އީރާނުން ނިއުކްލިއާ ބޮމެއް އުފައްދަން ދެން ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި އީރާނުން އެކަން ކުރާނެ ކަމަށެވެ.
އެންޓަނީ ބްލިންކެން ވިދާޅުވި ގޮތުގައި އެމެރިކާގެ ސިޔާސަތަކީ އީރާނުން ނިއުކްލިއާ ބޮމެއް -- ނިއުކްލިއާ ހަތިޔާރު އުފެއްދިޔަ ނުދިނުމެވެ. ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން އެކަން ނުކޮށް ފަރުޖެއްސުމަކީ އިންތިހާއަށް މުހިއްމު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އީރާން އަތުގައި މި ވަގުތު ނިއުކްލިއާ ބޮމެއް އޮތް ކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށް ބްލިންކެން ވިދާޅުވި އެވެ. އެމެރިކާއިން ހޯދި ހޯދުމުން އީރާންގެ އަތުގައި ނިއުކްލިއާ ހަތިޔާރު ހުރިކަން ކަށަވަރު ކުރެވެން ނެތް ކަމަށްވެސް ވިދާޅުވި އެވެ.
އެހެނެއް ކަމަކު ބްލިންކެން ވިދާޅުވި ގޮތުގައި އީރާނުން ނިއުކްލިއާ ބޮމެއް އުފައްދަން ދުލެއް ނުކުރެވޭނެ އެވެ. އީރާންއާ އެކު ކޮންމެވެސް އެއްބަސްވުމެއް ހަދައިގެން ނަމަަވެސް އެކަން ހުއްޓުވަން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ބްލިންކެން ވިދާޅުވި ގޮތުގައި އެމެރިކާއަށް ހެދިފައި އޮތް އެންމެ ބޮޑު ގޯހަކީ އީރާންއާ އެކު ކުރިން ހަދާފައި އޮތް އެއްބަސްވުން -- ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) ހުއްޓާލުމެވެ.
މި އެއްބަސްވުމަށް އަމަލުކުރުން އެމެރިކާއިން ހުއްޓާލުމުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގައި އީރާނަށް އިމެއް ނެތި ހަރަކާތްތެރި ވެވުނީ ކަމަށް ބްލިންކެން ވިދާޅުވި އެވެ.
ބްލިންކެން ވިދާޅުވި ގޮތުގައި އީރާނުން ނިއުކްލިއާ ބޮމެއް އުފައްދައިފިނަމަ ބިރު ބޮޑީ ހަމައެކަނި މެދުއިރުމައްޗަކަށް ނޫނެވެ. އެއީ އެމެރިކާއަށް ވެސް ބޮޑު ބިރެއް ކަމަށް އޭނާ ވިދާޅުވި އެވެ.