މީހުން

ޒިމާމުގެ ކްލެވެންޓީ: އިންގިލާބީ ބަދަލެއް ގެންނާނެ

އު މުރުން ދިހަވަރަކަށް އަހަރުގައި މާމަ އާއި އެކު މިނާފަށް ހަދައި އެފަށްތައް ރައްޓެހިންނަށާއި ގާތް މީހުންނާ އެކު ވިއްކުމުގައި އޭނާ ބައިވެރިވި އެވެ. އުމުރުން 20 އަހަރަށް އެޅުމާ އެކު އޭނާ މުދާ ވިއްކީ ނިދާ ކޮޓަރީގެ އެނދުމަތީގައި މުދާ ބަހައްޓައިގެންނެވެ.

"އެއީ ކަންނޭގެ އަޅުގަނޑުގެ މިބިޒްނަސް އިންޓްރެސްޓްވާން ފެށުނު ގޮތަކީ،" މިއީ އަމިއްލަ ބްރޭންޑެއް އުފައްދައި، އެ ވިޔަފާރި ފުޅާކުރަމުންދާ އިބްރާހިމް ޒިމާމު ވިޔަފާރިއަށް ޝައުގުވެރިވި ގޮތެވެ.

ޒިމާމު އިންޑިއާގައި އޭލެވެލް ހެދުމަށްފަހު ރާއްޖެ އައިސް ފުރަތަމަ ވަޒީފާ އަދާ ކުރީ އޭރު ރާއްޖޭގެ އެންމެ ބޮޑު ރިސޯޓު -- ސަން އައިލެންޑްގެ ރިސެޕްޝަނިސްޓެއްގެ ގޮތުގަ އެވެ. އެއިރުވެސް އޭނާ ދެކެމުން ދިޔަ ހުވަފެނެއް އޮތެވެ. ދަތުރުކުރަން އޮތް މަގު ދިގަސް އޭނާގެ ތަސައްވުރެއް އޮތެވެ. އާދައިގެ ވަޒީފާއަކަށް ގަވައިދުން ޔުނިފޯމު އަޅައިގެން ގޮސް އުމުރުގެ މުހިންމު ދުވަސްތައް އެގޮތުގައި އަބަދު ހޭދަކުރުމުގެ ވިސްނުމެއް ނެތެވެ.

މާލެއަށް އުފަންވިޔަސް އަމިއްލަ ގޭގައި ޖާގައިގެ ދަތިކަން ވެސް އިންތިހާއަށް އޮތެވެ. ހަޔާތުގެ މުހިއްމު ދުވަސްތަކަކު އުޅެން ޖެހުނީ ބޮޑުދައިތައެއްގެ ގޭގެ ސިޓިންރޫމުގައި ނިދައިގެންނެވެ. އެހެންވެ ކޮންމެ ކަމެއްގައިވެސް އުދަނގުލާއި ދަތިތައް ހުންނާނެ ކަން އޭނާއަށް ނިކަން ރަނގަޅަށް އަމިއްލަ ދިރިއުޅުމުގެ ތަޖުރިބާ އިން އޮތީ ވިސްނިފަ އެވެ. އެކަމަކު އެ ހުރިހާ ކަމެއް އޭނާ ބަދަލުކޮށްލީ ކުރިއަށް ދިއުމަށް ލިބުނު ހިތްވަރެއްގެ ގޮތުގަ އެވެ.

"އެއިރު ލިބޭ އެއްޗަކުން ނުފުދިފައި އޮންނަނީ. ދެން ވަރަށް ޓަފް ދުވަސް ދުވަސް ވެސް ދިޔަ. ނުކައި ނިދަން ޖެހުނު ދުވަސް ދުވަސް ވެސް ދިޔަ،" ޒިމާމުގެ ކުރީގެ ދިރިއުޅުން އޮތް ގޮތް ސިފަކޮށްދިނެވެ.

ސަން އައިލެންޑްގެ ވަޒީފާ ދޫކޮށްލުމަށްފަހު ޒިމާމު ގުޅުނީ ރާއްޖޭގެ އެންމެ ބޮޑު ކުންފުނި އަދި ރާއްޖޭގެ މައި ގޭޓް ބަލަހައްޓާ އެމްއޭސީއެލް އިން އޮޕަރޭޓް ކުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވަޒީފާ އަށެވެ. ހަތަރު އަހަރު -- 2014 އިން 2018 އަށް އެތަނުގައި މަސައްކަތް ކުރި އެވެ.

އެއާޕޯޓްގެ ވަޒީފާއިން ވަކިވުމަށްފަހު ރަންވޭގައި އޮތް ފްލައިޓަށް އަރައި ޝީޓް ބެލްޓް ބާރުކޮށްލުމަށްފަހު ޒިމާމު އުދުއްސައިގަތީ އޭނާ ދެކެމުން ދިޔަ އަމިއްލަ ވިޔަފާރިއެއް ފެށުމުގެ ދުނިޔެ އަށެވެ. އޭގެ ކުރިއަށް އޭނާ ވަރަށް ގިނަ ދިރާސާތައް "އެކުވެރި" ޔޫޓިއުބާއި ގޫގުލްއާ އެކު ކުރިއަށް ގެންދިޔަ އެވެ. ބޭނުންވީ ކުޑަ ވިޔަފާރިއެއް ފަށާނެ ގޮތުގެ ހިޔާލެއް އުފަންކުރުމެވެ. ބޭރުން ތަފާތު މުދާ ގެނެސްގެން އޮންލައިންކޮށް މުދާ ވިއްކަން ފެށީ ވެސް ދިރާސާގެ ތެރެއިން ފެޅުވި ކުރިއަކުންނެވެ.

"އެއިރު ވަރަށް މަދުވާނެ އޮންލައިންކޮށް ވިޔަފާރި ކުރާ މީހުންވެސް. ދެން އޭރު ލިބެން ހުރި ރީތި އަތުކުރި ގަޑިތަކާއި އެހެންވެސް ބައެއް ކުދިކުދި މުދާ ގެނެސް ނިދާ އެނދުމަތީ ބަހައްޓައިގެން ވިއްކަން ފެށީ. ޑެލިވަރީއަށް ވެސް ދަނީ ސީދާ އަޅުގަނޑު،" ޒިމާމުގެ ވިޔަފާރީގެ ބިންގާ އެޅުނު ގޮތް ހިއްސާކުރަމުން ބުންޏެވެ.

އޮންލައިން ވިޔަފާރީގައި ލިބެމުން ދިޔަ ކުޑަކުޑަ ފައިދާގެ ތެރެއިން މިންވަރަކާއި މުސާރައިން ލިބުނު އެއްޗެއް އޭނާ ފަހަށް ރައްކާކުރި އެވެ. ސިކުނޑީގައި ކުރަހާފައިވާ ބޮޑު ވިޔަފާރީގެ ތެރެއަށް ވަނުމަށްޓަކައި ހަރަދު ކުޑަކޮށް، ހަރަދު މެނޭޖުވެސް ކުރި އެެވެ. އެހެން މީހުންގެ އުފެއްދުންތައް ގެނެސްގެން ވިއްކުމުގެ ބަދަލުގައި އޭނާ ވިސްނީ އަމިއްލަ ޑިޒައިނަކާއި އަމިއްލަ ކޮންސެޕްޓަކަށް އަމިއްލަ ބްރޭންޑް އުފެއްދުމަށެވެ. ސޯޝަލްމީޑިއާގައި ދާދި މީދާކަށް ދުވަހު ފޯރިނަގާފައި އެންމެން އެ ދެއްކީ ޒިމާމްގެ އަމިއްލަ ބްރޭންޑް -- ކްލެވެންޓީގެ ވާހަކަ އެވެ.

ޒިމާމުގެ އަމިއްލަ ބްރޭންޑް -- ކްލެވެންޓީ

"މާކެޓް ދިރާސާކުރަން ވަރަށް ގިނަ ރިސާޗް ކުރިން. ކަންކަން ސްޓަޑީ ކުރަން ވަރަށް ގިނަ ވަގުތު ހޭދަކުރިން. އޭގެފަހުގައި ދެން ސޭވް ކުރި މަދު ފައިސާކޮޅު ބޭނުންކުރީ އަމިއްލަ އެއްޗެއް އުފައްދަން. އެއީ ގާތްގަޑަކަށް 20،000 ރުފިޔާގެ ވާހަކަ މިދައްކަނީ. ރިސްކެއް ނަގައިގެން އެ ފައިސާ އިންވެސްޓްކުރީ. އޭރު އަދާކުރި އެއާޕޯޓުގެ ވަޒީފާ ދޫކޮށްލުމަށްފަހު މި ރިސްކް ނެގީ. އަމިއްލަ ބްރޭންޑް އުފައްދަން އެންމެ ފުރަތަމަ ހެއްދީ އެންމެ 50 ގަޑި،" ކްލެވެންޓީ ވުޖޫދަށް ގެނައި ގޮތް ޒިމާމު ކިޔައިދިނީ މިކަހަލަ ގޮތަކަށެވެ.

އަސްލު އަޅުގަނޑު އަބަދުވެސް ބޭނުންވޭ ހަޔާތުގައި ކުރިއަށް ދާން. ގިނަ ކަންތައްތަކެއް ދަސްކުރަން. ގިނަ ތަޖުރިބާތަކެއް ހޯދައި ކާމިޔާބީއާ ހަމައަށް ވާސިލްވާން
އިބްރާހީމް ޒިމާމު | ކްލެވެންޓީގެ ވެރިޔާ

ވިޔަފާރިއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ވުޖޫދުކޮށްފައިވާ ކްލެވެންޓީ އަކީ އެއްވެސް މާނައެއް އޮތް ނަމެއް ނޫނެވެ. ރަށްޓެހިންނާ އެކު ކޮފީ މޭޒެއްގައި ކޮށްލި މަޝްވަރާއެއްގެ ތެރެއިން ތިލަކޮށްލި ނަން ކިޔާލަން ފަސޭހަވެފައި ތަފާތު ގޮތެއް ހުރުމުން އިހްތިޔާރުކުރީ އެވެ. އެކަމަކު ރާއްޖޭގައި މިހާރު އެންމެ ހިނގާ ނަމަކީ ކްލެވެންޓީ އެވެ.

"އެކުވެރިންގެ ހެލްޕް ވަރަށް ލިބުނު ނަމެއް އިހްތިޔާރުކުރުމާއި މި މަސައްކަތުގައި. ދެން ގާލްފްރެންޑް ކޮންމެ ކަމެއްގައިވެސް ހަމަ އަޅުގަނޑާއެކު ހުރެދޭ،" ޒިމާމުގެ އުއްމީދުތައް ހާސިލްވުމުގައި ގާތް މީހުންގެ އެހީތެރިކަން އޭނާ ފާހަގަކުރި އެވެ.

ބޮޑެތި ކަންތައްތައް ހާސިލްކުރެވޭނީ ގޮންޖެހުންތަކާއި ކުރިމަތިލައިގެންނެވެ. ކުރިމަތިވާ ދަތިތަކަށް ކެތްތެރިވެގެންނެވެ. ނާކާމިޔާބަކީ ކާމިޔާބަށް ވާސިލްވުމަށް ހުޅުވޭ ދޮރެއް ކަމަށް ބަލައިގެންނެވެ. ޒިމާމު ކުރިއަށް ދިޔައީ އެ އުސޫލުތައް ގަބޫލުކޮށްގެންނެވެ. ޒިމާމު ވެސް އޭނާގެ ފުރަތަމަ އަމާޒަށް ވާސިލްވެފައި އެވަނީ ގޮންޖެހުންތަކެއް ހުރަސްކުރުމަށްފަހު އެވެ. އެތައް ވަގުތެއް އެތައް ހަކަތެއް ހޭދަކުރީ ބުރަ މަސައްކަތުން ކާމިޔާބަށް ވާސިލްވާނެ ކަމަށް ގަބޫލުކޮށްގެންނެވެ. ފާޑުކިޔުންތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ވަގުތު ހުސްކުރީ ހުވަފެނުގައި އޮތް މަންޒަރު ހަގީގަތަކަށް ހެދުމަށެވެ.

"އަޅުގަނޑަށް އެނގޭ އަޅުގަނޑުގެ ސިކުނޑީގައި އޮތީ ކޮން އެއްޗެއްކަން. ދާންވީ ކޮން ދިމާލަކަށް ކަން. ވަޓް އައި ވޯންޓެޑް އެންޑް ވަޓް އައި ވޯޒް ޑުއިން. އަޅުގަނޑަށް އެންމެ ކުރިންވެސް އެނގޭ އަޅުގަނޑު ބޭނުންވި ކަންތައް ހާސިލްކުރަން އަދި ވަރަށް ބުރަ މަސައްކަތް ކުރަންޖެހޭކަން. އައި ވޯންޓެޑް ޓު ކްރިއޭޓް އަ ލެގަސީ," ޒިމާމް ބުންޏެވެ.

ހަގީގަތުގައިވެސް އޭނާ މިއަދު ލެގަސީއެއް އުފައްދައިފި އެވެ. ޒުވާން އުމުރުގައި ކާމިޔާބު ހޯދައިފި އެވެ. އޭނާގެ އަމިއްލަ ބްރޭންޑް ތައާރަފްކޮށް މާކެޓަށް އެވަނީ ނެރެފަ އެވެ. ޒިމާމުގެ އަމިއްލަ ބްރޭންޑް -- ކްލެވެންޓީ ލޯންޗް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ދެކަނބަލުންނެވެ. މެޑަމް ފަޒްނާ އަހްމަދު ކުރެއްވި އިންސްޓަގްރާމު ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މިހާރުވެސް ޒިމާމު އެވަނީ މާކެޓްގައި ވަރުގަދަ "ނަމެއް" އުފައްދާފަ އެވެ. މެޑަމް ފަަޒްނާ އަށް ޒިމާމު ފެނިވަޑައިގަތީ އުއްމީދަކާ އެކު އަމާޒަށް ވާސިލްވުމަށް ބުރަކޮށް މަސައްކަތް ކުރާ ޒުވާނެއްގެ ގޮތުގަ އެވެ.

އިންޝާﷲ. ބައިނަލްއަގްވާމީ މާކެޓަށް ޒިމާމުގެ ވިޔަފާރި ގެންދިއުމަށް ދެކެމުންދާ ހުވަފެން ހަގީގަތަކަށް ވާނެ
ފަޒްނާ އަހްމަދު | ފަސްޓްލޭޑީ

ކްލެވެންޓީ ބްރޭންޑްގެ ދަށުން މިވަގުތު ވިއްކާ މައިގަނޑު އެއް އައިޓަމަކީ އަތުކުރި ގަނޑި އެވެ. އެކަމަކު މިވަގުތު ވެސް މި ބްރޭންޑްގެ ސެންޓް ގަންނަން ލިބެން އެބަހުއްޓެވެ. ޒިމާމު މިހާރު ތައްޔާރުވަމުން ދަނީ ކްލެވެންޓީ ބްރޭންޑްގެ ކްލޯތިން ލައިނެެއް ތައާރަފްކުރުމަށެވެ. އޭނާގެ ވިސްނުމާއި މަސައްކަތް ރާވާލާފައިވާ ގޮތަށް ބަލާއިރު ކައިރި މުސްތަގުބަލެއްގައި އެ އުއްމީދު ވެސް އޭނާ ހާސިލްކުރާނެ އެވެ.

"ހަގީގަތުގައި މިކުރަނީ ވަރަށް ބޮޑުކަމެއް. ލައިފްގައި މިހާ ހިސާބުގައި ނިންމާ ކޮންމެ ނިންމުމެއް ނިންމަން ބޭނުންވަނީ ވިސްނުންތެރިކަމާ އެކު،" އުމުރުން 28 އަހަރުގެ ޒިމާމު ބުންޏެވެ.

ކްލެވެންޓީ ފިހާރައިގައި ވިއްކަން ހުންނަ ހިތްގައިމު، ހައިކޮލޮޓީ ގަޑިތަކަކީ ދިވެހި ޒުވާނެއްގެ އުފެއްދުންތެރި ޑިޒައިނެއް ކަމަށް ބައެއް މީހުންނަށް ގަބޫލެއްވެސް ނުކުރެވެ އެވެ. ޑިޒައިން އެހާވެސް ފުރިހަމަ އެވެ. ކްލެވެންޓީ ސެންޓްގެ ވަސް އެހާވެސް އަރާމެވެ. ޒިމާމުގެ މަސައްކަތުން ދިވެހިންގެ އިތުބާރު ކްލެވެންޓީ ހޯދައިފި އެވެ. ނަމޫނާ ޒުވާނެއްގެ ގޮތުގައި އެންމެންވެސް ޒިމާމު ބަލައިގެންފި އެވެ.

"އަޅުގަނޑުގެ ސްޓޯރީ ސޯޝަލް މީޑިއާގައި ހިއްސާކުރުމުން ބައެއް ޒުވާނުން މެސެޖުކޮށްފައި އެބަހުރި އަޅުގަނޑު މަސައްކަތްކޮށްފައި ހުރި ގޮތް އެނގުމުން އިންސްޕަޔާވާ ކަމަށް. އަޅުގަނޑަށް އެޕްރިޝިއޭޓް ކޮށްފައިވެސް އެބަހުރި. ހަގީގަތުގައި ވަރަށް ގިނަ ހުނަރުވެރި ޒުވާނުން ރަނގަޅު މަސައްކަތެއްގައި ކުރިއަށް ދާން ބޭނުންވެފައި އެބަތިބި. އެކަމަކު އެކި ސަބަބުތަކާ ހެދި ހުއްޓިފައި ބައެއް ޒުވާނުން ތިބީ،" ޒިމާމު ބުންޏެވެ.

ޒިމާމަށް އެނގި ހުރި އެއްޗަކުން އަދި ކުރެވުނު ތަޖުރިބާ ބޭނުންކޮށްގެން އޭނާ މިހާރު ހުރީ ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ތައްޔާރަށެވެ. ޒިމާމު ކުރިއަރަން ބޭނުންވަނީ އޭނާ ފަދައިން އެހެން ޒުވާނުން ވެސް ބައިވެރިކޮށްގެން އެމީހުންގެ އަތުގައި ހިފައިގެންނެވެ.

ޒިމާމު ގަބޫލުކުރާ ގޮތުގައި އަމާޒެއް އޮވެގެން ހިތްވަރާއި އެކު މަސައްކަތް ކޮށްފިނަމަ ކޮންމެ މީހަކަށްވެސް އަމިއްލަ ބްރޭންޑެއް އުފެއްދޭނެ އެވެ. އޭނާ މިވާހަކައެއް ދެއްކީ ކުރެވުނު ބުރަ މަސައްކަތާއި ތަޖުރިބާގެ އަލީގަ އެވެ. ވިޔަރީގެ އުފެއްދުންތެރި މަސައްކަތްތަކަށް އާންމުންގެ ލޯ ހުޅުވައިދީ ވިޔަފާރިއަށް އަހުލުވެރި މުޖުތަމައެއް އުފައްދަންވެސް ޒިމާމު ހުރީ ތައްޔާރަށެވެ.

"އަޅުގަނޑު މިހާރު ދެން އެންމެ ބޭނުންވަނީ މިބްރޭންޑް -- ކްލެވެންޓީ ދުނިޔޭގެ މާކެޓްގައި ވިދާލައި، ދުނިޔޭގެ މާކެޓްގައި ރާއްޖެ ރިޕްރެޒެންޓްކޮށް ހުރިހާ ދިވެހިންނަށް ފަހުރުވެރި މަގާމެއް ހޯދައިދިނުން،" ޒިމާމުގެ އުއްމީދަކީ މިއެވެ.

ޒިމާމު ބޭނުންވަނީ ކޮންމެ ކަމެއްގައި ވެސް އެންމެ ކުރީގައި ހުންނާށެވެ. ކުރާ ކޮންމެ މަސައްކަތެއް ރަނގަޅަށް ކޮލިޓީގައި ކުރާށެވެ. އިތުބާރާއި ޔަގީންކަމާ އެކު ކުރިއަށް ދާށެވެ. ޒިމާމު މިހާރު ދަތުރު އެފެށީ ދުނިޔޭގެ ބާޒާރުގައި ކްލެވެންޓީ ވަރުގަދަ ބްރޭންޑަކަށް ހެދުމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ކްލެވެންޓީ އަކީ އެންމެންނަށް އެނގޭ ނަމަކަށް ހަދާށެވެ.