ދުނިޔެ

އީރާން ނިއުކްލިއާ މަޝްވަރާތައް ހުއްޓާލައިފި

އީރާން ނިއުކްލިއާ މަޝްވަރާތައް މިވަގުތު ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ޖޯ ބައިޑަންގެ ސަރުކާރުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް އަންގައިފި އެވެ.

ދުނިޔޭގެ ނުފޫޒުގަދަ ގައުމުތަކުން އީރާނާ އެކު 2015 ގައި ހަދާފައި އޮތް އެއްބަސްވުން އީއާދަކުރަން ކުރަމުން ދިޔަ މަޝްވަރާތަކުން ކުރިފަޅައި މިހާރު އޮތީ ހަދާނެ ގޮތެއް އެއްވެސް ބަޔަކަށް ނޭނގޭ ހިސާބުގަ އެވެ.

ނިއުކްލިއާ ހަތިޔާރު -- ނިއުކްލިއާ ބޮމެއް އުފެއްދޭ ފެންވަރަށް އިރާނުން ޔޫރޭނިއަމް ފައްކާކުރުން ހުޅަނގަށް ވެފައި އޮތީ ބިރަކަށެވެ. އެހެންކަމުން އީރާނަށް ކޮންމެވެސް ކަމެއް ކޮށްދީގެން ނަމަވެސް، ނިއުކްލިއާ ބާރަކަށް ވާން އީރާން ކުރާ މަސައްކަތްތައް ބޭކާރުކޮށްލުމަކީ ހުޅަނގަށް ވިސްނޭ އެންމެ މޮޅު ގޮތެވެ.

ބަރަކް އޮބާމާގެ ސަރުކާރުން އީރާނާ އެކު 2015 ގައި ނިއުކްލިއާ އެއްބަސްވުމެއް ހަދައި އޭގެ ބަދަލުގައި އީރާނަށް ދީފައި އޮތީ އެމެރިކާއިން އީރާނާ ދެކޮޅަށް ކުރިން އަޅާފައި ހުރި ދަތިކުރުންތަކަށް ދިން ލުޔެކެވެ.

މިހެން ކަން އޮއްވައި ޑޮނަލް ޓްރަމްޕް އެމެރިކާގެ ވެރިކަމަށް ވަޑައިގެން 2018 ގައި އީރާން ނިއުކްލިއާ ޑީލް އުވާލައްވައި، އިގުތިސޯދީ ގޮތުން އީރާނަށް ދަތިކުރަން ހަރުކަށި ފިޔަވަޅުތައް އެޅުއްވި އެވެ.

ޖޯ ބައިޑަން ސަރުކާރުން އީރާނާ އެކު މިހާރު ކުރާ މަޝްވަރާގައި ހުޅަނގުން އެދޭ ގޮތަށް ނިއުކްލިއާ މާއްދާތައް މުއްސަނދިކުރުން ހުއްޓާލަން އީރާން އެއްބަސްވެއްޖެނަމަ ދަތިކުރުންތަކަށް ލުއިދޭ ގޮތަށް މަޝްވަރާތަކުގައި ހުށަހަޅާފަ އެވެ. އެހެން ނަމަވެސް، އެމެރިކާ ބުނާ ގޮތުން އީރާނުން ކުރިމަތިކުރާ ޝަރުތުތައް މާބޮޑަށްވެސް ގިނައީ އެވެ. އަދި އެ ހުރިހާ ޝަރުތަކަށް ރިއާޔަތްކޮށް މައްސަލަ ހައްލުކުރުން ބުއްދިވެރިއެއް ނޫނެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ނިމުނު ހަފުތާގައި ވިދާޅުވި ގޮތުގައި އީރާން ނިއުކްލިއާ ޑީލް ކައިރި މުސްތަގުބަލެއްގައި އިއާދަކުރެވޭނެ ކަމަށް ފެނިވަޑައި ނުގަންނަވަ އެވެ.

އޭނާ އަދި ވިދާޅުވީ އެމެރިކާއަށް އެއްބަސްވެވެން ނެތް އެތައް ޝަރުތެއް އިރާނުން ހުޅަހަޅާފައި ހުރި ކަމަށެވެ.

އީރާން އާއެކު ނިއުކްލިއާ އެއްބަސްވުމަކަށް ހުޅަނގަށް ނުދެވިގެން އުޅެނީ ދެފަރާތުން ވެސް ދޫދޭން ބޭނުން ނުވާތީ އެވެ. އަނެއްކޮޅުން އީރާނާ އެކު ނިއުކްލިއާ އެއްބަސްވުމެއް ހެދުމަކީ އިޒްރޭލު ވަރަށް ދެކޮޅު ކަމެކެވެ.

އިޒްރޭލުން ކުރިން ބުނި ގޮތުގައި އީރާނާ އެކު ހުޅަނގުން ނިއުކްލިއާ އެއްބަސްވުމެއް ނުހަދާނެ އެވެ. އަދި ކުރިއަށް އޮތް އިންތިހާބު -- އެމެރިކާގައި ނޮވެމްބަރުގައި އޮންނަ މިޑްޓާމް އިންތިހާބުގެ ކުރިން ނިއުކްލިއާ މަޝްވަރާތައް ކޮޅެއްގައި ނުޖެހޭނެ އެވެ.