްލިންކެން ވިދާޅުވި ގޮތުގައި ޗައިނާ އާއި ރަޝިއާ މުއާމަލާތްކުރާ ގޮތް ވަރަށް ގާތުން އެމެރިކާ ބަލައި ފާރަވެރިވާނެ އެވެ. އަދި މާއްދީ ގޮތުން ރަޝިއާއަށް އެހީތެރިވާނަމަ ޗައިނާއަށް ދަތިކުރުންތައް ހަރުކަށިކުރާނެ އެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި ޗައިނާއަށް ދަތިކުރަން އެމެރިކާއިން ކުރިން އެޅި ފިޔަވަޅުތަކަށް ލުއިދިނުމުގެ ބަދަލުގައި ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުކުރާނެ ކަމަށް ބުނެ އިންޒާރު ދެނީ ޗައިނާ ދެކެ ގަންނާކުރައްވާ ބިރުންނެވެ.
ސުލްހަވެރި ގައުމެއް ގޮތުގައި އޮތުމުގެ ފުރުސަތު އެމެރިކާއަށް ވެސް އޮތް ކަމަށް ވިދާޅުވެ ވަންގް ޔީ ވިދާޅުވީ ދަތިކުރުން ތަކަކީ އެމެރިކާ ގޮތް ދޫނުކުރާނެ ކަމުގެ ހެއްކެއް ކަމަށެވެ.
އިގުތިސޯދީ ގޮތުން އެމެރިކާގެ މައްޗަށް ބާރުހިންގާ ވަރުގެ ގައުމަކަށް ޗައިނާ ވާއިރު އެއަށް ވުރެ ބާރުގަދަ ގައުމަކަށް ވުމުގެ ކުޅަދާނަކަން ޗައިނާގައި ހުރި ކަމަށް ވިދާޅުވެ ޗައިނާ ވަޒީރު ވިދާޅުވީ އެއީ ވެސް އެމެރިކާ ޖެހިލުންވާ ކަމެއް ކަމަށެވެ.
އިންޑޮނީޝިއާގެ ބާލީގައި ކުރެވުނު މަޝްވަރާތަކުން ދެ ގައުމަށް ވެސް ފައިދާ ކުރާނެ ކަމަށް ބްލިންކެން ވެސް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ރަޝިއާއާ މެދު ދެކޭ ގޮތް ޗައިނާ ބަދަލު ނުކުރި ނަމަވެސް ވާންގް ޔީ ދެއްކެވި ވާހަކަތައް އެމެރިކާއަށް ކަމުދާ ކަމަށެވެ.
އެމެރިކާއަށް އެތެރެކުރާ ޗައިނާގެ މުދަލުން މިހާރު ނަގާ ޓެކްސް ދަށްކުރަން ބޭނުންފުޅުވާ ކަމަށް ރައީސް ޖޯ ބައިޑަން ވެސް ވަނީ ވިދާޅުވެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބައިޑަން އާއި ޝީ ޖިންޕިން މިއިން ދުވަހެއްގައި މަޝްވަރާ ކުރައްވާނެ އެވެ. ދެ ލީޑަރުން މަޝްވަރާ ކުރައްވާ މައުލޫތައް އަދި އާންމުވެފައި ނެތް ނަމަވެސް ދެ ގައުގެ ދެމެދުގައި ކުރެވޭ ވިޔަފާރިން ނަގާ ޓެކްހާ ބޭހޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވެ އެވެ.