އޯކަސް އަކީ އަސްކަރީ ޖަމާއަތެއް ކަމަށާއި އޯކަސްގެ އަސާސްތައް ނިއުޒީލަންޑްގެ ސިޔާސަތާ ފުށުއަރާ ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ނަނަޔާ މަހޫޓާ ވިދާޅުވެއްޖެ އެވެ.
ނިއުޒީލަންޑަށް އޯކަސް ޖަމާއަތުގައި ބައިވެރިވެވެން ނެތް ސަބަބެއް ކަމަށް މަހޫޓާ ވިދާޅުވީ އެއީ ނިއުކްލިއާ ހަތިޔާރު އުފުލާ ގެންގުޅެން ހުއްދަކުރާތީ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ނިއުކްލިއާ ހަތިޔާރު ގަނެވިއްކުމަކީ ނިއުޒީލަންޑުން ތާއިދުކުރާ ކަމެއް ނޫން ކަމަށެވެ.
"އޯކަސް" މި ނަން އުފައްދާފައި ވަނީ އޮސްޓްރޭލިއާ، ޔޫކޭ އަދި ޔޫއެސް ރަމްޒުކުރެވޭ ގޮތަށް -- މި ތިން ގައުމުން ކޮންމެ ގައުމަކަށް ނިސްބަތްކުރެވޭ ދެ އަކުރެއް ހިމަނައިގެނެވެ.
އޯކަސް -- (AUKUS) ގެ ފުރަތަމަ ދެ އަކުރަކީ އޮސްޓްރޭލިއާ، ދެވަނަ އަކުރާއި ތިންވަނަ އަކުރަކީ ޔޫކޭ، އިނގިރޭސިވިލާތެވެ. ފަހު ދެ އަކުރަކީ ޔޫއެސް، އެމެރިކާ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާ އެކު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މަހޫޓާ ވިދާޅުވީ އޯކަސްގައި ބައިވެރިވުމަށް ކަމަށް ބުނެ ނިއުޒީލަންޑުން ގެންގުޅޭ ސިޔާސަތުތައް ބަދަލުކުރެވެން ނޯންނާނެ ކަމަށެވެ.
ނިއުޒީލަންޑް އަކީ ނިއުކްލިއާ ހަތިޔާރަށް ތާއީދުކުރާ ގައުމެއް ނޫން ކަމަށް މަހޫޓާ ވިދާޅުވި އެވެ. އަދި ނިއުކްލިއާ ހަތިޔާރު ލިބިގަތުމާއި އެހެން ގައުމަކަށް ނިއުކްލިއާ ހަތިޔާރު ފޯރުކޮށްދިނުމުގައި އެހީތެރިވުމަކީ ވެސް ނިއުޒީލަންޑުގެ ސިޔާސަތާ ފުށުއަރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބްލިންކެން ވިދާޅުވި ގޮތުގައި އޯކަސްގައި ބައިވެރިވުމަށް ނިއުޒީލަންޑަށް އެއްވެސް ހުރަހެއް އަދި ޝަރުތެއް ވެސް ނެތެވެ. އެކަން އޮތީ ނިއުޒީލަންޑަށް ދޫކޮށްލާފައި ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ.
ނިއުޒީލަންޑްގެ ދިފާއީ ވަޒީރު ވެސް ވަނީ އޯކަސް ޖަމާއަތުގައި ބައިވެރިވުމާ ބެހޭ ގޮތުން ވާހަކަދައްކަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ނިއުޒީލަންޑުން ގަބޫލުކޮށްގެން ތިބި ސިޔާސަތު ދޫކޮށްލާފައި އޯކަސްއާ ގުޅުމަކީ ވަރަށް ނާދިރު ކަމެކެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާ ގުޅިގެން އޯކަސް އުފެއްދީ ސެޕްޓެމްބަރު 2021 ގައެވެ. މައިގަނޑު މަގުސަދަކީ އޮސްޓްރޭލިއާއަށް ނިއުކްލިއާ ސަބްމެރިން ފޯރުކޮށްދިނުމެވެ.
އޮސްޓްރޭލިއާ އަސްކަރީ ގޮތުން ބާރުވެރިކުރުމަށް އެމެރިކާ އާއި އިނގިރޭސިވިލާތުން ބާރުއަޅާ ސަބަބަކީ އިންޑޯ ޕެސިފިކްގައި އޮސްޓްރޭލިއާގެ ދައުރު ވަރުގަދަކުރުމެވެ.
ޗައިނާގެ ސަބަބުން އެމެރިކާއަށާއި އިނގިރޭސިވިލާތަށް ކުރިމަތިވެދާނެ ގޮންޖެހުމަކުން އޮސްޓްރޭލިއާ މެދުވެރިކޮށް ރަައްކާތެރިވުމަކި ވެސް އެމެރިކާ އާއި އިނގިރޭސިން ގެންގުޅޭ ދުރު ރާސްތާ ވިސްނުމެކެވެ.