ދުނިޔެ

ސްވިޑަންގެ ޕްރިންސެސް މެޑަލީން އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވަނީ

ސްވިޑަންގެ ޕްރިންސެސް، ޕްރިންސެސް މެޑަލީން ރާއްޖޭގައި އެކަމަނާގެ އާއިލާ އާއެކު ޗުއްޓީ ހޭދަކުރައްވަމުން އެބަ ގެންދަވަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި މެޑަލީންގެ ފިރިކަލުންނާއި ދެބޭފުޅުންނާއެކު ޗުއްޓީ އަށް ވަޑައިގެން އުޅުއްވަނީ ސޯނެވާ ފުށި ރިސޯޓުގެ އެންމެ އަގު ބޮޑު ޕްރައިވެޓް ވިލާގަ އެވެ.

އެރިސޯޓަށް ވަޑައިގެން ނަންގަވާފައިވާ ފޮޓޯ ތަކެއް ޕްރިންސެސް މެޑަލީން ވަނީ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ޝާއިއު ވެސް ކުރައްވައިފަ އެވެ. އަދި ހުއްދަ ނެތި އެމީހުންގެ ފޮޓޯ ނެގުމުން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައި ވެސްވެ އެވެ. ޕްރިންސެސް މެޑަލީން އަކީ "ލޯ ޕްރޮފައިލް" ބޭފުޅެއް ކަމަށް ވިދާޅުވެފައިވެ އެވެ.

އުމުރުފުޅުން 33 އަހަރުގެ މެޑަލީން ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވަމުން ގެންދަވަނީ ވަރަށް ސިއްރުން ކަމަށާއި ރާއްޖޭގައި އެމީހުން ޗުއްޓީ ހޭދަކުރާ ސޮނެވާ ފުށި ރިސޯޓުގެ އުސޫލުތައް އޮންނަ ގޮތުން އެކަމާއި ބެހޭ މާބޮޑު މައުލޫމާތެއް ނުލިބޭ ކަމަށް ހަބަރުތައް ބުނެ އެވެ.

މެޑަލީން ކައިވެނި ބައްލަވައިގެން އުޅުއްވަނީ އިނގިރޭސި ވިލާތަށް އުފަން އެމެރިކާގެ ވިޔަފާރިވެރިއެއް ކަމުގައިވާ ކްރިސްޓޮފާ އޯނީލްއާ އެވެ. ދެމަފިރިންގެ މި ލޯތްބަށް އަންހެން ދަރިކަނބަލަކާއި ފިރިހެން ބޭފުޅަކު ލިބިވަޑައިގެންފައިވެ އެވެ. އެއީ ޕްރިންސެސް ލިއޮނޯ އާއި ޕްރިންސް ނިކޮލަސް އެވެ.

ޕްރިންސެސް މެޑްލީން އަކީ ސްވިޑެންގެ ޝާހީ އާއިލާގެ ތަހުތާ ހަތަރު ވަނަ އަށް އެންމެ ގާތުގައި ހުންނެވި ފަރާތެވެ.