ތިރީސް ފޫޓު އުސް ފުރާޅަކުން ވެއްޓި ހަށިގަނޑުގައިވާ ހުރިހާ ކައްޓެއް ކަހަލަ ގޮތަކަށް ބިނދު މީހަކު ސަލާމަތްވެއްޖެ އެވެ. އިއާން ލޮކޭއަކީ އިންގްލެންޑްގެ މެންޗެސްޓާގެ ވައިތެންޝޯގެ ރަށްވެއްސެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އޭނާ ފުރާޅުން ވެއްޓުނީ ރައްޓެއްސަކަށް އެންޓެނާއެއް ހަރުކޮށް ދޭން އުޅުމުގެ ތެރޭގަ އެވެ.
މެންޗެސްޓާ އިވްނިން ނިއުސްގައިވާ ރިޕޯޓެއް ބުނާ ގޮތުގައި 53 އަހަރުގެ އަކީ ފުރާޅުގެ ކަންތައްތައް ޕްރޮފެޝަނަލްކޮށްފައިވާ އަދި މިހާރު ރިޓަޔާ ވެގެން ހުރި މީހެކެވެ. އޭނާ އެ ދުވަހު ވެއްޓުނީ ފުރާޅުން ކައްސަން ފެށުމުން ފުންމައިގެން މައްޗަށް އަރަން އުޅުމުގެ ތެރޭގަ އެވެ.
ފުރާޅުން ވެއްޓި ޖެހުނު ގޮތަށް އިއާންގެ ގައިގެ ހުރިހާ ކައްޓެއް ކަހަލަ ގޮތަކަށް ބިނދުނެވެ. އަދި ވަގުތީ ގޮތުން މުޅި ހަށިގަނޑުގެ ވާގި ނެތުނެވެ.
މައްޗަށް އުސްވާ ގޮތަށް ހަދާފައިވާ މި ފުރާޅުން އިއާން ކައްސާލުމުން ދެން ހަދާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ. އޭނާ ބުނި ގޮތުގައި ވެއްޓި ޖެހުމާއެކު އޭނާގެ އަތުގެ ކަށިތައް ދެ ތަނަކުން ބިނދުނުކަން އޭނާއަށް އެނގުނެވެ.
"އަހަރެން އެކުވެރިޔާ ކައިރީ ބުނިން އަހަރެންގެ ދެފައިގައި އެއްވެސް އިހްސާސެއް ނެތޭ. އޭރު އަހަރެންނަށް ވާނުވާ އެއްގޮތަކަށް ވެސް ނޭނގޭ. އަހަރެންނަށް މި އޮވެވުނީ ކޮން ތަނެއްގައި ކަމެއް ވެސް ހަނދާނެއް ނެތް. އަހަންނަށް އޭރު އެނގޭހާވެސް އެއްޗަކީ ކޮންމެވެސް ކަމެއް ވެއްޖެއޭ. ހަށިގަނޑުގެ އެއްވެސް ތަނެއް ހަރަކާތެއް ނުކުރެވޭ،" އިއާން ކިޔައިދިނެވެ.
އިއާން ވެއްޓުމާއެކު އޭނާގެ އެކުވެރިޔާ އިމަޖެންސީ ނަންބަރަށް ގުޅައިގެން އެމީހުން އައިސް ވަގުތުން އިއާން ހޮސްޕިޓަލަށް ގެންދިޔަ އެވެ. ހޮސްޕިޓަލުން އިއާން ބެލި ޑޮކްޓަރުން އޭނާގެ އާއިލާގެ މީހުން ކައިރީގައި ބުނީ ސަލާމަތްވާނެކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށެވެ.
ގައިން ލޭ އޮހޮރިފައިވާލެއް ގިނަ ކަމުން އެތައް ފަހަރަކު އިއާންގެ ގަޔަށް ލޭ އަޅަން ޖެހުނެވެ. އަދި ކޯމާގައި އަށް ހަފުތާ ވަންދެން ބޭއްވި އެވެ.
"ސާޖަނުން އަހަރެންގެ އާއިލާ ކައިރީ ބުނި އަހަރެން މަރޭ ވާނީ. ނަމަވެސް އަހަރެންގެ އަންހެން ދަރިފުޅު އަހަރެންގެ ކައިރީގައި ހުރެގެން އަހަންނަށް ހިތްވަރު ދެމުން ގެންދިޔަ. މަރެއް ނުވާނޭ ސަލާމަތް ވާނޭ ދަރިފުޅު ބުނަމުން ދިޔަ. ހަގީގަތުގައި އަހަރެންގެ ފުރާނަ ސަލާމަތްވީ ދަރިފުޅު ދިން ހިތްވަރުންކަމަށް އަހަރެން ގަބޫލު ކުރަނީ،" އިއާން ބުންޏެވެ.
އިއާންގެ ދެ އަތް އެތައް ތަނަކުން އޮތީ ބިނދިފަ އެވެ. ބުރަކަށިން ހަތަރު ތަނެއް ބިނދިފައި ވެއެވެ. މުލައްދަނޑިން ވެސް ދެ ތަނުން ބިނދިފައި ކަށީތައް ހުރީ ހަންގަނޑާއި މަސްތައް ފަޅާއި ނުކުމެފަ އެވެ. އޭނާގެ ޕެލްވިސް އޮތީ ފުނޑުފުނޑުވެ 30 ތަނުން ބިނދިފަ އެވެ. މޭ ކަށިތައް ބިނދި ކުރިއްސުރެ ޓްރާންސްޕްލާންޓް ކޮށްފައިވާ ފުއްޕާމޭ ފޫއަޅާފައި ވެއެވެ.
މި ހާލުގައި ގައިގެ ވާގިނެތި ހޮސްޕިޓަލުގައި އިއާން ހޭދަކުރި ދުވަސްތަކުގައި އޭނާއަށް ކޮވިޑް ޖެހިގެން ވެސް ވަރަށް ހާލު ބޮޑުވި އެވެ.
އިއާންގެ ގައިން ވާގި ނެތިފައިވާ ހުރިހާ ބައިތަކަކަށް އަދިވެސް ވާތްގެއް ނުލިބެ އެވެ. ނަމަވެސް އޭނާއަކީ ދިރިއުޅުމުގެ އުންމީދުކުރާ މީހަކަށް ވާތީ ފުރާނަ ސަލާމަތްވީ ގޮތަށް ގައިގެ ވާގިވެސް އަނބުރާ ލިބޭނެކަމަށް އޭނާ ޔަގީން ކުރެ އެވެ.