މަތިންދާބޯޓުގައި އިންދާ ދުވަހަކުވެސް ފޯނު އަތުން ދޫވެގެން ވެއްޓުނު ހެއްޔެވެ؟ ނުވަތަ ފޯނު ވީނުވީ ތަނެއް ނޭނގިގެން ގެއްލިން އެ ހޯދަން އުޅުނިން ހެއްޔެވެ؟ ހަމަ ގައިމުވެސް ފޯނު ނުފެނިއްޖިއްޔާ އެ ހޯދަން އުޅޭނެ އެވެ. އަދި ވެއްޓިއްޖިއްޔާ ނަގަން މަސައްކަތް ކުރާނެ އެވެ. އެއީ އެމީހާގެ އަމިއްލަ ފޯނަށް ވާތީ އެވެ.
ނަމަވެސް މިފަދަ ކުޑަކުޑަ ކަމަކުން ވެސް މަތިންދާބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގާފާނެ ކަމަށް ގަބޫލު ކުރެވޭ ހެއްޔެވެ؟ އާނ އެކެވެ. ސީޓުގެ އަޑިއަށް ނަމަ އެކަހަލަ ކަމެއް ދިމާވުމުގެ ފުރުސަތު އެބައޮތެވެ. މިފަދަ ހާދިސާއެއް 2018ގައި ހިނގާފައި ވެސް ވެއެވެ.
ގަންޓަސް ފްލައިޓެއްގައި މެލްބަން އަށް ދަތުރުކުރި މީހެއްގެ ފޯނު މިގޮތަށް ސީޓު ދަށަށް ވެއްޓުމުން އޭނާ އެ ނަގަން މަސައްކަތް ކުރި އެވެ. އޭނާ އެ ނަގަން މަސައްކަތް ކުރަނިކޮށް ފޯނުގެ ބެޓެރިއަށް ހޫނުވެގެން އޭގެން ކުޑަކޮށް ދުން ނުކުންނަން ފެށި އެވެ. އެންމެ ފަހުން މާ ކަންތައް ގޯސްވެގެން ފްލައިޓް އަނބުރާލާފައި ސިޑްނީ އަށް ޖައްސަން ވެސް ޕައިލެޓް ވިސްނި އެވެ. ކުރޫން އެންމެ ފަހުން އަލިފާން ނިއްވާ ފުޅި ޖަހައި އެ ދުންތައް ނާރާގޮތް ހެދީ ކަމަށް ނިއު ޔޯކް ޕޯސްޓްގައިވާ ރިޕޯޓެއްގައި ބުނެފައި ވެއެވެ.
ނަސީބަކުން އެ ފަހަރު މީހަކަށް ނުވަތަ ފްލައިޓަށް ގެއްލުމެއް ނުލިބުނަސް މިއީ ފްލައިޓުގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮތް ކަމެކެވެ. އެމީހާގެ ފޯނަށް އެހާ ބޮޑަށް ހޫނުވީ ފޯނު ވެއްޓިފައި އޮތް ތަނުގެ ގޮތުން އޭނާ ފޯނު ހޯދަން ކުރި މަސައްކަތުގެ ތެރޭގައި ފޯނަށް މާބޮޑަށް ފިތިގެންނެވެ. މިސާލަކަށް ސީޓު ދަށުގައި ފޯނު ތާށިވެފައި އޮއްވާ އެމީހާއަށް އެ ދިމާލަށް މާބޮޑަށް ފިތޭ ގޮތަށް ބާރު ލެވިއްޖެނަމަ ފޯނަށް ބާރު ބޮޑުވާނެ އެވެ.
އެހެންވެ ފްލައިޓް ތެރެއަށް ފޯނެއް ގެއްލިއްޖެނަމަ ފްލައިޓް އެޓެންޑެންޓުން ކައިރި ބުނަން މިހާރު ބައެއް ފްލައިޓްތަކުން ފަސިންޖަރުންނަށް އިރުޝާދު ދެއެވެ. ބާރުގަދަ ލީތިއަމް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ބެޓެރި މާބޮޑަށް ފިތިއްޖެނަމަ އޭގައި އަލިފާން ރޯވުމުގެ ފުރުސަތު އޮންނާތީ އެވެ.
މި ހާދިސާއާ ގުޅިގެން އޮސްޓްރޭލިޔާގެ ސިވިލް އޭވިއޭޝަން ސޭފްޓީ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްމާޓް ފޯނެއް އެއާކްރާފްޓްގެ މެކޭނިޒަމްގެ ތެރެއަށް ވެއްޓިފައި އޮއްވާ ސީޓު ކޮޅުކޮޅަށް ޖައްސާ ހަދައިފިނަމަ ފޯނު ވަރަށް ބޮޑަށް ފިތުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ ސަބަބުން ފޯނުގެ ލީތިއަމް ބެޓެރިއަށް ގެއްލުން ލިބި އެ މާބޮޑަށް ހޫނުވެ އަލިފާނުގެ ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެކެވެ.
އެހެންކަމުން ފޯނެއް ސީޓުގެ އެއް ފަރާތުން އަޑިއަށް ވެއްޓުނަސް ސީޓު ކޮޅުކޮޅަށް ޖައްސާ ނުހަދަން ވެސް މި ބަޔާނުގައި ފަސިންޖަރުންނަށް އިންޒާރު ދީފައި ވެއެވެ. އަދި މިފަދަ ހާލަތެއްގައި ފްލައިޓް އެޓެންޑެންޓެއްގެ އެހީތެރިކަން ހޯދުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ފޯނަށް އެއްވެސް ކަހަލަ ގެއްލުމެއް ވެއްޖެ ނަމަވެސް ފްލައިޓް އެޓެންޑެންޓަށް އަންގަން އެދިފައިވެ އެވެ.
ފްލައިޓް ތެރޭގައި މޯބައިލް ފޯނުގައި ރޯވުމުގެ ބައެއް ހާދިސާތައް މަދުމަދުން ނަމަވެސް ދިމާވެފައި އެބަހުއްޓެވެ. މިއަހަރުގެ އޮގަސްޓް މަހު އެލަސްކާ އެއާލައިންސްގެ ފްލައިޓެއް ތެރޭ މޯބައިލް ފޯނެއްގައި ރޯވެ ބޯޓުގެ ކެބިންގައި އަލިފާން ހިފުމުގެ ސަބަބުން އިމަޖެންސީކޮށް ޖައްސައި ބޯޓުން ވަގުތުން މީހުން ބާލަން ޖެހިފައިވެ އެވެ. އަދި 2018ގައި ރަޔަން އެއާގެ ބޯޓަކުން ދަތުރުކުރި ފަސިންޖަރެއްގެ ފޯނުގައި ވެސް ރޯވެފައި ވެއެވެ.