ހަބަރު

ބިދޭސީ ސޭޓުން ތިބި 51 ތަނެއް ޖޫރިމަނާ ކޮށްފިން: އިމިގްރޭޝަން

ސޭޓުންގެ ގޮތުގައި ބިދޭސީން ބައިތިއްބާފައި ތިބި 51 ތަނެއް ޖޫރިމަނާކޮށްފި ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފި އެވެ. އޭގެ ތެރޭގައި ހިމެނެނީ ކެފޭ އަދި ފިހާރަތަކެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރަންޓްތަކުގައި ސޭޓުންނަށް ބިދޭސީންނަށް ނުތިބެވޭ ގޮތަށް ސަރުކާރުން ނިންމުމުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އިން ވަނީ އެ ގަވާއިދަށް އަމަލު ނުކުރާ ފަރާތްތަށް ހޯދަން އޮޕަރޭޝަންއެއް ފަށައި އަދި އެފަރާތްތަކަށް ޖޫރިމަނާ ކުރަން ފަށައިފަ އެވެ.

މި އޮޕަރޭޝަން ތެރޭގައި އިމިގްރޭޝަންގެ ޓީމުން ވަނީ މިހާތަނަށް ޖުމްލަ 128 ތަން ޖޫރިމަނާކޮށްފައިވާއިރު އަދި އޭގެ ތެރެއިން 87 ތަނެއް ޖޫރިމަނާކޮށްފައިވަނީ ގަވާއިދާއި ހިލާފަށް ބިދޭސީން ވަޒީފާގައި ގެންގުޅެފައިވާތީ އެވެ. އަދި 51 ތަނެއް ޖޫރިމަނާކޮށްފައިވަނީ ބިދޭސީން ސޭޓުންގެ ގޮތުގައި ބައިތިއްބާފަ ތިބުމުންނެވެ.

އިމިގްރޭޝަނުން ބުނީ މިހާތަނަށް 296 ތަނެއް ޗެކްކޮށްފައިވާނެ ކަމަށާއި އެގޮތުން ކެފޭ/ ރެސްޓޯރެންޓްތަކުން 40 ތަނެއް ޖޫރިމަނާކޮށްފައިވާނެ ކަމަށެވެ. އަދި 87 ފިހާރަ ޖޫރިމަނާކުރި އިރު ގެސްޓްހައުސް އެއް ވެސް ޖޫރިމަނާކޮށްފައިވާނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.

ސޭޓުންގެ ގޮތުގައި ބިދޭސީ މީހުން ބަހައްޓާފައި ފިހާރައެއް ޖޫރިމަނާ ކުރަނީ 10،000 ރުފިޔާ އިންނެވެ. އަދި އެކަން ތަކުރާރު ކޮށްފި ނަމަ ޖޫރިމަނާ ބޮޑު ކުރާނެ ކަމަށް އިންޒާރު ދީފައިާނެ ކަމަށް އިމިގްރޭޝަން އިން ބުންޏެވެ.

ދިވެހިންނަށް ވަޒީފާގެ ފުރުސަތު އިތުރުކުރުމަށް ސަރުކާރުން ހެދި މި ގަވައިދުގައިވާ ގޮތުގެ މަތިން ބިދޭސީ ސޭޓުން ބައިތިއްބާނަމަ 10،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އިމިގްރޭޝަނަށް ލިބެ އެވެ.

ސޭޓުންގެ ގޮތުގައި ބިދޭސީން ގެންގުޅެގެން އަދި ގަވާއިދާ ހިލާފަށް ބިދޭސީން ގެންގުޅެގެން ޖޫރިމަނާކުރި ފައިސާގެ އަދަދު މިލިއަނަކަށްވުރެ މައްޗަށް އަރާފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ. މިހާތަނަށް ޖޫރިމަނާ ކުރި 128 ތަނުން ޖުމްލަ 1.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.

އަދި މީގެ އިތުރުން އިމިގްރޭޝަނުން ބުނީ އެއްވެސް ކުންފުންޏެއްގެ ދަށުގައި ނޫންގޮތަކަށް މަސައްކަތްކުރާ ބިދޭސީން ފޮނުވާލުމަށް ޕްރޮގްރާމެއް ކުރިއަށްގެންދާނެ ކަމަށާއި އެޕްރޮގްރާމްގެ ޕްލޭނިންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މި ޕްރޮގްރާމް މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިއަށް ގެންދާނެ އެވެ.