މީހުން

މަންމަ އެޅި ކޭކުގެ ރަހަ ފުރިހަމަކޮށްލި "ޒަވީބޭކްސް"

ޒާވީބޭކްސްގެ ފައުންޑާ ޒާވިޔާ އަވަސް އަށް އޭނާގެ މަސައްކަތްތައް ދައްކާލަނީ

ބުރަކޮށް އުޅެމުން ވެސް މުރާލިކަން ދައްކަމުން މަންމަ ކުރަމުން އައި ކޭކު އެޅުމުގެ މަސައްކަތަކީ އައިޝަތު ޒާވިޔާ (ޒަވީ) އަށް ކުޑައިރުއްސެރެ ފެންނަ މަންޒަރެވެ. ކޭކު އެޅުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި އުފެދުނީ މަންމަގެ ބަދިގެ ތެރެއިންނެވެ. ތުއްތު އިރުއްސުރެ މަންމައަށް އަތްގާތް ކޮށްދީ އެހީތެރިވުމުގައި އުޅުމުގެ ތެރެއިންނެވެ.

އުމުރުން މިހާރު 25 އަހަރުގެ ޒަވީގެ "ރޯލް މޮޑެލް" ނުވަތަ ނަމޫނާއަކީ ވެސް އޭނާގެ ލޯބިވާ މަންމަ އެވެ. މިއަދު ޒަވީ އެ ހިނގަނީ އޭނާގެ މަންމަގެ ފިޔަވަޅު މަތިންނެވެ. ޒުވާން އުމުރުގައި ޒަވީ ވަނީ އޯޑަރަށް ކޭކް އަޅައިދީގެން ރަނގަޅު އާމްދަނީއެއް ލިބޭ ވިޔަފާރިއެއް ފަށއި، ކުރިއަރުވާފަ އެވެ. މިއަދު "ޒަވީބޭކްސް" އަކީ ނަން ހިނގާ ބްރޭންޑެކެވެ.

"އަސްލު މަންމަ ކޭކް އަޅާތަން ކުޑައިރުއްސުރެ ފެންނާތީ އިންސްޕަޔާ ވީ. ވަރަށް އުފާވޭ މިއަދު މި މަސައްކަތް ފެށުނީމަ،"

ކެއްކުމަށާއި ކޭކު އެޅުމަށް ކުޑައިރުއްސުރެ ހިތުގައި އުފެދިފައިވީ ޝައުގުވެރިކަމުގެ ސަބަބުން ޒަވީ ތައުލީމު ހާސިލް ކުރީ ވެސް އެ ދާއިރާއިންނެވެ. މިގޮތުން އޭނާ ވަނީ ކަލްނަރީ އަދި ޕެޓިސަރީ ކޯހެއް ހަދާފަ އެވެ. ފުރަތަމަ އަމިއްލަ ހިތްހަމަޖެހުމަށާއި ރައްޓެހިންނާއި ގާތް މީހުންގެ އެދުމަށް ޒަވީ ކޭކު އަޅައިދޭން ފެށީ އެއްވެސް އަގެއް ނުނަގަ އެވެ. އެއީ އޭނާގެ އުފަން ރަށް އއ. މަތިވެރީގައި ދިރިއުޅު ދުވަސްކޮޅެވެ. ކުރާ މަސައްކަތުން އަގެއް ނަގައި ވިޔަފާރިއަކަށް ބަދަލުކުރުމުގެ ހިޔާލު ވެސް އޭނާއަށް ދިނީ އޭނާގެ މަންމަ އެވެ. ދަރިފުޅުގެ ހުނަރު މަންމައަށް ދެނެގަނެވުނީ އެވެ.

ހަ އަހަރު ދުވަހުގެ މިނންނަތް މަސައްކަތާއިއެކު ޒަވީ ވަނީ އާންމުންގެ މެދުގައި މަގުބޫލުކަން ހޯދާފަ އެވެ. މިގޮތުން ޒަވީގެ އިންސްޓަގްރާމް ޕޭޖް "ޒަވީބޭކްސް އެމްވީ" އަކީ ގިނަ ބަޔަކު ފޮލޯ ކުރާ ނަމެކެވެ. ލިބޭ އޯޑަރުތައް އިތުރުވެ، މީހުން ޒަވީގެ މަސައްކަތް ބަލައިގަތުމަކީ އޭނާއަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމުގައި ޒަވީ ފާހަގަކުރެ އެވެ.

ޒަވީގެ ކޭކުތަކުގެ ރަހަ ތަކަކީ އުފަން ދުވަހުގެ ޕާޓިތަކާއި، ކައިވެނި ހަފްލާތަކުން ފެށިގެން ގޮސް އެކި މުނާސަބަތުތަކަށް ގުޅޭ މީރު އަދި އެހާމެ ތަފާތު ރަހަ ތަކެކެވެ. ޗޮކްލެޓު އަދި ބަޓާ ކޭކުން ފެށިގެން ގޮސް، ކަސްޓަމަރުން ބޭނުން ހުރިހާ ވައްތަރެއްގެ ކޭކް އޭނާ އަޅައިދެ އެވެ. އަދި ކޭކުގެ އިތުރުން ތަފާތު ފޮނި ކާތަކެތި ނުވަތަ "ޑެޒާޓްސް" ހެދުމަކީ ވެސް ޒަވީ ކުރާ މަސައްކަތެކެވެ. އާންމުކޮށް މީހުން ކައި އުޅޭ، ޕާސްތާ އަދި ނޫޑުލްސް ފަދަ ކާނާގެ ތަފާތު އަދި މީރު ރެސިޕީތައް އޭނާގެ ފޮލޮވަރުންނާއި ޒަވީ ހިއްސާ ކުރަމުންވެސް ދެއެވެ.

"ޓިކްޓޮކްގައި އެގޮތަށް ރެސިޕީތައް ހިއްސާކުރީމަ ވަރަށް ގިނަ މީހުން ބުނޭ ޒަވީ އެކަހަލަ ކުޅި އެއްޗެހި ވެސް ހަދާފަ ވިއްކަން ވީނުންހޭ. އެ ވިސްނުން އަޅުގަނޑު އެބަ ގެންގުޅެން،" ޒަވީ ކިޔައިދިނެވެ.

އޭނާގެ މަސައްކަތާ މެދު ކަސްޓަމަރުން ދެކޭ ގޮތް އޭނާއަށް ވަރަށް މުހިއްމުކަމުގައި ޒަވީ ފާހަގަކުރި އެވެ. މަސައްކަތް އިތުރަށް ފުރިހަމަކުރުމުގައި ކަސްޓަމަރުންގެ "ފީޑް ބެކް" މުހިއްމު ދައުރެއް އަދާކުރާ ކަމަށްވެސް ޒަވީ ގަބޫލުކުރެ އެވެ.

ކޭކް އެޅުމުގެ މަސައްކަތުގައި ޒަވީއަށް އެންމެ އުނދަގޫ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރީ ފޮންޑެންޓް ބޭނުންކޮށްގެން ކޭކް ޒީނަތްތެރިކޮށް، ކޭކުގައި ކުރެހުމެވެ. އެކަމަށް ފުދޭވަރަކަށް ގިނަ ވަގުތު ހޭދަވާކަން އޭނާ ފާހަގަކުރި އެވެ. އަދި މާލޭގައި ދިރިއުޅެމުން މި މަސައްކަތް އޭނާއަށް ކުރެވެނީ އޭނާގެ ފިރިމީހާގެ ފުރިހަމަ އެއްބާރުލުމާއި އެކީގައިކަން ވެސް ޒަވީ ފާހަގަކުރި އެވެ.

"ހަޒްބެންޑް ވަރަށް ބޮޑަށް ހެލްޕް ވެދޭ ޑެލިވަރީތައް ކުރުން ކަހަލަ ކަންކަމުގައި. މާލޭގައި މި މަސައްކަތް އުޅުގަނޑަށް ކުރެވެނީ އަސްލު އެހެންވެ،"

ކޭކު އަޅައި، އައިސިން ބޭނުންކޮށްގެން ކޭކު ޒީނަތްތެރިކޮށް ޑިޒައިންކުރުމަކީ ތަފާތު ހުނަރެކެވެ. މި ހުނަރު ބޭނުންކޮށްގެން ކޭކު އެޅުމަކީ އަމިއްލަ ހިތްހަމަޖެހުމަށާއި "ސްޓްރެސް" ފިލުވާލުމުގެ އިތުރުން ރަނގަޅު އާމްދަނީއެއް ހޯދުމަށްވެސް ކުރެވިދާނެކަމެއް ކަމުގައި ޒަވީ ދެކެ އެވެ. އަދި މި މަސައްކަތް ދަސްކުރުމަށް ބޭނުންވާ ކުދިންނަށް ކްލާސްތައް ހިންގަން އޭނާ ބޭނުންވެ އެވެ.

"ވަރަށް ބޭނުން ދަސްކުރަން ބޭނުންވާ ކުދިންނަށް އަޅުގަނޑަށް އެނގޭ އެއްޗެއް ކިޔައިދޭން، ރަށު ސްކޫލްގެ ކުދިންނަށް ކޯހެއް ހިންގަން އެބަ ވިސްނަން،"

ހުސްވަގުތުގައި ފޫހި ފިލުވާލުމަށް ކުރަންފެށި މަސައްކަތް ވިޔަފާރިއަކަށް ބަދަލުވެގެން ދިއައިރު، މި ވިޔަފާރި އިތުރު ހަރުފަތަކަށް ގެންދިއުމަކީ ޒަވީ ދެކޭ ހުވަނެކެވެ. އަމިއްލަ ރެސްޓޯރެންޓެއް ނުވަތަ ބޭކަރީއެއް ހުޅުވައި، އެތަނުން އޭނާ އަޅާ ކޭކްތަކާއި ތައްޔާރުކުރާ ފޮނި ކާތަކެތި ލިބޭ ގޮތް ހެދުމަކީ އޭނާގެ އުންމީދެވެ.