އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ޗައިނާއަށް ވަޑައިގެންފި އެވެ. މިއީ އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ ޗައިނާއަށް ކުރައްވާ ދެވަނަ ދަތުރެވެ.
ބްލިންކެން ޗައިނާއަށް ވަޑައިގަތުމުގައި އޮތީ މައިގަނޑު ދެ ބޭނުމެކެވެ. އެއީ ޗައިނާއިން ރަޝިއާއާ ގުޅުން ބަދަހިކުރުމަށް ހުރަސްއެޅުއްވުމާއި، ރަޝިއާ އާއެކު އަސްކަރީ އެއްބަސްވުންތައް ނުހެދުމަށް ޗައިނާއަށް ގޮވާލެއްވުމެވެ.
އަނެއް ބޭނުމަކީ ޗައިނާ އާއެކު ގާތް ގުޅުމެއް ދެމެހެއްޓުމާއި ބައިނަލްއަގްވާމީ މުޖުތަމައުގައި އެމެރިކާ އެދޭ އެދުންތަކަށް ޗައިނާ ކިބައިން ވާގިވެރިކަން ހޯއްދެވުމެވެ.
ޓައިވާންގެ ވެރިކަމަށް އާ ރައީސަކު ވަޑައިގަންނަވާއިރު ސަރަހައްދީ މަސްލަހަތު ދެމެހެއްޓުމަށް އެމެރިކާ ވެފައި އޮތް ވައުދަށް ހުރަސް ނޭޅޭ ގޮތަށް ޗައިނާ އާއެކު މަޝްވަރާކުރެއްވުމަކީ ވެސް ބްލިންކެންގެ އެޖެންޑާގައި އޮތް ކަމެކެވެ.
ޗައިނާއިން ދުނިޔޭގައި ގެންގުޅޭ ވިޔަފާރި އުކުޅުތަކުން އެމެރިކާއަށް ގެއްލުން ބޮޑުނުވާނެ ގޮތެއް ހޯއްދެވުމާއި، ޗައިނާއިން ގައުމުތަކުގައި ކުރާ އިންވެސްޓްމަންޓްތަކުގެ ސަބަބުން -- އެމެރިކާގެ ރައީސް ދެވަނަ ދައުރެއް ހޯއްދެވުމަށް ކުރައްވާ މަސައްކަތްތަކަށް ހުރަސްނޭޅޭނެ ގޮތެއް ހޯއްދެވުމަކީ ވެސް ބްލިންކެން ކުރައްވާނެ ކަމެކެވެ.
ރަޝިއާ - އުކްރޭން ހަނގުރާމާގައި، ރަޝިއާ ބަލިކުރުމަށް އެމެރިކާއަށް ޗައިނާގެ އެހީތެރިކަން ބޭނުންވެ އެވެ. ރަޝިއާއާ ދެކޮޅަށް އެމެރިކާއާއި ބައިވެރިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ނަަމަވެސް ޗައިނާ އޮތީ ރަޝިއާއަށް ވާގިވެރިވުމުގައެވެ.
ބްލިންކެންގެ މި ދަތުރުގައި ޗައިނާއިން ރަޝިއާއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާލުމަށްވެސް ދަންނަވާނެ އެވެ. ޗައިނާއިން އަސްކަރީ އެހީތެރިކަން ރަޝިއާއަށް ފޯރުކޮށްދޭހާ ހިނދަކު ޔުކްރޭނަށް ކާމިޔާބު ހޯދައިދިނުމަށް އެމެރިކާ ކުރާ މަސައްކަތްތައް ކޮޅެއްގައި ނުޖެހޭނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ އެއްވެސް އެދުމަކަށް ޗައިނާ މާބޮޑު ސަމާލުކަމެއް ދޭނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ އެމެރިކާގެ ކިބައިން ޗައިނާ އެދިފައި ހުރި ކަންތައްތަކަށް އަޅާނުލައި އޮތުމެވެ.
ޗައިނާއަށް ފައިދާއެއް ނެތް އެއްވެސް ކަމެއްގައި އެމެރިކާ އާއެކު އެއްބަސްވުމެއް ނުހަދާނެ ކަމަށްވެސް މަސްރަހު ދިރާސާކުރާ މީހުން ބުނެ އެވެ.
ޓައިވާނަށް އަސްކަރީ ގޮތުން އެހީތެރިވުމަކީ އެމެރިކާއިން ހަދާ ވަރަށް ބޮޑު ގޯހެއް ކަމަށް ޗައިނާއިން އޮތީ ބުނެފަ އެވެ. މިހެން ބުނެފައި އޮއްވައި ޓައިވާނަށް ހަތިޔާރު ފޯރުކޮށްދިނުމަށް އެމެރިކާ އިން 95 ބިލިން ޑޮލަރުގެ ޕެކޭޖެއް ވަނީ ފާސްކޮށްފަ އެވެ.
މި ފައިސާއިން ޓައިވާނަށާއި އިޒުރޭލަށް އަދި ޔުކްރޭނަށް ވެސް އެމެރިކާ އެހީތެރިވާނެ އެވެ.