ހަބަރު

އޯޑިއޯ ވިޑިއޯ މެދުވެރިކޮށް ޝަރީއަތް ހިންގާނެ ގަވައިދެއް ސުޕްރީމް ކޯޓުން ނެރެފި

Jan 21, 2016

އޯޑިއޯ އާއި ވީޑިއޯ މެދުވެރިކޮށް ޝަރީއަތް ހިންގުމުގެ ގަވައިދެއް ސުޕްރީމް ކޯޓުން އެކުލަވައިލާ މާދަމާ އިން ފެށިގެން ގަވައިދާ އަމަލު ކުރާ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

މި ގަވައިދު މިރޭ އާންމުކޮށްފައިވާއިރު ސުޕްރީމް ކޯޓުން ބުނީ މިއީ ގާނޫނުއަސާސީގެ ހަތް ވަނަ މާއްދާ އާއި 141 ވަނަ މާއްދާ އައި 156 ވަނަ މާއްދާ އާއި ކޯޓްތަކުގެ ގާނޫނުގެ 96 ވަނަ މާއްދާ ދަށުން ސުޕްރީމް ކޯޓަށް ލިބިދޭ ބާރުގެ ދަށުން ހަސްމުން ނުވަތަ ހެކިން ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް ބަޔާން ނެގުމަށް އުޒުރުވެރިވާ ހާކަތްތަކުގައި ޝަރީއަތް ހިންގުމުގައި އަދުލު އިންސާފުގެ ހަމަތައް ނުގެއްލޭ ގޮތަށް އަވަހަށް އަދި ރައްކާތެރި ކަމާއެކު އިންސާފު ފޯރުކޮށް ދިނުމިގެ ގޮތުން ހެދި ގަވައިދާ ކަމަށެވެ.

ޖުމްލަ 10 މާއްދާގެ މި ގަވައިދު ބުނާ ގޮތުން އޯޑިއޯ ނުވަތަ ވީޑިއ މެދުވެރިކޮށް ޝަރީއަތް ހިންގޭނީ ހަތަރު ހާލަތެއްގައެވެ. އެ ހާލަތްތައް ކަމަށް ގަވައިދުގައި ބަޔާންކޮށްފައިވަނީ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވާންޖެހޭ މީހާއަކީ ޝަރީއަތް ބާއްވާ ކޯޓް ހުރި ރަށް ނޫން އެހެން ރަށެއްގައި ހުރި މީހަކަށްވެފައި ޖިނާއީ ނުވަތަ މަދަނީ އިޖްރާއަތާ އެއްގޮތްވާ ގޮތުގެ މަތިން އޯޑިއޯ ނުވަތަ އޯޑިއޯވީޑިއޯ މެދުވެރިކޮށް ބަޔާން ނަގަން ޖެހޭ ހާލަތެއް އޮތް ކަމަށް ގަބޫލު ކުރެވިގެން ކަމަށާއި ހެކި ދޭ މީހާއަކީ ކާކުކަން ހާމަ ކުރެވިއްޖެނަމަ އޭނާއަށް ކުރިމަތިވެދާނެ ބިރެއް ނުވަތަ ނުފޫޒެއް އޮތް ކަމަށް ބެލެވިގެން ކާކުކަން ހާމަ ނުކުރެވޭނެ ގޮތަށް ހެކިބަސް ނަގަން ޖެހޭ ނަމަ އެވެ.

މީގެ އިތުރުން އުމުރުން 18 އަހަރު ނުފުރޭ ކުދިންގެ ހެކިބަސް ނެގުމގެ އުސޫލުގެ ދަށުން އެކުއްޖަކު ޝަރީއަތަށް ދޭންޖެހޭ ހެކިބަސް ނަގަން ޖެހުމާއި ޝަރީއަތް ބާއްވާ ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ ބަޔާން ދިނުމަށް އުޒުރުވެރިވާފަދަ ހެއްކަކު ނުވަތަ ހަސްމަކު ބަޔާޏް ދިނުމަށް އުޒުރުވެރިވާފަދަ ހާލަތެއް އޮތް ކަމަށް ކޯޓަށް ގަބޫލު ކުރެވޭނަމަ އެވެ.

މި ގަވައިދުގައި މި ބައިތަކުގެ ތަފުސީލްތައް ވެސް ހިމާފައިވެއެވެ.