ލައިފްސްޓައިލް

60 ފޫޓު މަތިން ވެއްޓުނު މީހަކު ސަލާމަތްވުމުން ހައިރާންކަން

ފަރުބަދައެއް މަތިން ވެއްޓުނު އިނގިރޭސި ވިލާތުގެ ކޯންވޯލްގައި ދިރިއުޅޭ ރެބެކާ ކްރޯފޯޑްގެ ފުރާނަ ސަލާމަތް ވުން ވެފައިވަނީ އޭނާއަށް ފަރުވާދިން ޑޮކްޓަރުން ވެސް އަޖައިބުވީ ކަމަށެވެ. ސަބަބަކީ އުމުރުން 37 އަހަރުގެ ރެބެކާ ވެއްޓުނީ ގާތްގަނޑަކަށް 60 ވަރަކަށް ފޫޓު މަތިން ކަމަށް ވެފައި އޭނާ ވެއްޓި ޖެހުނީ ވެސް ބޮޑު ހިލަގަނޑެއްގެ މައްޗަށް ކަމަށް ވާތީ އެވެ.

ރެބެކާގެ ފުރާނަ ސަލާމަތްވީ އާދަޔާޚިލާފު ގޮތަކަށް ކަމަށް ބުނަމުން ޑޮކްޓަރުން ބުނެފައިވާ ގޮތުގައި އެހާ އުހުން ވެއްޓުނު މީހަކު ސަލާމަތް ވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ.

މި ހާދިސާ ހިނގީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. ރެބެކާ ވެއްޓުނީ އާއިލާއަކު ހިނގާލަން ނުކުމެ ހިނގަމުން ހިނގަމުން ގޮސް ފަރުބަދައިގެ ކުރިން ނައްޓާލައިގެންނެވެ. ވަގުތުން އޭނާގެ އާއިލާގެ މީހުން އެއާ އެމްބިއުލެންސަށް ގުޅައިގެން އެމްބިއުލެންސް ހެލިކޮޕްޓަރެއް އައިސް އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އެވެ.

ޔޫކޭ ނޫހަކަށް ރެބެކާ ވަނީ މި ތަޖުރިބާ ކިޔައިދިފަ އެވެ. އޭނާ ބުނި ގޮތުގައި އޭނާ ވެއްޓިގެން ގޮސް ޖެހުނީ ބޮޑު ހިލަގަނޑެއްގެ މަތީގައި ކަމަށާއި އެވަގުތު ބަޔާންކުރަން ވެސް ނޭނގޭ ވަރުގެ ބޮޑު ތަދެއް އިހްސާސް ކުރެވުނު ކަމަށެވެ. ދުވަހަކު ވެސް އެހާ ގަދަ ތަދެއް އިހްސާސް ނުކުރާ ކަމަށާއި މުޅި ހަށިގަނޑަށް ވެސް އެތަދު ފެތުރިގެން ދިޔަ ކަމަށް ރެބެކާ ބުންޏެވެ.

ވެއްޓި ޖެހުމުން އޭނާ ވެއްޓުނީ 60 ފޫޓު މަތިން ކަމަކަށް ވެސް ރެބެކާ އަށް ވިސްނައެއް ނުލެވުނެވެ.

ރެބެކާގެ ދައްތަ ވެސް އެ ދުވަހު އޭނާއާއެކު ހިނގަން ނުކުމެ އުޅުނެވެ. އޭނާ ބުނި ގޮތުގައި ރެބެކާ ވެއްޓުނު މަންޒަރަކީ ހޮލީވުޑް ފިލްމެއް ކަހަލަ މަންޒަރެކެވެ. އެހާ އުހުން އޭނާ ވެއްޓުނުއިރު ހިލަގަނޑުގަނޑުގައި ތެޅެމުން ދިޔަ މަންޒަރު ފެނުނު ކަމަށް ރެބެކާގެ ދައްތަ ބުންޏެވެ.

"ރެބެކާ ވެއްޓުމާއެކު އަހަރެންނަށް ފަރުބަދައިން ތިރިއަށް ބަލާލާފައި ހިތަށް އެރި އޭނާ އެ މަރުވިއްޔޭ ދެން،" ރެބެކާގެ ދައްތަ ބުންޏެވެ.

ނަސީބަކުން ރެބެކާ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓްތައް ހެދިއިރު މާ ބޮޑުކަމެއް އޭނާގެ ހަށިގަނޑަކަށް ވެފައެއް ނެތެވެ. ނަމަވެސް އެކްސްރޭ އިން އޭނާގެ ބޮލަށް ލިބިފައި ހުރި އަނިޔާތައް ފެންނަން އަރިކަށީގެ ވެސް ހަ ބަދަ ބިނދިފައިވާ ކަމަށް ރެބެކާގެ ކޮއްކޮ ބުންޏެވެ. ނަމަވެސް ނަސީބަކުން އޭނާއަށް ހޮސްޕިޓަލުގައި އޮންނަންޖެހުނީ އެންމެ ފަސް ދުވަހު އެވެ.

އެހާ މަތިން ވެއްޓުނު ނަމަވެސް ރެބެކާއަށް ފުރާނަ އަށް ގެއްލުމެއް ނުވެ ސަލާމަތްވުން މިއީ ވަރަށް ނާދިރުގޮތަކަށް ދިމާވި ކަމެއް ކަމަށް އެންމެންވެސް އެއްބަސް ވެއެވެ.