ލައިފްސްޓައިލް

ފަރުވާ ދެވުނީ ދަރިފުޅަށް، އެކަން އެނގުނީ ކުއްޖާ މަރުވި ފަހުން

ވަރަށް ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ޒަޚަމްވީ ޒުވާން ކުއްޖަކަށް ފަރުވާދިންއިރު އޭނާގެ އަމިއްލަ ދަރިފުޅު ކަމެއް އިމަޖެންސީ ރެސްޕޮންސް ޓީމުގައި ހިމެނޭ ޕެރެމެޑިކްސް އަކަށް ނޭނގެ އެވެ. މިކަން އޭނާއަށް އެނގުނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށް މަރުވި ފަހުންނެވެ.

މިމަހުގެ 15 ވަނަ ދުވަހު ޖޭމީ އެރިކްސަން ޑިއުޓީގައި ހުއްޓާ ކަލްގާރީގެ އިރުމަތީގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ ޚަބަރު ލިބުނެވެ. އޭނާ ވަގުތުން އެތަނަށް ދިޔައިރު ވަރަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައި އޮތް އަންހެން ކުއްޖެއް އޮތެވެ. ކާރުތެރޭގައި ތާށިވެފައި އޮތް ކުއްޖާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރު އޭނާގެ ފުރާނަ ސަލާމަތް ކުރެވޭތޯ ޖޭމީ ގަދައަޅާ މަސައްކަތް ކުރަމުން ދިޔަ އެވެ. އެކްސިޑެންޓްގައި ކުއްޖާގެ މޫނާއި ހަށިގަނޑަށް ލިބިފައިވާ ޒަޚަމްތައް ބޮޑުކަމުން އެއީ ކާކުކަން ވަކިވާވަރެއް ވެސް ނޫނެވެ. އެއީ އޭނާގެ 17 އަހަރުގެ އަންހެން ދަރިފުޅު މޮންޓާނާ ކަން ޖޭމީ އަށް ނޭނގުނީ އެހެންވެ އެވެ.

ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް މޮންޓާނާ މަރުވީ އެވެ. މިކަން ޖޭމީއަށް އެނގުނީ ޑިއުޓީ ނިންމާފައި ގެޔަށް ދިޔަ ފަހުންނެވެ. އޭނާ ގޭގައި އުޅެނިކޮށް ރޯޔަލް ކެނޭޑިއަން މައުންޓަޑް ޕޮލިސް އޮފިސަރުން އެ ގެޔަށް އައިސް އޭނާއާ ބައްދަލުކުރި އެވެ. އަދި އެކްސިޑެންޓެއްގައި އޭނާގެ ދަރިފުޅު މޮންޓާނާ މަރުވި ޚަބަރު ދިނެވެ.

މިދިޔަ އަންގާރަ ދުވަހު ކެނެޑާގެ މީޑީއާތަކާ ވާހަކަ ދައްކަމުން ޖޭމީ ބުނީ އޭނާގެ ދަރިފުޅަކީ ހުރިހާ ރޮނގަކުން ވެސް ކާމިޔާބު ހޯދަމުންދިޔަ ކުއްޖެއް ކަމަށެވެ. މޮޅު ފެތުންތެރިޔެއް ކަމަށާއި ގާނޫނީ ވަކީލަކަށް ވުމުގެ ހުވަފެންތައް ދެކެމުން އައި ކުއްޖެއް ކަމަށެވެ.

"އޭނާއަކީ ހަނގުރާމަވެރިއެއް. އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ވަރަށް ވަރުގަދައަށް ހަނގުރާމަކުރި. ވަރަށް ރީތި ކުއްޖެއް އެއީ. އޭނާ ކަމެއް ކުރަން ހިތްވަރާއެކު މަސައްކަތް ކޮށްފިއްޔާ އެކަމެއް ކާމިޔާބު ކުރޭ،" ޖެމީ ބުންޏެވެ. އޭނާ މި ވާހަކަތައް ކިޔައިދިން އިރު އޭނާއަށް ހިތްވަރުދީ ސަޕޯޓްކުރުމުގެ ގޮތުން އޭނާ އާއެކު މަސައްކަތްކުރާ ފަޔާފައިޓަރުންނާއި ޕޮލިސް އޮފިސަރުން އަދި އާއިލާގެ މީހުން އޭނާގެ ފަހަތުގައި މަޑުމަޑުން ތިއްބެވެ.

ޖެމީ މި ވާހަކަތައް ކިޔައިދެމުން ދިޔައިރު ޖޭމީ އާއެކު ޕެރެމެޑިކް އެއްގެ ގޮތުގައި މަސައްކަތްކުރާ އޭނާގެ އެކުވެރިއެއް ކަމަށްވާ ރިޗާޑް ރީޑް އަށް އެތައް ފަހަރަކު ބޭ އިޚްތިޔާޜުގައި ރޮވުނުތަން ފެނިގެން ދިޔަ އެވެ.

ރިޗާޑް ބުނި ގޮތުގައި ޖޭމީގެ ދަރިފުޅު އިން ކާރު ޖެހުނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ޓްރަކެއްގައި ކަމަށެވެ.

"އެ ކާރުގައި ތިބީ ޑްރައިވަރަކާއި ފަސިންޖަރެއް. އެކްސިޑެންޓްވުމުން ޑްރައިވަރަށް މާބޮޑު އަނިޔާއެއް ނުވޭ. އޭނާ އަމިއްލައަށް ދޮރު ހުޅުވައިގެން ކާރުން ނުކުތް. ކާރުގައި އިން އަންހެން ފަސިންޖަރަށް އޮތީ ވަރަށް ބޮޑަށް އަނިޔާވެފައި. އަދި އޭނާ އޮތީ ކާރު ތެރޭގައި ތާށިވެފައި. އެކްސިޑެންޓް ހިނގި ތަނަށް ފުރަތަމަ ދިޔައީ ވެސް ޖޭމީ. ޖޭމީއަށް އެނގޭ ކުއްޖާއަށް ލިބިފައިވަނީ ފުރާނައަށް ނުރައްކާވާ ވަރުގެ ޒަޚަމްތަކެއްކަން. އެހެންވެ އެމްބިއުލެންސް އަށް ލައިގެން ގެންދެވެންދެން އޭނާ އެ ކުއްޖާއަށް ފަރުވާދެމުން ގެންދިޔަ. އެއީ ކޮން ކުއްޖެއްކަން ނޭނގޭ ހާލުގައި،" އެންމެ ގާތުން އެ މަންޒަރު ފެނުނު ރިޗަޑް ބުންޏެވެ.

ޖޭމީ ޑިއުޓީ ނިންމާފައި ގެޔަށް ދިޔައީ އޭނާގެ ފިރިމީހާ އާއެކުގަ އެވެ. ގެއަށް ދިޔަ މަގުމަތީގައި ވެސް ފިރިމީހާ ކައިރީގައި ވެސް ޖޭމީ އެ އެކްސިޑެންޓުގައި އަނިޔާގެ ކުއްޖާއަށް ލިބިފައިވާ ސީރިއަސް ޒަޚަމްތަކުގެ ވާޙަކަ ދައްކައި އެކަމާ ވަރަށް ދެރަވެގެން އުޅުނެވެ. އަދި އެ ކުއްޖާގެ ފުރާނަ ސަލާމަތްވާނެކަމުގެ އުންމީދެއް ނެތް ކަމަށާއި އެ ކުއްޖާ މަރުވުމުން އޭނާގެ އާއިލާއަށް ކުރާނެ އަސަރު ހިތަށް އަރާފައި ވަރަށް ދެރަވެގެން ވާހަކަ ދައްކާފައި ވެއެވެ.

ޖޭމީ ގެއަށް އައިސް ވަންތަނާ އިރުކޮޅެއް ވެސް ނުވަނީސް އޭނާގެ ގޭގެ ދޮރުގައި މީހަކު ޓަކިޖެހި އެވެ. އެއީ އޭނާގެ ދަރިފުޅު އެކްސިޑެންޓްވީ ޚަބަރު ދޭން އައި އޮފިސަރުންނެވެ.

އެ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރެވޭތޯ އޭނާ ގަދައަޅާ މަސައްކަތްކުރި ކުއްޖާއަކީ އޭނާގެ ދަރިފުޅުކަން ޖޭމީ އަށް އެނގުނީ ދެނެވެ. އެންމެ ކުޑަމިނުން އެ ކުއްޖާގެ ފަހު ވަގުތުކޮޅު އާއިލާގެ މީހުންނަށް ދެކިލުމުގެ ނަސީބު ލިބޭތޯ އޭނާ ހިތްވަރާއެކު މަސައްކަތްކުރި ކުއްޖާކަން ވެސް އެނގުނެވެ. ކުއްޖާއަށް ލިބިފައިވާ ޒަޚަމްތަކުގެ ބޮޑުކަމުން އެއީ ކޮން ކުއްޖެއްކަން ވަކި ނުކުރެވޭވަރެއް ނޫނެވެ. މަންމައަކަށް އޭނާގެ ދަރިފުޅު ވަކި ނުކުރެވޭނީ އެއީ ހަމަ ގައިމުވެސް ވަރަށް ބޮޑަށް ޒަޚަމްވެފައި އޮތީމަ ކަން ޔަގީނެވެ. އެ ހުރިހާއިރުވަންދެން އެ ކުއްޖެއްގެ ފުރާނަ ސަލާމަތްކުރެވޭތޯ ޖެމީއަށް މަސައްކަތް ކުރެވުނީ އަމިއްލަ ދަރިފުޅުގެކަން އެނގުނު ވަގުތު ޖެމީ އަށް ބަޔާން ކުރަން ދަތި އިހްސާސްތަކެއް ކުރެވުނެވެ.