ލައިފްސްޓައިލް

މަތިންދާބޯޓެއްގެ ވިންޑްޝީލްޑް ފަޅާލައި ބޮޑު ދޫންޏެއް ކޮކްޕިޓަށް

އިކުއެޑޯގައި ދާދިފަހުން ހިނގި ވައިގެ އެކްސިޑެންޓެއްގައި ވަރަށް ބޮޑު ދޫންޏެއް މަތިންދާބޯޓުގެ ވިންޑްޝީޕްޑްގައި ޖެހި އެ ވިންޑްޝީލްޑްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް ކޮކްޕިޓަށް ވަދެއްޖެ އެވެ.

ބިއްލޫރިގަނޑުގައި ޖެހި ދޫނީގެ އެއްބައި ޗިސްޗިސްވެގެން ކޮކްޕިޓް ތެރެއަށް ބުރައިގެން ދިއުމުގެ ސަބަބުން ބޯޓު ދުއްވަން އިން ޕައިލެޓް އޭރިއަލް ވަލިއެންޓޭގެ މޫނާއި މުޅި މީހާ ވެސް އިނީ ލެއިން ތަތްތެޅިފަ އެވެ.

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މިހާރު މި ހާދިސާގެ މަންޒަރުތައް ފެންނަ ވީޑީއޯ ދައުރުވަމުން އެބަދެ އެވެ.

މި ވީޑިއޯ ކްލިޕުން ފެންނަނީ ދޫނީގެ ތިރީ ބައި ކޮކްޕިޓްގައި އެލިފައިވާތަނެވެ. އަދި ޕައިލެޓް ލެއިން ތަތްތެޅިފައި އިންދަ އެވެ.

ރަޝިޔާ ޓުޑޭގައިވާ ޚަބަރެއް ބުނާ ގޮތުގައި މި ބޮޑު ދޫނި ވިންޑްޝީލްޑްގައި ޖެހި ވިންޑްޝީލްޑް ތަޅައިގެން ގޮސް ކޮކްޕިޓަށް ވަދެފައިވީ ނަމަވެސް ޕައިލެޓް ވަނީ ވަރަށް ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު މަތިންދާބޯޓު ރަންވޭގައި ޖައްސާފަ އެވެ.

މި ހާދިސާގައި ޕައިލެޓަށް އަނިޔާއެއް ނުވެ އެވެ. އޭނާގެ ގައިގައި ހުރީ ދޫނީގެ ގައިން ބުރައިގެން ދިޔަ ލޭތަކެވެ.

ވީޑީއޯއަށް ކޮމެންޓުކުރި ބައެއް މީހުން ޕައިލެޓަށް ވަރަށް ތައުރީފުކޮށްފައި ވެއެވެ. އަދި މިހާ ބޮޑު އެކްސިޑެންޓެއް ހިނގުމުން ވެސް އޭނާ އެއްވެސް ހާސްކަމެއް ކަންބޮޑުވުމެއް ނެތި ބޯޑު ސަލާމަތުން ރަންވޭގައި ޖައްސާފައި ވަނީ ޕައިލެޓްގެ ކުޅަދާނަކަމުން ކަމަށް ކޮމެންޓުކުރި މީހުން ގަބޫލު ކުރެ އެވެ.

"ނަސީބެއްނު. އަހަންނަށް އެނގިގެން އެހެން އެއާލައިނެއްގެ ޕައިލެޓަކަށް މިފަދަ ކަމެއް ދިމާވެ، އޭނާގެ އެއްލޮލުގެ ފެނުން ގެއްލިފައިވޭ،" މި ޚަބަރަށް ކޮމެންޓުކުރި މީހަކު ބުނެފައި ވެއެވެ.

"އަހަރެން އަޑުއަހަން 'ރޯޑްކިލް' އޭ ކިޔާ އަޑު. އެކަމަކު "އެއާކިލް'ގެ ވާހަކަ އަލަށް މި އަޑުއެހީ،" އިތުރު މީހަކު ކުރި ކޮމެންޓެއްގައި ލިޔެފައި ވެއެވެ.

ޕައިލެޓަށް ތައުރީފުކުރަމުން މީހަކު ބުނެފައިވާ ގޮތުގައި މިއީ ވަރަށް ރަނގަޅަށް ތަމްރީނު ލިބިފައިވާ ޕައިލެޓެއް ކަމަށް ގަބޫލު ކުރެވެ އެވެ. މިފަދަ ހާލަތެއްގައި އެހާ ކެތްތެރިކަމާއި ވިސްނުންތެރިކަން ދެއްކޭނީ ވަރަށް ފުރިހަމައަށް ތަމްރީނު ވެފަ ހުރީމަ ކަމަށް ފްލައިޓް އިންސްޓްރަކްޓަރެއް ކަމަށް ބުނާ މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ވެއެވެ.

އޮންލައިންގައިވާ ވަރަށް ގިނަ ރިޕޯޓުތަކުގައި ވާގޮތުން މިފަހަރުގެ އެކްސިޑެންޓްގައި މަތިންދާބޯޓުގައި ޖެހިފައިވަނީ އެންޑިއަން ކޮންޑޯ ކިޔާ ވަރަށް ބިޔަ ބޮޑު ދޫންޏެކެވެ. މި ދޫނި އާންމުކޮށް ފެންނަނީ އެމެރިކާގެ ހުޅަނގު ދެކުނުގެ އެންޑެސް ފަރުބަދަތަކާއި ޖެހިގެން އޮންނަ ޕެސިފިކް ގޮނޑުދޮށުންނެވެ.