އެކްސިޑެންޓެއްގައި އެއް އަތުގެ އިނގިލިތައް ޗިސްޗިސްވީ ފަޔާފައިޓާއެއްގެ އަތް އޭނާ އޮޕަރޭޝަން ކުރި ޑޮކްޓަރުންގެ މަސައްކަތުން ސަލާމަތްވެއްޖެ އެވެ.
މަސައްކަތުގައި އުޅެނިކޮށް ހިނގި އެކްސިޑެންޓެއްގައި އަތް މުޅިން ޗިސްޗިސްވެ އަލުން ދެން އެ އަތް ބޭނުން ނުކުރެވޭ ވަރު ވެފައި އޮތަސް ޑޮކްޓަރުން ވަނީ އޭނާގެ ބަނޑު ކަފާލައި އަތް ބަނޑުތެރެއަށް ލާ ފަހާފައި ބާއްވައިގެން އެ އަތް ރަނގަޅުކޮށްފަ އެވެ.
ޔޫކޭގެ އެންތަނީ ސީވާޑް، 27، ގެ އަތް ޗިސްޗިސްވީ އޭނާ ޕާޓްޓައިމްކޮށް މަސައްކަތްކުރަމުން ދިޔަ ޓެކްސްޓައިލް ކުންފުންޏެއްގެ މެޝިނަރީއެއް ސާފުކުރަނިކޮށް ހިނގި އެކްސިޑެންޓެއްގައި 2017 ގައެވެ.
އޭރު ސީވާޑުގެ އުމުރުން އެންމެ 20 އަހަރެވެ. އޭނާގެ އަތް ޗިސްޗިސްވެފައި އޮތްލެއް ބޮޑުކަމުން ބައެއް އިނގިލިތަކުގެ ކުރިތައް ބުރިކުރަން ޖެހުނު ނަމަވެސް ޑޮކްޓަރުން ވަނީ އޭނާގެ މުޅި އަތުގެ ބޮޑު ބައި ސަލާމަތްކޮށްފަ އެވެ. އެއީ 24 ދުވަސް ވަންދެން އެ އަތް ބަނޑުތެރޭގައި ބާއްވައިގެންނެވެ.
މި ސާޖަރީ އަށް ކިޔަނީ ޕެޑިކްލްޑް އެބްޑޯމިނަލް ފްލެޕް އެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އަނިޔާވި ބައެއް ސިފައިންގެ މީހުންނަށް މިގޮތަށް ފަރުވާ ދީފައި ވެއެވެ. އަދި ވަރަށް ފަހުން އަފްޣާނިސްތާނު ހަނގުރާމައިގައި އަނިޔާ ލިބުނު ބައެއް ސިފައިންނަށް ވެސް މިގޮތަށް ފަރުވާ ދީފައި ވެއެވެ. މިޒަމާނުގައި މިފަދަ އަނިޔާތައް އާއްމުކޮށް ނުލިބޭކަމަށް ސީވާޑަށް ފަރުވާ ދިން ސާޖަން ޑރ. ޖޭމްސް ހެންޑަސަން ވިދާޅުވި އެވެ.
އަތް ޒަޚަމްވެގެން ހޮސްޕިޓަލަށް ގެންދިޔައިރު އަތުގެ އިނގިލިތައް ސަލާމަތްވާނެކަމުގެ އުންމީދެއް ސީވާޑް ނުކުރެ އެވެ. އޭނާ ހީކުރީ އަތް ސަލާމަތްކުރުމަށް އިނގިލިތައް އެއްކޮށް ބުރިކޮށްލާނެ ކަމަށެވެ. އަދި ސާޖަރީ އަށް ފަހު އެ އެއަތް ހަރަކާތް ނުކުރެވުމުން އިތުރަށް ކަންބޮޑުވި އެވެ. އެވަގުތު އޭނާގެ އަތް އޮތީ ބަނޑު ތެރޭގައި ފަހާލާފައި ކަމަށް ނަރުހަކު އޮޅުން ފިލުވައިދިނުމުން ބިރުން ގޮސް އެ ތަން ބަލާލަން ވެސް އޭނާ ދެކޮޅު ހެދި އެވެ.
އެއީ ތަފާތު ތަޖުރިބާއެއް ކަމަށް ބުނަމުން ސީވާޑް ބުނީ ބަނޑު ތެރޭގައި ތިން ހަފުތާ ވަންދެން އަތް ބާއްވައިގެން އުޅުނުއިރު މާބޮޑު ތަދެއް އިހްސާސް ނުވި ކަމަށެވެ. އެކަމަކު ނަފްސާނީ ގޮތުން އޭނާއަށް ވަރަށް އަސަރުކުރި ކަމަކަށް އެކަން ވިއެވެ. އެކްސިޑެންޓުގެ ސަބަބުން ލިބުނު ގެއްލުމަށްވުރެ އެއްވެސް ކަމެއް ނުކުރެވި އޮންނަން ޖެހުމުން އޭނާގެ ސިކުނޑިއަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރި އެވެ.
ސީވާޑް އޭނާގެ 21 ވަނަ އުފަން ދުވަސް ފާހަގަކުރީ ވެސް ހޮސްޕިޓަލުގައި ހޭދަކުރި ހަ ހަފުތާގެ ތެރޭގަ އެވެ. ނަރުހަކު އޭނާގެ އުފަން ދުވަސް ފާހަގަކުރަން ފުއްޕާހަމެއްގެ ބަދަލުގައި ރަބަރު އަންގިއެއް ފުއްޕައިދިނެވެ.
އަމިއްލަ ހަށިގަނޑަށް މި ކުރިމަތިވި ނުކުޅެދުންތެރިކަމުން އަރައިގަތުމަށް ސީވާޑް އަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އަނގުނެއް ބުރިކޮށްފައިވާ އެހެން މީހަކާއެކު ކުޅިވަރު ކުޅެލަން އުޅުމުގެ ފުރުސަތު ތަނަވަސް ވުމުންނެވެ.
އޭނާގެ ހަށިގަނޑު އެންމެ ކުރިން ވަރަށް ބަލިކައްޓެވެ. އެހެންވެ ޖިމް އަށް ގޮސް އުޅުމުގެ ތެރޭގައި އެމީހާއާ ބައްދަލުވެ އަދި ފަހުން ޚާއްސައެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަ ރަގްބީ ލީގު ޓީމެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ސީވާޑަށް ލިބުނެވެ.
ސީވާޑް ބުނީ އޭނާއަށް ވުރެ ހާލަތު ގޯސް މީހުން އުޅޭތަން ފެނުމުން އޭނާއަށް އަދި ވެފައި މިވަނީ ވަރަށް ކުޑަވަރެއްކަން އެނގި ހިތްހަމަޖެހުން ލިބުނެވެ.
ސީވާޑްގެ އިނގިލިތަކަށް ލިބިފައިވާ އަނިޔާގެ ބޮޑުކަމުން ދެން ދުވަހަކުވެސް ފަޔާފައިޓާއެއްގެ މަސައްކަތަށް އެނބުރި ނުދެވޭނެކަމަށް ޑޮކްޓަރުން ސީވާޑް ކައިރީ ބުންޏެވެ. ނަމަވެސް ވަރަށް ހިތްވަރުން އަލުން ތަމްރީނުތައް ހަދައި މިއަހަރުގެ މޭ 19 ވަނަ ދުވަހު އޭނާ ވަނީ އޭނާ އެންމެ ލޯބިވި ފަޔާފައިޓާއެއްގެ ވަޒީފާގެ ފައިނަލް ތަމްރީނު ނިންމާ އެ ވަޒީފާ އަލުން ހޯދާފަ އެވެ.
"އެ ވަޒީފާއަކީ މީހުން އެންމެ ބޭނުންޖެހޭ ވަގުތު އެހީތެރިވާން ލބޭ ފުރުސަތެއް. އެހެންވެ އެ ވަޒީފާ ނޫން އެހެން ވަޒީފާއެއް އަހަރެން ބޭނުމެއް ނޫން،" ސީވާޑް ބުންޏެވެ.