ހަނިމާދޫ

ހަނިމާދޫ އެއާޕޯޓުގެ ބޮޑު މަޝްރޫއު ފަށައިފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިރޭ ފަށައިފި އެވެ.

ހަނިމާދޫގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއު ފަށްޓަވައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި މިހާރު ރާއްޖެއަށް ވަޑައިގެން ހުންނެވި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރެވެ.

މި މަޝްރޫއުގެ ދަށުން މިހާރު ހަނިމާދޫގައި އޮތް 1.8 ކިލޯ މީޓާރުގެ ރަންވޭ ބޮޑު ކުރާނެ އެވެ. އެގޮތުން އަލަށް ތަރައްގީކުރާ ރަންވޭގައި 2.24 ކިލޯ މީޓަރު ހުންނާނެ އެވެ. އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ވަރުގެ ޓާމިނަލްއެއް އެޅުމަށްވެސް ނިންމާފައިވެ އެވެ. މީގެ އިތުރުން ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށް ނިމުމުން އެ އެއާޕޯޓުގައި 2461 މެޓްރިކް ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ ފެސިލިޓީއެއް ހުންނާނެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ހަވާލުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.

ހަނިމާދޫ އެއާޕޯޓަށް އަންނަ ބަދަލުތައް

  • އެއާސައިޑް، ލޭންޑްސައިޑް އަދި އިމާރާތްތަކުގެ އިންފްރާސްޓްރަކްޗާ އަޕްގްރޭޑް ކުރުން
  • އެއާޕޯޓުގެ ރަންވޭ 1350 މީޓަރުން 2460 މީޓަރަށް ފުޅާކުރުން
  • ދިގުމިނުގައި 164 މީޓަރާއި، ފުޅާމިނުގައި 34 މީޓަރު ހުންނަ، އަދި ދެފަރާތުގައި 5.5 މީޓަރުގެ ދެ ޓެކްސީވޭ
  • ލޭންޑް އަދި ސީސައިޑް ކަނެކްޓިވިޓީ އާއި ޕެސެންޖާ ފެސިލިޓޭޝަން ހިމެނޭހެން 10،230 އަކަމީޓަރުގެ އިމާރާތެއް
  • އޮޕަރޭޝަނަށް އެކަށީގެންވާހެން ގާތްގަނޑަކަށް 58،000 އަކަމީޓަރުގެ އޭޕްރޮންއެއް ވަނީ ފަރުމާކުރުން
  • ކޯޑް އެއާކްރާފްޓްތަކުގެ އޮޕަރޭޝަން ތަކަށް އެކަށީގެންވާ ޕެސެންޖާ ޓާމިނަލެއް ގާއިމުކުރުން

ޖޭއެމްސީ އަކީ މިހާރުވެސް ފްލެޓް އެޅުމާއި ފެނާއި ނަރުދަމާގެ މަޝްރޫތައް ރާއްޖޭގައި ކުރިއަށް ގެންދާ ކުންފުންޏެކެވެ. އިންޑިއާގައި ޖޭއެމްސީ އަކީ އިމާރާތްކުރުމާއި ހަކަތައިގެ ދާއިރާގައި ބިޔަ މަޝްރޫއުތައް ހިންގާ ކުންފުންޏެކެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ޖޭއެމްސީއާ ހަވާލުކުރީ 136.6 މިލިއަން ޑޮލަރު -- 2.1 ބިލިއަން ރުފިޔާ އަށެވެ. މިމަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ނިޔަލަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫ ނިމުމުން އެއާބަސް A320 އާއި ބޮއިން 737 މަރުކާގެ ބޯޓުފަހަރަށް އެ އެއާޕޯޓުގައި ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.