ދުނިޔެ

ޗައިނާގައި ހުންނަވާ އެމެރިކާ އެމްބެސެޑަރުގެ އީމެއިލް އެކައުންޓްތައް ހެކްކޮށްފި

ޗައިނާގައި ހުންނަވާ އެމެރިކާގެ އެމްބެސެޑަރު ނިކޮލަސް ބާންސްގެ އީމެއިލް އެކައުންޓްތައް ހެކްކޮށް -- އެމެރިކާ ސަރުކާރުގެ ރަސްމީ އެތައް ސަތޭކަ އީމެއިލް މުއާމަލާތްތަކެއް ހެކަރުން ވަގަށް ގެންގޮސްފި އެވެ.

އެމެރިކާގެ ނުފޫޒުގަދަ ދުވަހު ނޫސް -- ވޯލް ސްޓްރީޓް ޖާނަލުން ބުނާ ގޮތުން، އެމްބެސެޑަރުގެ އިތުރުން އެމެރިކާގެ ބައެއް ޑިޕްލޮމެޓުންގެ އީމެއިލްތަކުން ވެސް ހެކަރުން ވަނީ ވައްކަންކޮށްފަ އެވެ.

މިކަން މިގޮތަށް ހިނގައިފިކަން އެމެރިކާ ސަރުކާރުގެ ސަމާލުކަމަށް އެންމެ ފުރަތަމަ ގެނައީ މައިކްރޮސޮފްޓުންނެވެ. އެ ކުންފުނިން ބުނާ ގޮތުން ތުހުމަތު ކުރެވެނީ ޗައިނާ ސަރުކާރަށެވެ. ދައުލަތުން ސްޕޮންސާ ކުރުމެއް ނެތި މިހާ ފުޅާ ދާއިރާއެއްގައި ހެކަރުންނަށް ހަރަކާތްތެރި ނުވެވޭނެ ކަމަށްވެސް މައިކްރޮސޮފްޓުން ބުންޏެވެ.

މައިކްރޮސޮފްޓާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލުން ބުނާ ގޮތުން ހެކަރުންގެ ހަމަލާތައް އެންމެ ބޮޑަށް އަމާޒުވެފައިވަނީ އެމެރިކާއިން އިރުމަތީ އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޚާރިޖީ ވަޒީރުގެ ނައިބު ޑަނިއަލް ކްރައިޓަން ބްރިން ކަށެވެ.

އެމެރިކާގެ ކޮމާސް ސެކްރެޓަރީ ގިނާ ރައިމޮންޑޯ އަށް ވެސް ހެކަރުންގެ ހަމަލާތައް އަރާފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލުން ރިޕޯޓްކުރެ އެވެ.

ހެކަރުންގެ ހަމަލާތަކެއްގައި އެމެރިކާގެ ރަސްމީ އީމެއިލްތަކެއް ގެއްލިފައިވާ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ވެސް ވަނީ އެއްބަސްވެފަ އެވެ. އެހެންނަމަވެސް ގެއްލިފައި ވަނީ ކިތައް އީމެއިލް ކަމެއް ނުވަތަ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ބެހޭ ގޮތުން ވާހަކަދައްކާފައެއް ނުވެ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ގައުމީ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި -- ހެކަރުންގެ އަމަލުތައް ހުރި ގޮތް އަދި ހަމަލާދިން ތަންތަނުގެ ތަފުސީލް އާންމު ނުކުރެވޭނެ ކަމަށެވެެ.

އެމެރިކާ ސަރުކާރުގެ ރަސްމީ އީމެއިލް އެކައުންޓްތަކެއް ހެކަރުން ކޮންޓްރޯލްކުރާ ކަމަށް މައިކްރޮސޮފްޓުން ވަނީ މީގެ ދެ ހަފުތާއެއްހާ ދުވެސް ކުރިން ބުނެފަ އެވެ.

އެމެރިކާ ސަރުކާރުގެ ކްލައުޑް ކޮމްޕިއުޓިން ނެޓްވޯކަށް ހެކަރުން ވަދެގަނެ ސެކިއުރިޓި ފޫދުއްވާލާފައިވާ ކަމަށްވެސް މައިކްރޮސޮފްޓުން ވަނީ ބުނެފަ އެވެ.

ޗައިނާއަށް އޮތް މި ތުހުމަތަށް އެ ގައުމުން އިންކާރުކުރެ އެވެ.

ހެކަރުންނަށް ދައުވަތުދީގެން ޚާރިޖީ ސިޔާސަތު ބިރުގަންނުވާލުމަކީ ޗައިނާއިން ކުރާނެ ކަމެއް -- އަދި އެއްވެސް އިރެއްގައި ކޮށްފައި ވާނެ ކަމެއް ނޫން ކަމަށް ވެސް އެ ގައުމުން ބުންޏެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވެސް ވަނީ ހެކަރުންގެ ހަމަލާތަކާ ބެހޭ ގޮތުން ޗައިނާ ސަރުކާރާ މުހާތަބުކުރައްވާފަ އެވެ.

ހެކަރުންގެ ހަމަލާތައް ހުއްޓުވުމަށް ޗައިނާއިން ހަރަކާތް އަވަސް މަސައްކަތްތަކެއް ކުރުމަށް ބްލިންކެން ގޮވާލެއްވި އެވެ.