ހަބަރު

މާލިއްޔަތު ގާނޫނު ތަންފީޒު ކުރުމުގައި އަސްކަރިއްޔާ ނަމޫނާ ދައްކަން ޖެހޭ: އޮޑިޓާ ޖެނެރަލް

  • އެންމެ ބޮޑު ބަޖެޓެއް ދޭ ބަޔަކަށް އަސްކަރިއްޔާ
  • އަސްކަރިއްޔާއިން ހޭދަ ކުރަން ވާނީ އުސޫލުތަކުގެ ތެރެއިން
  • މުވައްޒަފުން އަހުލުވެރި ކުރުވަން ހާއްސަ މަސައްކަތްތަކެއް

އެމްއެންޑީއެފް އާއި ޑިފެންސް މިނިސްޓްރީ އިން މާލިއްޔަތުގެ ގަވާއިދު ތަންފީޒު ކުރުމުގައި އެހެން މުއައްސަސާ ތަކަށް ނަމޫނާއަކަށް ވާން ޖެހޭ ކަމަށް އޮޑިޓާ ޖެނަރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެ އެވެ.

މާލިއްޔަތު ގާނޫނާއި ގަވާއިދަށް އެމްއެންޑީއެފް، ޑިފެންސް މިނިސްޓްރީގެ މުވައްޒިފުން އަހުލުވެރި ކުރުމަށް ކޯސްޓް ގާޑު އިމާރާތުގައި ބޭއްވި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ޒިޔަތު ވިދާޅުވީ މާލިއްޔަތު ގަވައިދަކީ މާލީ ކަންކަން ހިނގައި ބެލެހެއްޓުމުގެ ގަވާއިދު ކަމަށް ވުމުން، މާލީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ކުރާ މުވައްޒިފުންނަށް މި ގަވާއިދު އެނގުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ހާއްސަކޮށް އެމްއެންޑީއެފް އަދި ޑިފެންސް މިނިސްޓްރީ ފަދަ ބަޖެޓުން ބޮޑު ހޭދައެއް ކުރާ ދެ މުވައްސަސާ އިން މި ގަވާއިދު ފުރިހަމަޔަށް ތަންފީޒު ކުރުމަކީ މުހިންމު ކަމެއް ކަމަށް ޒިޔަތު ވިދާޅުވި އެވެ.

"މި ދެ މުވައްސަސާ އަކީ ވަރަށް މުހިންމު އަދި މީހުން އެހާމެ ގަދަރު ކުރާ ދެ މުވައްސަސާ. އެހެން ކަމުން މިފަދަ މުވައްސަސާތަކަކީ ގާނޫނާއި ގަވާއިދު ތަންފީޒު ކުރުމުގައި އެހެން މުވައްސަސާތަކަށް ނަމޫނާއަށް ވާންޖެހޭ ކަން އަޅުގަނޑު ދެކެން. އަދި އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިހާރުއްސުރެ، އެ އިދާރާގެ އިތުރުން ނެޝަނަލް ޑިސާސްޓާ މެނޭޖްމަންޓްއާއި އޭވިއޭޝަން ކޮމާންޑް ސެކުރިޓީ މުވައްޒިފުންނަކީ މިހާރުވެސް ގިނަ ގަވާއިދަށް އަހުލުވެރި ބޭފުޅުން، ޒިޔަތު ވިދާޅުވި އެވެ.

އޮޑިޓާ ޖެނެރަލް ވިދާޅުވީ މުސާރައާ ގުޅުން ހުރި ހިސާބުތައް ބެލެހެއްޓުމާއި، ހިދުމަތާއި ތަކެތި ހޯދުމުގައި އަމަލު ކުރަން ޖެހޭ ގަވާއިދާއި، ތިޖޫރީގައި ހުންނަ ފައިސާ ބެލެހެއްޓުމުގެ އަތްމަތީ ގަވާއިދާ އެއްގޮތަށް ހިސާބުތައް ބެލެހެއްޓުން އަދި ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުމަކީ މާލިއްޔަތުގެ ގަވާއިދުގައި ހުރި އެންމެ މުހިންމު ބައިތަށް ކަމަށެވެ. އަދި މި ވޯކްޝޮޕް ނިމޭ އިރު މި ބައިތަކަށް ސަމާލުކަންދީ އެކަން ކަމަށް އަހުލުވެރި ވާނެ ކަމަށް އުންމީދު ކުރާ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.

މިއަދު މި ފެށީ، ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފް އަދި ނެޝަނަލް ޑިސާސްޓާ މެނޭޖްމަންޓާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒިފުން ގުޅިގެން ހަތަރު ދުވަހަށް ކުރިޔަށް ގެންދާ ވޯކްޝޮޕެކެވެ.