ދެ ގައުމުގެ ގުޅުން ބަދަހިކުރަން އެމެރިކާ ހަމަ ހަގީގަތުގައިވެސް އެދޭނަމަ އެމެެރިކާއަށް އޮތް ގޮތަކީ ޗައިނާއާ އެކު އިޚްލާސްތެރިކަމާ އެކު މަސައްކަތްކުރުން ކަމަށް، ޗައިނާގެ ކުރީގެ ފޮރިން މިނިސްޓަރު ވާންގް ޔީ ވިދާޅުވެއްޖެ އެވެ.
ވާން ޔީ މިހާރު އަދާކުރައްވަނީ ސެންޓްރަލް ފޮރިން އެފެއާޒް ކޮމިޝަންގެ ޑައިރެކްޓަރުގެ މަގާމެވެ.
އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާގައި ބުރާސްފަތި ދުވަހު އޮތް މަޝްވަރާ ބައްދަލުވުމެއްގެ ހަވާސާގައި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާ ބައްދަލުކުރައްވައި ވާންގް ޔީ ވިދާޅުވީ، އެމެރިކާގެ ނެތް ސީރިއަސް ކަމެއް ޗައިނާއިން އުފަން ނުކުރާނެ ކަމަށެވެ.
ޗައިނާ އާއި އެމެރިކާގެ ގުޅުން ޚަރާބުވުމުގައި އަބަދުވެސް ކޮންމެވެސް ކަމެއް މެދުވެރިވެފައި އޮވެ އެވެ. ޖާސޫސީ ހަމެއްގެ މައްސަލާގައި ދެ ގައުމުގެ ދެމެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރުމަށް ފަހު -- އެކަކު އަނެކެއްގެ މޫނަށް ބަލާލެވޭވަރު އަދިވީ ކިރިޔާ އެވެ.
މިހާރު ޖެހިގެން އުޅޭ މައްސަލަ އަކީ އެމެރިކާއަށް ސައިބާ ހަމަލާތަކެއް ދިނުމަށް ދައުލަތުން ހެކަރުން ސްޕޮންސާކޮށްގެން ޗައިނާއިން ޕްރޮގްރާމެއް ހިންގާ މައްސަލަ އެވެ.
ބްލިންކެން ވިދާޅުވި ގޮތުގައި ޗައިނާގެ ހެކަރުންގެ ނުރައްކާ އެމެރިކާއަށް ބޮޑު ކަމަށް މައިކްރޮސޮފްޓުން ވެސް އޮތީ އިންޒާރު ދީފަ އެވެ.
މިހެން ކަން އޮއްވައި މިފަދަ އަމަލުތަކެއް އުފަންވުން ވާނީ ދެ ގައުމުގެ ގުޅުން ސުމަކަށް ދިއުމަށެވެ.
ވާންގް ޔީ ވިދާޅުވި ގޮތުގައި މައްސަލައަކީ އެމެރިކާއަށް ނުބެހެވޭ ކަމެއް ޗައިނާއާށް ނުކުރެވުމެވެ. ޗައިނާއިން ކޮންމެ ކަމެއް ކުރި ނަމަވެސް އެމެރިކާ އެކަމެއްގެ ތެރެއަށް ވަދެގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަން ޗައިނާ ސިޔާސަތުގެ ދަށުން ގައުމުތަކުން ކޮށްގެން ނުވާނެ ކިތަންމެ ކަމެއް އެމެރިކާ ކުރަމުން ގެންދާއިރު އެކަމެއް ހުއްޓާލުމަށް އެދުމުގެ ބާރެެއް ޗައިނާއަށް އޮވެގެން ނުވާނެ ކަމަށް އެމެރިކާ ގަބޫލުކުރާ ކަމަށްވެސް ވަންގް ޔީ ވިދާޅުވި އެވެ.
އެމެރިކާއަށް ބޮޑުކަމެއް އޮތް ނަމަ އަދި އެކަމަކަށް ހައްލު އޮތީ ޗައިނާ ކޮޅުގައި ކަމަށްވާނަމަ އެއީ މަޝްވަރާއިން ހަމަޖެހޭނެ ކަމެއް ކަމަށްވެސް ވަންގް ޔީ ވިދާޅުވި އެވެ.
އެމެރިކާއަށް ކުރަން ޖެހޭނެހާވެސް ކަމަކީ އެމެރިކާ ބުނާ ބަހާއި އަމަލު ދިމާކުރުން ކަމަށާއި އަދި އެކަމެއްގައި އިޚްލާސްތެރިކަމާ އެކު ދެމިއޮތުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.