ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޯމާގައި އަހަރެއްހާ ދުވަސް، ކޮވިޑް-19 ނޭނގޭ!

ޖޯސެފް ފްލެވިލް އަކީ އިންގްލެންޑްގެ ނޮޓިންހަމްގައި ދިރިއުޅޭ ފިރިހެން ކުއްޖެކެވެ. ކާރު އެކްސިޑެންޓެއްގައި މާޗް 2020 ގައި ކޯމާއަށް ދިޔަ ޖޯސެފް އެ ހާލުގައި އޮއްވާ ދެ ފަހަރަށް އޭނާއަށް ކޮވިޑް-19 ޖެހިފައި ވެއެވެ. ނަމަވެސް އެއީ ކޮން ބައްޔެއް ކަމެއް ޖޯސެފްއަކަށް ނޭނގެ އެވެ. މިހާރު ދުނިޔެއަށް ކުރިމަތިވެގެން އުޅޭ މި ބޮޑު ވަބާގެ އެއްވެސް ޚަބަރެއް ޖޯސެފް އަކަށް ނެތެވެ.

ކާރު އެކްސިޑެންޓެއްގައި ޖޯސެފް ކޯމާއަށް ދިޔައީ މިދިޔަ އަހަރުގެ މާޗް އެއް ވަނަ ދުވަހު އެވެ. ކޮރޯނާވައިރަސް ފެތުރި އޭނާ ދިރިއުޅޭ ރަށް ލޮކްޑައުން ކުރީ އޭގެ ތިންހަފުތާ ފަހުންނެވެ.

އެހެންކަމުން ޖޯސެފް ކޯމާގައި އޮތް ގިނަ ދުވަސްތަކެއްގައި އޭނާ ލޮލުން ދެކިލައި އޭނާގެ ގައިގައި ފިރުމާލައި ހަދާލާނެ ފުރުސަތު ވެސް އާއިލާގެ އެއްވެސް މީހަކަށް ނުލިބުނެވެ. ސަބަބަކީ ކޮވިޑް-19 އިގެ ސަބަބުން ހޮސްޕިޓަލުތަކަށް މީހުން ޒިޔާރަތް ކުރުން މުޅިން މަނާ ކޮށްފައި އޮތުމެވެ. އެ ދުވަސްތަކުގައި ޖޯސެފްގެ އާއިލާއަށް އޭނާ ފެންނަނީ ވީޑިއޯ ކޯލްގެ ޒަރިއްޔާއިން އެކަންޏެވެ.

ޖޯސެފްގެ ބޮޑުދައިތަ ސެލީ ފްލެވިލް ބުނީ ޖޯސެފް ރަނގަޅުވަމުން އަންނަ ކަމުގެ ކުދި ކުދި ނިޝާންތައް ދާދިފަހުން ފެންނަން ފަށާފައިވާ ކަމަށެވެ. އޭނާއަށް އެހެން މީހުން ދައްކާ ވާހަކަ މިހާރު އަޑު އިވޭކަން ޔަގީންވާ ކަމަށާއި ބައެއް ކަންކަން ކުރަން ބުނުމުން އެކަންކަން ކުރެވޭތޯ މަސައްކަތް ކުރާ ކަމަށެވެ.

"މިހާރު އަހަރެމެން ގޮވާލާފައި ވާހަކަ ދެއްކުމުން އޭނާ އާނއެކޭ ބުނަން ބޭނުންވާނަމަ އެއް ފަހަރު ލޯ މަރާލާ، ނޫނެކޭ ބުނަން ބޭނުންވާނަމަ ދެ ފަހަރު ލޯ މަރާލާ. އެގޮތަށް މިހާރު އެބަ އޭނާ ކޮންމެވެސް ވަރަކަށް އަހަރެމެންނާ މުއާމަލާތް ކުރޭ އެބަ،" ޖޯސެފްގެ ބޮޑުދައިތަ ބުންޏެވެ.

ޖޯސެފް ކޯމާއަށް ދިޔަ ފަހުން އިންގްލެންޑްގެ ހަތަރު މިލިއަން މީހުންނަށް ކޯވިޑް ޖެހިއްޖެ އެވެ. އަދި 110،000 މީހުންގެ ފުރާނަ އެބަލީގައި ގެއްލިއްޖެ އެވެ. މި ބަލިމަޑުކަމުގެ ސަބަބުން މީހުންގެ ދިރިއުޅުން އެފުށް މިފުށަށް ޖެހި ސްކޫލްތަކާއި ޔުނިވަސިޓީތަކާއި ފިހާރަތައް އަދި އެނޫންވެސް ގިނަ ތަންތަން ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް ޖޯސެފް އަކަށް މީގެން އެއްވެސް ކަމެއް ނޭނގެ އެވެ.

"އަހަންނަކަށް ނޭނގެ ޖޯސެފް ރަނގަޅުވީމަ އަހަރެމެން މި ލޮކްޑައުންގެ ވާހަކަތައް ކިޔައިދިނީމަ ބުނާނީ ކީކޭ ކަމެއް ވެސް. އޭނާއަށް އެކަންކަން ގަބޫލު ކުރެވޭނެ ކަމެއް ވެސް ނޭނގެ. އަދިވެސް ޖޯސެފް ވަރަށް ބޮޑަށް ބަލި. އެހެންވެ ރަނގަޅުވާން އަދިވެސް ވަރަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވޭ،" ޖޯސެފްގެ ބޮޑުދައިތަ ބުންޏެވެ.