ފުއްޕާހަމެއްގެ މައްސަލާގައި އަރާރުންވެ ކޮއްތު ކަނޑާފައި އޮތް ދެ ގައުމު -- ޗައިނާއާ އެމެރިކާގެ ޚާރިޖީ ވަޒީރުން ބަދައްލުކުރައްވަނީ އެވެ. މި ބައްދަލުކުރެއްވުމަށް ޗައިނާ އަށް ވަޑައިގަތުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން އަށް ޗައިނާ ސަރުކާރުން މިހާރުން ރުހުން ދެއްވައިފި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާ ހަވާލާދީ ނޫސްތައް ބުނާ ގޮތުން ބްލިންކެން މި ދަތުރު ކުރައްވާނީ އަންނަ ހަފުތާ ފެށޭ ހިސާބުގައި -- އާދީއްތަ ދުވަހެވެ. އާދީއްތަ ދުވަހަކީ ހުޅަނގުގެ ގައުމުތަކަށް ބަންދު ދުވަހެކެވެ.
މިއީ އެމެރިކާގެ ޚާރިޖީ ވަޒީރަކު 2018 އަށް ފަހު ޗައިނާ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މި ދަތުރު މި ގޮތަށް ކުރެވޭނެކަން މިދިއަ އަހަރު އިންޑޮނީޝިއާގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެން ޝީ ޖިންޕިންއާ ބައްދަލު ކުރައްވައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ވިދާޅުވެފަ އެވެ.
ބްލިންކެންގެ މި ދަތުރުގެ ބޭނުމަކީ މިހާރު ވެސް ފުސްބުރާފައި އޮތް ދެ ގައުމުގެ އެކުވެރިކަށް ކޮޅަށް ޖެހުމެވެ. އަދި ވާހަކަދައްކާލެވޭ ވަރަށް ގުޅުން ބަދަހިކުރުމެވެ.
ޗައިނާއާ އެކު ދައްކާނެ ވަރަށް ގިނަ ވާހަކަ ހުރި ހަމަވެސް މި ދަނޑިވަޅުގައި އެމެރިކާ އިން އެ ވާހަކަތަކެއް ނުދައްކާނެ އެވެ. އެއީ ދެކެވޭ ވާހަކައަކުން ޗަައިނާ ނުރުހި އަނެއްކާ ވެސް ކޮއްތު ކަނޑާފާނެ ކަމަށް ބިރުންނެވެ.
އެންތަނީ ބްލިންކެން ޗައިނާ އަށް ދަތުރުކުރައްވާ ގޮތަށް ފުރަތަމަ އެޖެންޑާ ކުރެއްވީ މި އަހަރު ފެބްރުއަރީގަ އެވެ. އެހެން ނަމަވެސް، ޗައިނާގެ ފުއްޕާހަމެއް އެމެރިކާގެ ވައިގެ ސަރަހައްދަށް ވަނުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އެރި އާތްވެއްގެ ސަބަބުން ބްލިންކެންގެ ދަތުރަށް ޗައިނާ ހުއްދަ ނުދިނީ އެވެ.
އެމެރިކާގެ މަތިން ދަތުރުކުރި ފުއްޕާހަމަކީ ޗަައިނާ ބުނި ގޮތުން މޫސޫމީ ދިރާސާއެއްގައި ވަޔާ ދަތުރުކުރި ހަމެކެވެ. ސައިންސްވެރިން އުންމީދުކުރި ސަރަހައްދުން ބޭރުވެ އެމެރިކާއާ ދިމާއަށް ދަތުރުކުރީ ވައިނުބައިވުމުގެ ސަބަބުންނެވެ.
އެހެން ނަމަވެސް، އެމެރިކާ މިވާހަކަތަކެއް ގަބޫލެއް ނުކުރިި އެވެ. އަދި ބުނީ އެއީ ޖާސޫސީ ފުއްޕާހަމެއް ކަމަށާއި އެ ހަން އެމެރިކާ މަތިން ދަތުރުކުރި ގޮތުން ވެސް އެކަން ސާބިތުވާ ކަމަށެވެ.
އެމެރިކާ އިން ވަނީ ރޮކެޓް ހަމަލާއެއްގައި އެ ހަން ކަނޑަށް ވައްޓާލައި -- ދިރާސާއަށް ކަމަށް ބުނެ އެތިކޮޅު އަތުލައިގަނެވެ.
މި މައްސަލާގައި ޗައިނާ އަރައިގަތް ރުޅީގައި ދެލޯ މަރައި ތަގުޅިކޮށް އޮތީ އެމެރިކާއާ ވާހަކަނުދެއްކުމަށް ހުވައިކޮށްގެންނެވެ.
އެހެން ނަމަވެސް، ހާލަތާ ގުޅިގެން ފިކުރު ބަދަލުވީ އެވެ. އަދި ބްލިންކެން ޗައިނާއަށް ވަޑައިގަތުމަށް ހުއްދަ ވެސް ދެއްވީ އެވެ.